ރޯދައިގެ ކުރިން އޭދަފުށިން ގޯއްޗަށް އިއުލާން ކުރުމުގެ އުއްމީދު ބޮޑު – އަލީ ޝަފީޤް

DSCN3538.jpg

އަންނަ ރޯދައަށް ހަނދު ބެލުމުގެ ކުރިން އޭދަފުށިން ގޯއްޗަށް އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލެވޭނޭ ކަމުގެ އުއްމީދު ވަރަށްބޮޑު ކަމަށް އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު ވިދާޅުވެއްޖެއެވެ.

ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ދާގޮތާމެދު އީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވިދާޅުވީ ގޯތިދޫކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށާ، ރައްޔިތުން ކަންބޮޑުވާނެޖެހޭ ކަމެއް މިކަމުގައި އޮވެގެން ނުވާނެކަމަށެވެ.

“އަސްލު ހަގީގަތުގައި މިހާރު މަސައްކަތުގެ ސްޕީޑް ވަރަށް ބާރަށް އެބަދޭ. މިވަގުތު ގޯތި ދޫކުރުމުގެ އުސޫލު ފާސްކުރުމުގެ މަސައްކަތް މިދަނީ ކުރިޔަށް. އަންނަ ހަފްތާތެރޭގައި ކައުންސިލުން ގޯތިދޭ އުސޫލު ފާސްކޮށް ނިމޭވަރުވާނެ. އެ އުސޫލަށް އެލްޖީއޭ ވަނީ ލަފާދީފައި. ދެން އޮންނާނީ ރައްޔިތުގެ ތެރެއިން ވިލަރެސް ކޮމެޓީއެއް ނެގުން. އޭގެ ފަހުން ގޯއްޗަށް އިއުލާން ކުރުން ލަސްނުވެ ކުރިޔަށް ގެންދެވޭނެ. ރޯދައިގެ ކުރިން އިއުލާން ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު” އަލީ ވިދާޅުވިއެވެ.

އަލީގެ ވާހަކައަށް ބާރުދެއްވައި ކައުންސިލްގެ އެހެން މެމްބަރަކު ވެސް މިއަދު އީވީއާ ވާހަކަ ދެއްކެވިއެވެ. ނަން ހާމަކުރުމަށް އުޒުރުވެރިވަމުން އޭނާވެސް ވިދާޅުވީ ރައްޔިތުންގެ ޕްރެޝަރު ކައުންސިލަށް ބޮޑުވެފައި ވުމާއެކު، މިމަސައްކަތުގެ ތެރެއަށް އެމްޕީ ސަލީމްވެސް މިހާރު ވަންނަވާފައިވާ ކަމަށެވެ.

”އެލްޖީއޭއިންވެސް ލަފާލިބުން އަވަސްވީ އެމްޕީ ސަލީމް ގެ ޕްރެޝަރާއެކު. މިހާރު ސަރުކާރު ތެރެއިން ލަސްވާންޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ. އެހެންވީމާ ނައިބުގެ ވާހަކައަކީ ގަބޫލުކުރެވޭ ވާހަކައެއް. ރޯދައިގެ މާކުރިންވެސް އިއުލާންކުރެވޭނެކަމަށް ފެނޭ“

އޭދަފުށިން 158ގޯތި ދޫކުރުމަށް ރަށު ކައުންސިލްގެ މިދިޔަ ދައުރުގައި ކުރި މަސައްކަތް ފެއިލްވީ ގޯތި ލިބޭމީހުންގެ ވަގުތީ ލިސްޓް ނެރުނުފަހުން ކޯޓު އަމުރަކުން އެކަން ހުއްޓުވައިގެންނެވެ.

މިހާރުގެ ކައުންސިލުން ގޯތިދިނުމުގެ މަސައްކަތް އަލުން ފެށީ ކޯޓުން މިދިޔަ އަހަރު ކައުންސިލާ ދެކޮޅަށް މައްސަލަ ނިންމުމާ ހަމައިންނެވެ. އަލީ ވިދާޅުވީ މިދިޔަ އަހަރު މަސައްކަތްތައް އެކަށީގެންވާ ސްޕީޑްގައި ކުރިޔަށް ނުގެންދެވުނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާއާއި ގުޅިގެން މިމަސައްކަތް ވަގުތީގޮތުން މަޑުޖައްސާލުމަށް ގާނޫނީ ގޮތުން ލަފާދީގެން ކަމަށެވެ.

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި އެންމެފަހުން އޭދަފުށިން ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ. އަލަށް ދޫކުރާ 158 ގޯއްޗަކީ 2014 ވަނައަހަރު އޭދަފުށިން ހިއްކި 26 ހެކްޓަރު ބިމުގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާ ގޯތިތަކެކެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު