އިއްޔެވެސް އެންމެ ގަދަޔަށް ވައިޖެހުނީ ބ. ދަރަވަންދުއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓުން މިއަދު ވަނީ އިއްޔެ އެންމެ ވައި ގަދަވި ރަށްތަކާއި ވާރޭ ވެހުނު ރަށްތަކުގެ ތަފާސްހިސާބު ހާމަކޮށްފައެވެ.
އެގޮތުން އެންމެ ވައި ގަދަވެފައި ވަނީ ދަރަވަންދުއަށް ކަމަށް ވާއިރު އާއްމުގޮތެއްގައި 23 މޭލަށް ވައި ހުންނަ ދަރަވަންދުއަށް އިއްޔެ 65 މޭލު ބާރުމިނުގައި ވައި ޖެހިފައިވެއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޯމަދުވަހުވެސް އެންމެ ގަދައަށް ވައިޖެހިފައިވަނި ދަރަވަންދުއަށެވެ. އެދުވަހު ދަރަވަންދުއަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވި އެވެ.
ދެވަނައަށް އިއްޔެ އެންމެ ވައި ގަދަވީ މާލެއަށެވެ. އާއްމުކޮށް 23 މޭލުގެ ބާރުމިނެއްގައި ވައިޖެހޭ މާލެއަށް، އިއްޔެ ވަނީ 56 މޭލަށް ވައި ގަދަވެފައެވެ. ތިން ވަނައަށް އެންމެ ވައި ގަދަވީ ކ. ގާފަރަށެވެ. އާއްމުކޮށް 21 މޭލަށް ވައިޖެހޭ އެ ރަށަށް އިއްޔެ ވަނީ 52 މޭލު ބާރުމިނުގައި ވައިޖެހިފައެވެ.
އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ ހުޅުލެއަށެވެ. އެގޮތުން ހުޅުލެއަށް 37.2 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، ހުޅުމާލެއަށް ވަނީ 36.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި މާލެއަށް 31.0 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މާލޭ ސަރަހައްދުގެ އިތުރުން ދެން އެންމެ ގިނައިން ވާރޭ ވެހުނީ ރ. އިފުރަށެވެ. އެ ރަށަށް 34.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މެޓް އޮފީހުން ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފަ އެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް އަންނަނީ ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވެ، ބޯކޮށް ވާރޭ ވެހެމުންނެވެ.