ބ.އަތޮޅު ތިން ރަށެއްގައި ނަރުދަމާ އެޅުމަށް ހަވާލުކޮށްފި

big_LRo9ZofBfo41puqbNRpOqWhoG.jpg

ވިހި ރަށުގައި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު-

ބ. މާޅޮހާއި ގޮއިދޫ އާއި ކަމަދޫގައި ނަރުދަމާ އެޅުމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ސްރީލަންކާގެ ކުންފުންޏަކާ ރަސްމީކޮށް ހަވާލުކޮށްފި އެވެ. މި ތިން ރަށާއެކު އިތުރު އަތޮޅުތަކެއްގެ 17 ރަށުގައި ވެސް ނަރުދަމާ އެޅުމަށް މި ރަސްމިއްޔާތުގައި ވަނީ ހަވާލު ކޮށްފައެވެ.

މި މމަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ހޭކާބް ޕަބްލިކް ލިމިޓެޑްއާއެވެ. މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން އެވެ. ހޭކާބްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަޖިތާ ކަރިޔަވަސަން އެވެ.

މި އެއްބަސްވުމުގެ ދަށުން ވިހި ރަށުގައި ނަރުދަމާ ގާއިމްކުރަން 53 މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމާފައި ވެއެވެ. އެއީ ގާތްގަނޑަކަށް 866 މިލިއަން ދިވެހި ރުފިޔާ އެވެ. އެ 20 ރަށުގެ ނަރުދަމާގެ މަސައްކަތް ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ފެނަކައިން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ގެ އިތުރުން ނަރުދަމާ އެޅުމަށް ނިންމާފައިވާ 20 ރަށް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެކްޓިން މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލައްމާން ވިދާޅުވީ ނަރުދަމާއިން އުއްމީދީ ދިރިއުޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއްކަމަށްވާއިރު އެ 20 ރަށުގައި ނަރުދަމާ ގާއިމުކުރަނީ އެވައުދުގެ ތެރެއިން ކަމަށެވެ. އަދި އެމަޝްރޫއަކީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ފެނަކައިގެ ދަށުން ކުރިއަށްދާނެ މަޝްރޫއެއް ކަމަށާއި އެމަޝްރޫއު ނިމުމުން އެނިޒާމު ހިންގާ ބަލެހެއްޓާނީ ވެސް ފެނަކައިން ކަމަށް ލައްމާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި ވަނީ 22 ރަށެއްގައި ނަރުދަމާގައި ގާއިމުކޮށްފައިކަމަށާ މިއަދު ސޮއި ކުރެވުނު ރަށްތަކާއެކު 83 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރެވެމުން އެބަ ދާކަމުގައެވެ. އެކަން ފާހަގަކޮށް ތޯރިގް ވިދާޅުވީ އެމަސައްކަތަށް އެކަނިވެސް ދިވެހި ސަރުކާރުން 2.1 ބިލިއަން ދިވެހި ރުފިޔާ ހަރަދުވާނޭ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top