ފަންނިއްޔާތުގެ އެހީގައި ދިވެހިބަސް ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން، ބަހުގެ އެކި މަޢުލޫމާތުތައް ފަސޭހަކަމާއެކު ދެނެގަނެވޭނެ ގިނަ އައު ސިފަތަކަކާއެކު ދިވެހިބަހުގެ ރަދީފުގެ އައު އިސްދާރު ދިވެހިބަހުގެ އެކެޑަމީން ނެރެފިއެވެ.
މި އައު އިސްދާރުގެ މޯބައިލް އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ. ހަމައެއާ އެކު، ބޭނުންކުރާ ފަރާތްތަކަށް ކަމުދާ ލަފުޒުތައް ފާހަގަކޮށް ރައްކާކުރެވޭނެ ނިޒާމެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. ކުރީގެ އަޕްޑޭޓް (އިސްދާރު) ތަކުގައި ލަފުޒެއްގެ މާނަ އެހެން މީހަކާ ހިއްސާކުރެވެނީ ލިންކެއްގެ ސިފައިގައި ނަމަވެސް މިހާރު ލަފުޒާ އެކު އޭގެ މާނަ ވެސް ސީދާ ހިއްސާކޮށްލެވޭނެއެވެ.
އަދި އާންމުކޮށް ބޭނުންކުރާ ރަސްމީ ބަހުގެ އިތުރުން، ރާއްޖޭގެ އެކި އަތޮޅުތަކުގެ ބަހުރުވަ ރަދީފުތަކާއި ބޯދާބަސްތައް ވެސް މި އިސްދާރުން ވަކިން ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން، ކުރިން ވެސް ފެންނަން ހުންނަ “ދުވަހު ލަފުޒު”ގެ ލިސްޓު އެއްތަނަކުން ފެންނާނެހެން، ކުރީގެ ކޮންމެ ދުވަހެއްގެ ލަފުޒެއް ވިޔަސް “ދުވަހުގެ ލަފުޒު” ބައިން މިހާރު ވަކިން ބަލައިލެވޭނެއެވެ.
އުނގެނުމާއި ދިރާސާކުރާ ފަރާތްތަކަށް މަސައްކަތް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ނަމާއި، ކަމާއި، ނަންއިތުރު ފަދަ ޤަވާއިދުގެ ބައިތައް ވަކިން ބަލައިލެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ. އަދި އަދަބީ ގިންތީގެ ބަސްތަކާއި، މިސާލުބަހާއި ހަރުބަސް ފަދަ ބައިތައް ވަކި ގިންތިތަކަކަށް ބަހައިލެވިފައިވާއިރު، ދޫންޏާއި، ގަސްގަހާގެއްސާއި، ބަލިބަލީގެ ނަންތައް ފަދަ ތަފާތު ގުރޫޕުތަކުގެ ލިސްޓުތައް ވެސް މިހާރު ރަދީފުން ފެންނަން ހުންނާނެއެވެ.
މި އައު އިސްދާރުގައި މިހާރުގެ ތަފާސްހިސާބުތަކާއި ބަހުގެ ބައެއް ހަރަކާތްތައް ހިމަނާފައިވާއިރު، ބަހަށް ލޯބިކުރާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ބަހުގެ ބައެއް ކުޅިވަރުތައް ވެސް ވަނީ ތައާރަފުކޮށްފައެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ މިއީ ބޭނުންކުރާ ފަރާތްތަކުގެ ޚިޔާލާއި، އައު ލަފުޒުތަކާއި މާނަ ހުށަހެޅޭނެހެން ފަރުމާކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށާއި، މި އެޕްލިކޭޝަން އިތުރަށް ތަރައްގީކުރަމުންދާނެ ކަމަށެވެ. އެހެންކަމުން އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން އިސްލާހާއި ޚިޔާލުތައް ހިއްސާކުރަމުން ގެންދިއުމަށް އެކެޑަމީން އެދިފައިވެއެވެ.
މީގެ އިތުރުން ދޫންޏާއި ގަސްގަހާގެހި ފަދަ ތަފާތު ގުރޫޕުތަކުގެ ބައިތައް ކުރިއަށް އޮތް ތަނުގައި އިތުރަށް މުއްސަނދިކޮށް ތަރައްގީކުރާނެ ކަމަށް ވެސް ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ.
ރަދީފު އެޕަށް މި ގެނައި ބޮޑެތި ބަދަލުތައް ތަރައްގީކޮށްފައި ވަނީ ބަސް ކޮމިޓީގެ ލަފާގެ މަތިން ޑިވެލޮޕަރު އަޙްމަދު ނަދީމެވެ.




