ޒިކާ ވައިރަސް އަކީ ޑެންގީ އާއި ޗިކުންގުންޔާ ފަތުރާ އީޑީސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ވައިރަސްއެކެވެ.
ޒިކާ ވައިރަސް ޖެހޭ މީހުންގެ ތެރެއިން ވައިރަހުގެ އަލާމާތްތައް ފެންނަނީ މަދުބަޔެއްގެ ގައިންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ ހަތަރު މީހަކުން އެކެއްގެ ގައިންނެވެ. ހުން އައުމާއި ގައިގައި ރަތް ކުލައިގެ ބިހި ނެގުމާއި ބޮލުގައި ރިއްސުމާއި ލޯބަލި ޖެހުމާއި ގައިގައާއި ހުޅުހުޅުގައި ރިއްސުން ފަދަ އަލާމާތްތަކަކީ ޒިކާވައިރަސްގެ އަލާމާތްތަކެކެވެ. މިފަދަ އަލާމާތްތަކެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިއަކާ މަޝްވަރާކުރާށެވެ. .
މާހިރުން ވިދާޅުވާ ގޮތުގައި ވައިރަސް ޖެހުމުން އެޑްމިޓް ކުރަން ޖެހޭ މިންވަރަށް ބަލިވުމަކީ ނާދިރު ކަމެކެވެ.
ޒިކާ ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރިފައިވާ ގައުމު ކަމަށްވާ ބްރެޒިލްގައި ޒިކާ ވައިރަސް ފެތުރެން ފެށީ 2014 ވަނައަހަރުގެ މޭ މަހު އެވެ. އޭގެ ފަހުން ބްރެޒިލްގައި އުފަންވީ ކުދިންގެ ތެރޭގައި މައިކްރޯސެފަލީ ކިޔާ ކޮންޑިޝަންއެއް ހުރި ތުއްތުކުދިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެހެން ކަމުން މާބަނޑު ދުވަސްވަރު ޒިކާ ވައިރަސް ޖެހުމުން މައިކްރޯސެފަލީ ޖެހުމުގެ ނުރައްކާ އިތުރުވާކަމަށް ވަނީ ދައްކާފައެވެ. މައިކްރޯސެފަލީ އަކީ ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ނަމެކެވެ.
ޒިކާ ވައިރަސް އަށް ހާއްސަ ވެކްސިން އެއް އަދި ނެތެވެ. އަދި ވައިރަސް ޖެހުމުން ފަރުވާ ދެނީ ވައިރަސްގެ އަލާމާތްތަކަށެވެ. ނަމަވެސް، ވައިރަސް ފެތުރުން ހުއްޓުވުމަށް ޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތަ އެޅުން މުހިއްމެވެ.