
ބ. ހިތާދޫ. ހިތާދޫގެ ނަރުދަމާގެ މަސައްކަތް މިއަހަރު މެދުތެރޭ ފެށޭނެކަމަށް ސަލީމް ވިދާޅުވޭ / އީވީ ފައިލް ފޮޓޯ
މިއަތޮޅު މާޅޮހާ، ހިތާދޫގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަމަށް އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ އެމްބީސީން ބޭއްވި މަޖިލިސް ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ބަހުސް މޮޑަރޭޓަރު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ސަލީމް ވިދާޅުވީ ދާއިރާގެ އޭދަފުށީގެ އެންމެ ދަތިމައްސަލަ ކަމުގައިވާ ބިންހިއްކުން އިންތިހާބުގެ ކުރިން ފެށޭވަރުވާނޭކަމަށެވެ. އަދި ހިތާދޫ އާއި މާޅޮހަށް މިހާރު އެންމެ ދަތިވެފައިވާ ނަރުދަމާގެ މައްސަލަވެސް ބަޖެޓްކުރެވި ސާވޭކުރުމުގެ މަރުހަލާގައި ވާކަމަށެވެ.
“އޭދަފުށީގެ ބިންހިއްކުން އިންތިހާބުކުރިން ނުފެށޭނެކަމެއް ނޭގޭ. މާޅޮހާ ހިތާދުއަށް އެންމެ ދަތިވަނީ ނަރުދަމާއެއް ނެތީމާ. އެނިޒާމް އެޅުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ.”
ސަލީމް ވިދާޅުވީ މިއަހަރުގެ ތެރޭގައި އޭދަފުއްޓާ، މާޅޮސް އަދި ހިތާދޫގައި ފެންހޮޅި އެޅުމާބެހޭގޮތުންވެސް ކުރަންޖެހޭ ސާވޭތައް ކުރާނެކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނާ ކަމަށެވެ. އޭނާ ވިދާޅުވީ މިސަރުކާރުން މިދާއިރާގެ ރަށްރަށަށް ދަތިވެފައިވާ ކަންކަން 5 އަހަރު ނިމިގެންދާއިރު ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.