
އެސްޓީއޯ އޭދަފުށީ ގުދަނުން މިއަދު ފިޔާ ބަސްތާތަކެއް ނެރޭއިރު އެތަނުގައި މީހަކު މަޑުކޮށްލައިގެން / އީވީ ފޮޓޯ: ޕްރިންސް ނަވާ
ރޯދަމަހަށް ކޮންމެ އަހަރަކުވެސް އެސްޓީއޯއިން އާންމުކޮށް ރާއްޖެގެނެސް ވިއްކާ ފިޔާ، އަލުވި، ބިސް މިއަދު އޭދަފުށީ އެސްޓީއޯ ފިހާރައިން ވިއްކަން ފަށައިފިއެވެ.
މިއަހަރުގެ ރޯދައާ ދިމާކޮށް އެސްޓީއޯއިން އޭދަފުއްޓަށް ގެނައި ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓް އިއްޔެ އޭދަފުއްޓަށް ގެނައީ އެސްޓީއޯ ބޯޓެއްގައެވެ. އެސްޓީއޯ 132 ނަމްބަރ ފިހާރައިން ބުނީ ވަކިލިމިޓެއް ނެތި މިއަދުން ފެށިގެން މިބާވަތްތައް ވިއްކަން ފަށާފައިވާ ކަމަށާ، ބިހެއް 1.25ރ އަދި ފިޔާ، އަލުވި ކިލޯއެއް ވިއްކަމުންދާނީ 10 ރުފިޔާއަށް ކަމަށެވެ.
އެފިހާރައިން ބުނީ މިއަދު މިތަކެތި ވިއްކަން ފެށުމުން އާންމުންގެ ތަރުހީބު ވަރަށްބޮޑަށް ލިބެމުންދާކަމަށާ، އިތުރު ޝިޕްމަންޓެން ގެނައުމާމެދު ގޮތެއް ނިންމާނީ މިތަކެތި ވިކެމުންދާ ވަރެއް ބެލުމަށްފަހުކަމަށެވެ.
ރޯދަމަހާ ދިމާކޮށް ގޭތެރެއަށް ބޭނުންވާ ސާމާނުގެ ގިނަބާވަތްތަކެއްވެސް އެސްޓީއޯގައި މިވަގުތުހުރީ ސޭލް އަޅުވާފައެވެ. އަނެއްކޮޅުން އޭދަފުށީގައި ގޭހުގެ ވިޔަފާރިފެށުމަށް އެސްޓީއޯއާ، އޭދަފުށީ ކައުންސިލުންދަނީ މަޝްވަރާކުރަމުންނެވެ.