ލިޔުނީ: ގޮއިދޫން އަހްމަދު ރިޔާޒު
ބ. ގޮއިދޫގައި ގިނަދުވަސްތަކެއް ވަންދެން ވެރިކަމުގެ ދާއިރާ ހިންގުމުގައި މަސައްކަތް ކުރެއްވި ކުރީގެ ބޮޑުކަތީބު އަބްދުލްޤައްޔޫމް ޒަކަރިއްޔާ، ވިކްޓްރީހައުސް / ބ. ގޮއިދޫ (79 އަހަރު) ނިޔާވެއްޖެއެވެ.
އަބްދުލްޤައްޔޫމް ނިޔާވީ މިދިޔަ ހަފްތާތެރޭގައި ކުއްލިއަކަށް މާބޮޑަށް ބަލިވެގެން ސްރީލަންކާއަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައިކަމަށް އާއިލާއިން ބުނެއެވެ.
އަބްދުލްޤައްޔޫމްއަކީ ގޮއިދޫގެ ވެރިކަން ހިންގުމުގެ ދާއިރާގައި 40 އަހަރަށްވުރެ ގިނައަހަރު ޚިދްމަތް ކުރައްވާފައިވާ، އަދި ބޮޑުކަތީބުގެ މަގާމްގައި ހުންނެވުމަށްފަހު ދެހާހުގެ އަހަރުތަކުގެ ފަހުކޮޅު ސިވިލްސާވިސްއިން ރިޓަޔާކުރެއްވި ބޭފުޅެކެވެ.
ގޮއިދޫ ކައުންސިލް އިދާރާގައި އަބްދުލްޤައްޔޫމް އާއެކު 33 އަހަރު މަސައްކަތް ކުރެއްވި އޭރުގެ ކުޑަކަތީބު އަބްދުއްރަހީމް އަހްމަދު އީވީއަށް ވިދާޅުވީ އަބްދުލްޤައްޔޫމްއަކީ ގޮއިދޫގެ ތަރައްޤީއަށް މިހާތަނަށް ކުރެވިފައިވާ ބޮޑެތި ހުރިހާ މަސައްކަތްތަކުގެ މޭސްތިރިޔާ ކަމަށެވެ. އަދި އޭނާއަކީ ރައްޔިތުންނާ ވަރަށް ގުޅުންބޮޑު ހިތްޕުޅު ހެޔޮ ބޭފުޅެއްކަންވެސް އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ.
ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ މިއަދު މުޅި ގޮއިދޫވެސް ރޮއްވާލައިފިކަމަށާ، ގެއްލިގެން އެދިޔައީ މުޅިރަށުގެ ބައްޕަކަމަށެވެ.
އަބްދުލްޤައްޔޫމް ނިޔާވިއިރު އޭނާގެ އަނތްބަކާއި، 8 ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަދި 26 ކާފަ ދަރިންނާ، 5 މުނިކާފަ ދަރިންވެސް ދުނިޔޭގައި އެބަތިއްބެވެ.
ޤައްޔޫމްގެ ޖަނާޒާ އޮންނާނީ ސްރީލަންކާގައިކަމަށް އެއާއިލާއިން ބުނެއެވެ. މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރަމެވެ. އެދި މަރްހޫމްގެ އާއިލާއަށް ކެންތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން..