
މަޖިލިސް ބަހުސްގައި މިއަދު ސަލީމް ވާހަކަދައްކަވަނީ. ޔަޒީދު ބަހުސްގައި ބައިވެރިނުވީ ބިރުންކަމަށް ވިދާޅުވި. / ފޮޓޯ ފޭސްބުކް
އެމްބީސީން އިންތިޒާމްކޮށްގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މަޖިލިސް ބަހުސަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި އަބްދުﷲ ޔަޒީދު ނޭރީ “ގަންނާކުރެއްވި ބިރުންކަމަށް” ޕީޕީއެމް ކެންޑިޑޭޓް އަހްމަދު ސަލީމް ރެޑްވޭވް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ މިއަދުގެ ބަހުސަށްފަހު ފޯނުން އީވީއަށް ވާހަކަދައްކަވަމުންނެވެ. ސަލީމް ވިދާޅުވީ ބަހުސް ގަޑިޖެހެންދެންވެސް ބަހުސްގައި ބައިވެރިވާނެކަމަށް ޔަޒީދު ބުނިކަމަށް އެމްބީސީންވެސް ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އެންމެފަހުވަގުތު ގަތްބިރުން ހޮސްޕިޓަލްގައި އޭނާ އެޑްމިޓްކޮށްފައިވާކަމަށެވެ.
“އެންމެފަހު ގަޑީގައި ފޯނުވެސް ނުނެގިކަމަށްވަނީ. އެހެންނު ވާނީވެސް. މިކަހަލަ ޕޯޑިއަމަކަށް އާވީމާ ބިރުގަންނަނީހަމަ. ގަންނާކުރެއްވިބިރުން އޮތީ ހޮސްޕިޓަލްގަ ކަމަށްވަނީ. މިފެންވަރުގެ މީހުން މިކުރިމަތިލަނީ” ސަލީމްވިދާޅުވިއެވެ.
އެހެންނަމަވެސް ބައެއް މީޑިއާތަކަށް ޔަޒީދު ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާއަށް ބަހުސަށް ނުދެވުނީ އޭނާގެ ދަރިއަކު ކުއްލިއަކަށް އޮޕަރޭޝަނެއް ކުރަންޖެހިގެން ހޮސްޕިޓަލަށް ދާންޖެހިގެންކަމަށާ، އެކަމަށްޓަކައި ރައްޔިތުންގެ ކިބައިން މާފަށް އެދޭކަމަށެވެ.
މިއަދު ބޭއްވި އޭދަފުށީ ދާއިރާގެ ބަހުސްގައި ސަލީމްގެ އިތުރުން އެމްޑީޕީން ކުރިމަތިލެއްވި ހިސާން ހުސައިން ބައިވެރިވިއެވެ.