ފުޅަދޫ މަސްވެރިން ބޮޑު”ސަންފިޝް“އެއް ބާނައިފި 

352915_3_ae0c51db5c8276e9148876b09e4f1fdaec629454_large-pzhddzfz1de1h0mjob5xzy20pepavkfbova519thmw.jpeg

ފުޅަދޫ މަސްވެރިން ބޭނި މޮލަމޮލަ މަސް.-- ފޮޓޯ/ މިހާރު

ކަނޑުތަކުން ވަރަށް މަދުން ނޫނީ ނުފެންނަ އާދަޔާ ޚިލާފަށް ބޮޑު”ސަންފިޝް“ އެއް ބ.ފުޅަދޫ މަސްވެރިން ބާނައިފި އެވެ.

ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓް، އަދި ފުޅާ މިނުގައި 4 ފޫޓު ހުރި މި މަސް ބާނާފައި ވަނީ ފުޅަދޫގެ ހުޅަނގު ކަނޑުތެރެއިން ކަނޑި ހިބަރު ބާނަން ނުކުމެ އުޅުނު ފުޅަދޫ ބައެކެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަސްތަކުގެ ތެރޭގައި މިމަހެއް ނުހިމެނެއެވެ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒްހަރު ވިދާޅުވީ، މި މަސް ރަށަށް ގެނައީ އެމަސް އަޑިން ނެގިއިރު ވަރަށް ބޮޑަށް ވައި އަރައިފައި އޮތުމުން ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.

ކަނޑުގެ އަޑިން ބާނާ މިފަދަ ބައެއް މަސްތައް އަޑިން ނަގާއިރު ވައި އަރާ ލޯވެސް ބޭރަށް ނުކުމެފައި ހުރެއެވެ. އެހެން ކަމުން އެގޮތަށް ވައި އަރާފައި ހުންނަ މަސް ސަލާމަތްވުމުގެ ފުރުސަތު ކުޑަވެއެވެ.

500 އެއްހާ މީޓަރުގެ ފުނުގައި އުޅޭކަމަށް ބުނާ މިމަސް ފުޅަދޫ މަސްވެރިން ބޭނީވެސް އެ ފުންމިނުންނެވެ.

އީޕީއޭ އިން ބުނާ ގޮތުގައި، މިހާތަނަށް ރާއްޖޭގައި ބާނާފައި ވަނީ މި ބާވަތުގެ 10 މަހެވެ.

މީގެ ފަސް ބާވަތެއްގެ މަސް ދުނިޔޭގެ ކަނޑުތަކުގައި އުޅެއެވެ. އޭގެ ތެރެއިން ފުޅަދޫއަށް ބޭނި މަހަށް ކިޔަނީ “ބަމްޕް ހެޑް ސަންފިޝް” ނުވަތަ “މޮލަ އެލެސަންޑްރިނި” އެވެ.

މިހާތަނަށް ދިވެހި ނަމެއް ދީފައި ނުވާ މިމަހަށް އާންމުކޮށް ކިޔަނީ މޮލަމޮލަ މަހެވެ. އަރަބި ކަނޑުތަކާއި އެމެރިކާގެ ކަނޑުތަކުން ބާނާ މިމަސް އާންމުކޮށް ރާއްޖެއަކުން ނުބާނައެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން ލޭނު މަސްވެރިކަން ކުރުމަށް ނުކުމެ އުޅުނު ފުޅަދޫ ދޯންޏަކުން މި ބާވަތުގެ މަހެއް ބާނާފައިވާ ކަމަށާއި ފެހެންދޫންވެސް މީގެ މަހެއް ލޭނުއަޅަން ނުކުމެ އުޅުން ބަޔަކު ބޭނިކަމަށް އެރަށު މީހަކު މައުލޫމާތު ދިނެވެ.

ސަންފިޝް ހަތަރު މީޓަރަށް ދިގުވެ އެވެ. ބަރުދަނަށް 2،500 ކިލޯ ހުންނަ ވަރަށް ބޮޑުވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top