ބ. އަތޮޅު އޭދަފުށީގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ދަ ބިގިނާސް (ޓީބީ) އަށާ، މާޅޮހު މާރެސް ޖަމްއިއްޔާއަށް އޭދަފުށީ ދާއިރާގެ މެމްބަރ އަހްމަދު ސަލީމް ޖުމްލަ 40000ރ ގެ ފައިސާގެ އެހީއެއް ދެއްވައިފިއެވެ.
ސަލީމް ވަނީ މިކަން އީވީއަށް ޔަޤީން ކޮށްދެއްވާފައެވެ. ސަލީމް ވިދާޅުވީ ޓީބީއަށް ދެއްވީ 30000ރގެ ފައިސާގެ އެހީކަމަށާ، އެއީ ނިމިދިޔަ ބ. އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖް މުބަރާތް ހިންގުމަށްޓަކައި ކަމަށެވެ. މާރެސް ޖަމްއިއްޔާއަށް ސަލީމް ދެއްވީ 10000ރގެ އެހީއެކެވެ. އެއީ މިދިޔަ ހަފްތާ ކުރިޔަށްގެންދިޔަ އަތޮޅު އަންހެން ވޮލީ ބޯޅަ މުބާރާތް ކުރިޔަށް ގެންދިއުމަށެވެ.
އޭދަފުށީ ދާއިރާގެ މަޖްލިސް މެމްބަރު ދާއިރާގެ ރަށްރަށުގެ ޖަމްއިއްޔާތަކަށް ދެއްވަމުންގެންދަވާ އެހީތަކާ ބެހޭގޮތުން އީވީއަށް ވިދާޅުވީ ދާއިރާގެ ކޮންމެ ޖަމްއިއްޔާއަކުންވެސް މުޖްތަމައުގެ ލާބަޔާ މަންފާއަށް އަދި ރައްޔިތުންގެ ދުޅަހެޔޮކަމަށް ޖަމިއްޔާ، ޖަމާއަތްތަކުން ކުރައްވާ މަސައްކަތްތަކަށް އަދިވެސް އެހީތެރިވަމުންގެންދަވާނެކަމަށެވެ. އަދި މިއީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
“މިއީ އަބަދުވެސް އަޅުގަނޑު ދެމުން އަންނަ އެހީތަކެއް. އަދި އިރާދަކުރެއްވިއްޔާ އަބަދުވެސް މިއެހީތައް ފޯރުކޮށްދޭނަން. ދާއިރާގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ހަރަދުކުރެެވޭ ކޮންމެ ރުފިޔާއަކުންވެސް އަޅުގަނޑަށް ލިބެނީ އުފާވެރިކަން” ސަލީމް ވިދާޅުވިއެވެ.
އޭދަފުށީ ދާއިރާގެ ދެރަށަކަށް ޖުމްލަ 40000ރ ގެ އެހީ ސަލީމް މިމަހު ދެއްވި އިރު ދޭތެރެ ދޭތެރެއިން ދާއިރާގެ ކޮންމެވެސް ރަށެއްގެ ޖަމްއިއްޔާއަކަށް ބޮޑެތި އެހީތައް ވެދެއްވަމުން ގެންދަވައެވެ. އެގޮތުން ހިތާދޫގައި ވަރަށް ފަހުން ހުޅުވި ކުޑަކުދިންގެ ޕާކް ހެދުމަށް އެރަށު ހިދާ ޖަމްއިއްޔާއަށް 50000ރގެ އެހީއެއްދިނުމާ، މިނިވަން ޗެންޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޚަރަދުތަކަށްވެސް ބޮޑުއެހީއެއް ދެއްވިއެވެ. އަދި މާޅޮހުގެ ބަނދަރު މަރާމާތުކުރުމަށް ވަރަށްފަހުން އެރަށު ކައުންސިލަށް 150 ކޮތަޅު ސިމެންތިވެސް އެމްޕީ ސަލީމްވަނީ ހަދިޔާކުރައްވާފައެވެ.