އަތޮޅު ލެވެލްގެ ފުޓްބޯޅައިގާ އޭދަފުއްޓަށް މިވަނީ ކިހިނެއް؟

eydhafushi-footballa-team.jpg

އީވީ ފައިލް ފޮޓޯ - ފުޓްބޯލް ޗެލްންޖް 2016 މުބާރާތުގެ މެޗެއް ފެށުމަށް އޭދަފުށީ ޓީމް ތައްޔާރުވަނީ

ޝައްކެއް ނެތްގޮތުގައި އޭދަފުއްޓަކީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުންތެރިން އުފައްދާ ނާސަރީއެކެވެ. މިނާސަރީއަކީ އުފަންވީ އިއްޔެއަކު އިހަށް ދުވަހަކުވެސް ނޫނެވެ. މީގެ ބައިގަރުނު ކުރިން ފެށިގެން ރާއްޖޭގެ ގައުމީ މުބާރާތްތަކުގައި އޭދަފުށި ދައްކަމުން އަންނަ ރީތި މޮޅު ފުޓްބޯޅައަކީ އޭދަފުށިން އުފަންވި އެއްޗެކޭ ބުނުމުގެ ފަޚުރު  އޭދަފުޢްޓަށް އެބައޮތެވެ. ނަމަވެސް ހިތާމައަކީ ފަހަކަށް އައިސް ބ. އަތޮޅު ފެންވަރުގެ ފުޓްބޯޅައިގައި އޭދަފުއްޓަށް މިހިރަ ވާ ގޮތަކުންނެވެ.

2012 ވަނައަހަރު އަތޮޅު ޗެލެންޖު ފުޓްބޯޅަ މުބާރާތެއް އޭދަފުށީގައި ބޭއްވިއިރު އެއަހަރު އޭދަފުށި ބަލިކޮށް ގޮއިދޫން ތަށި ގެންދިޔަ ނަމަވެސް ޖެހިގެން އައި އަހަރު ޓީމް ވަރުގަދަކޮށް އޭދަފުށި ތަށި ހޯދިއެވެ. އޭގެފަހުން ބޭއްވި ތިން މުބާރާތުގައިވެސް އޭދަފުށްޓަކަށް އަސްލު އޭދަފުށީގެ ކުޅުން ދައްކައެއް ނުލެވުނެވެ. ފުޓްބޯޅައާއެދި މޮޔަވާވަރަށް ވެސް ލޯބިވާ އޭދަފުށީގެ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމެއް ނުގެނެސްދެވުނެވެ.

2013ގެ ޗެމްޕިއަންކަން ހޯދައި 2014 ވަނައަހަރު ޗެމްޕިއަންކަން ދިފާއުކުރުމަށް ހުރަހަކަށްވީ އަނެއްކާވެސް ގޮއިދޫއެވެ. ފައިނަލްގައި އޭދަފުށި ލަދުގަންނުވާލިއެވެ. 4-1 ގެ ނަތީޖާއަކުންނެވެ. ޖެހިގެން އައި 2015 ވަނައަހަރު ޒުވާން ސްކޮޑަކާއެކު މުބާރާތުގައި އޭދަފުށި ވާދަކޮށް ގްރޫޕް ސްޓޭޖް ފަހަނައަޅައިވެސް ނުދެވުނެވެ. 2016 ވަނައަހަރު ފެހެންދޫ އަތްދަށުވީ ސެމީ ފައިނަލްގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވުމަށްފަހުއެވެ. މައްސަލައަކީ ކޮބާހެއްޔެވެ؟

މިނަތީޖާތަކަށް ބަލާއިރު އޭދަފުށްޓަކީ މިހާރު ބ. އަތޮޅު ފުޓްބޯޅައިގައި ގަދަބާރެކޭ ދެންނެވުން ތަންކޮޅެއް އުނދަގޫ ވެއެވެ. މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ނަމަވެސް އޭދަފުށީ ޓީމްގެ ތެރޭގައި ގޮތްނޭނގޭ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބަލަންޖެހެއެވެ. އެކަމާމެދު ވާހަކަ ދައްކައި، ދިރާސީ ނަޒަރަކުން ބަލާލުމަށް މިއީ ރަނގަޅު ދަނޑިވަޅެކެވެ.

މިމައްސަލާގައި އެންމެ ފުރަތަމަ ވާހަކަ ދައްކާލީ ޓީމްގެ މެނޭޖަރ އަބްދުލްމަޖީދު ހަސަން އާއެވެ. މަޖީދު ބުނީ ކާމިޔާބު ހޯދުމުގައި އޭދަފުށީ ޓީމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާ، މިކަމުގައި ހުރިހާ އެންމެންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާކަމަށެވެ. އަދި ކުޅުންތެރިންގެ އެއްބައިވަންތަކަން ކުޑަވުންވެސް އޭނާ މައްސަލައެއްގެ ގޮތުގައި ފާހަގަކުރިއެވެ.

“ހަގީގަތުގައި މިކަމަށް ކަމާބެހޭ ބޭފުޅުންގެ އެއްބާރުލުން ކުޑައީ، އަދި ރައްޔިތުންގެ ބައިވެރިވުމާ، އެއްބާރުލުންވެސް ވަރަށް ކުޑައޭ ދެންނެވޭނީ. މިކަން މިހެން އޮތްއިރު ކުޅުންތެރިންގެ ތެރޭގައިވެސް އެއްބައިވަންތަކަމެއް ނެތް. މައްސަލަ އަކީ މިއީ.” މިއީ މެނޭޖަރ މަޖީދުގެ ޚިޔާލެވެ.

މެނޭޖަރ އަބްދުލްމަޖީދު ހަސަން. އޭދަފުށީ ފުޓްބޯޅަ ކުރިއެރުމަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންކަމަށް ބުނި / ފޮޓޯ: މިހާރު

މެނޭޖަރ އަބްދުލްމަޖީދު ހަސަން. އޭދަފުށީ ފުޓްބޯޅަ ކުރިއެރުމަށް އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންކަމަށް ބުނި / ފޮޓޯ: މިހާރު

އޭދަފުށީ ޓީމްގެ އޮފިޝަލް މުހައްމަދު އާތިފްވެސް މަޖީދުގެ ވާހަކައަށް ތާއީދު ކުރެއެވެ. އޭނާވެސް ބުނީ ޓީމަށް ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއް ބޭނުންވާކަމަށާ، ކުޅުންތެރިންނާ އޮންނަ ގުޅުން ވަރުގަދަކޮށް ހިތްވަރު ދޭންޖެހޭ ކަމަށެވެ.

“ބައެއް ފަހަރު ވާކަމެއް ކިތަންމެ މޮޅަށް ކުޅެ މެޗަކުން މޮޅުވިޔަސް ރަށުގެ މީހުން ކުޅުންތެރިންނާ ދިމާޔަށް އެބަބުނޭ. ކަލޭމެންނަކަށް ނުކުޅެވެއޭ. މާމޮޅޭ އިދިކޮޅު ޓީމް ކުޅުނުލެއް. މިކަހަލަ ނެގެޓިވް ކޮމެންޓްސް ކުޅުންތެރިންނަށް ދީގެން ނުވާނެ. ދެން އޭދަފުށީ ޓީމްގެ ފުލް އެގާރައިގެ ކުޅުންތެރިން އެހެންރަށްރަށަށް ކުޅުމަކީވެސް ވަރަށް ދެރަކަމެއް. އެކަން ނުވާނެގޮތަކަށް ވިސްނަންޖެހޭ” މިނިވަން ޗެމްޕިއަން ޝިޕްގައި ރަންމެޑެލް ހޯދި ޓީމްގެ ކިޓްމެނޭޖަރ އާތިފް ބުންޏެވެ.

އޭދަފުށީ ޒުވާނުންގެ ޖަމްއިއްޔާއަށް ފުޓްބޯޅަ ކުޅުއްވި އަދި ވިކްޓްރީ ސްޕޯޓްސްއާއެކު ގައުމީ މުބާރާތްތަކުގައި ގިނަދުވަހު ކުޅުއްވި އިބްރާހީމް ފައުޒީވެސް މަޖީދުއާއި، އާތިފްގެ ވާހަކަތަކަށް އެއްބަސްވެއެވެ. އޭނާ ބުނީ ޓީމް ތައްޔާރުކުރުމުގައި މިހާރަށްވުރެ ފަރުވާތެރިވާންޖެހޭ ކަމަށާ، މިކަމުގައި ގިނަބައެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި ކުޅުންތެރިންގެ ޑިސިޕްލިން ހިފެހެއްޓުމަށްވެސް ފައުޒީ އެދުނެވެ.

“މިހާރު މިވާގޮތަކީ މުބާރާތް ފެށެން ވަރަށް ކައިރިވީމާ މަދު ދުވަސްކޮޅަކު ޕްރެކްޓިސް ކޮށްލަނީ، އެހާ ސީރިއަސްއެއްނޫން. މިހާރުން ފެށިގެން ދެންއޮތް ބޮޑު މުބާރާތަކަށް މެނޭޖްމަންޓުންވެސް އަދި ކުޅުންތެރިންވެސް ތައްޔާރުވާން ފަށަންޖެހޭނެ. ކުޅުންތެރިންވެސް ވަރަށް ފަރުވާތެރިވެގެން ޕްރެކްޓިސްތަކަށް ދާންޖެހޭނެ. ދެން ގިނަބަޔެއްގެ އެއްބާރުލުން. ރައްޔިތުންގެ ސަޕޯޓް ވަރަށް ބޮޑަށް ބޭނުންވާނެ”

އަތޮޅު ފުޓްބޯޅަ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި މިފަހަރުވެސް ކޯޗަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ. އޭނާއަކީ ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުވެސް އޭދަފުށީ ޓީމް ބައްޓަން ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރި ފަރާތެވެ. ނަމަވެސް މިނިވަން ޗެމްޕިއަންޝިޕްގައި އަމިއްލަ ސަބަބުތަކަކާހުރެ ފައިނަލް ބުރުގައި ބައްޓޭއަށް ބައިވެރިނުވެވުނެވެ. ބަދަލުގައި ރަންމެޑަލް ހޯދި ޓީމް ލީޑުކުރީ މެނޭޖަރ އަބްދުލްމަޖީދު ހަސަނެވެ. ބައެއް މީހުންގެ ހިޔާލުގައި ޓީމްގެ ކޯޗު ބައްޓޭ ކަމުނުދަނީއެވެ.

އެގޮތުން އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް އެކިގޮތްގޮތުން މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ އަހްމަދު ނާސިރުގެ ހިޔާލު ތަފާތެވެ. އޭނާ ގެ ނަޒަރުގައި ކޯޗް ކަމުނުދަނީއެވެ.

“މަޖީދަކީ އޭދަފުށީގެ ފުޓްބޯޅަ އެންމެބޮޑަށް އެނގޭނެ އެކަކު. ކުޅުންތެރިންގެ ޑިސިޕްލިން ހިފެހެއްޓުމުގައިވެސް މަޖީދުވަރެއް އަޅުގަނޑަކަށްނެތް. ބައްޓޭއަކީ ވަރަށް މޮޅު ޓްރޭނަރެއް. ޓްރޭނަރަކަށް ބައްޓޭ އަކީ ހަމަ ވަރަށް ރަނގަޅު މީހެއް. ބައްޓޭއަށްވުރެ މަޖީދު ކޯޗުކަމަށް ގެނެސްފިނަމަ މާރަނގަޅުވާނެކަމަށް އަޅުގަނޑަށް ފެނޭ” ނާސިރު ބުންޏެވެ.

ކޯޗު ބައްޓޭ. ބައެއް މީހުންގެ ނަޒަރުގައި ކޯޗު ބަދަލުކުރަންޖެހޭ / ފޮޓޯ: ފޭސްބުކް

ކޯޗު ބައްޓޭ. ބައެއް މީހުންގެ ނަޒަރުގައި ކޯޗު ބަދަލުކުރަންޖެހޭ / ފޮޓޯ: ފޭސްބުކް

ނަމަވެސް މަޖީދު ބުނީ ކޯޗްގެ މައްސަލައެއް ނެތްކަމަށާ، ކޯޗުގެ ނިންމުންތައް ރަނގަޅުކަމަށެވެ. އެކަމަށް އާތިފްވެސް އެއްބަސްވެއެވެ.

އޭދަފުށީ ފުޓްބޯޅަ ދިރާސީ ނަޒަރަކުން ބަލަމުންދާ އަދި ރާއްޖޭގެ ފުޓްބޯޅައިގެ ފުރަތަމަ ސިލްވަރ މެޑަލިސްޓް ޓީމްގައި ހިމެނޭ އަބްދުލްވާހިދު ހުސައިންވެސް ޓީމް އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. އެހެންނަމަވެސް މަސްލަހަތަށްޓަކައި މީޑިއާއަށް އެވާހަކަތައް ހިއްސާކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“މައްސަލަތަކެއް އެބަހުރިކަން ޔަގީންވޭ. އެކަމަކު މިވަގުތު އަޅުގަނޑު ނެތިން ތިކަމަށް ކޮމެންޓް ކުރާކަށް” 1991 ވަނައަހަރު ސާފް ގޭމްސްގައި ރާއްޖެއަށް ރިހިމެޑަލް ހޯދައިދިން ޓީމްގެ ޑިފެންޑަރ ބުންޏެވެ.

މިމައްސަލާގައި ސުވާލުކުރެވުނު ކުރީގެ އޭދަފުށީގެ ކުރީގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އޭދަފުށީ ފުޓްބޯޅަ ދެކެ ލޯބިވާ ހުދުވެލި އަބްދުއްރައްޒާގް ގެ ހިޔާލު ވަރަށް ތަފާތެވެ. އޭނާ ބުނީ ދިމާވެގެން އުޅޭ މައްސަލައާމެދު ވަކިވަކިން މީހުން ވާހަކަ ދެއްކުމުގެ ބަދަލުގައި އެއްމެން އެއް މޭޒަކަށް އަރައި، މަޝްވަރާ ކުރުމަށް ގޮވާލާކަމަށެވެ. އެހެންނޫންނަމަ ފިތުނަ އުފެދި ދެބަސްވުމުގެ ފުރުސަތު ބޮޑުވެދާނެކަމަށެވެ.

“ފެހެންދޫ އަށްވުރެ އަހަރެމެން ބަލިވުމަކީ ވަރަށް ދެރަކަމެއް. އެކަމަކު ވަކި މިވެނި މީހެއްގެ ސަބަބުންނޭ މިހެންވީ ނަންގަންނާކަށް އަޅުގަނޑު ނެތިން. މިކަން ހައްލުކުރާނެ ގޮތެއް ހޯދުން އަޅުގަނޑު ބޭނުންވަނީ. އެހެންވީމާ، މިކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކުން އިސްނަގައިގެން ނަމަވެސް ފުޅާ ދާއިރާއެއްގެ މަޝްވަރާތަކަކަށް އަޅުގަނޑު ގޮވާލަން. އޭރުން ދިމާވި މައްސަލައާ، ކުރަންވީ ކަމެއް ސާފުވާނީ”

އޭދަފުށީ ޓީމްގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ގެ ނަޒަރުގައި ސަޕޯޓަރުންގެ މައްސަލައެއް ނެތެވެ. ދިމާވެގެން އުޅޭ މައްސަލައަކީ ޓީމް އެކުލަވާ ލުމަށް ލިބޭ ވަގުތު ކުޑަވުމާ، މިކަމުގައި ކަމާބެހޭ މީހުންގެ އެއްބާރުލުން ކުޑަވުންކަމަށް ބައްޓޭ ދެކެއެވެ.

“މިފަހަރުވެސް އަތޮޅު ފުޓްބޯޅަ މުބާރާތަށް ޓީމް ނަގާނެ ބަޔަކު ނުވެގެން އަޅުގަނޑު އަމިއްލައަށް ޒުވާނުންގެ ކްލަބް ނަމުގައި ޓީމް ނެގީ. އެވެސް މުއްދަތު ހަމަވާން 24 ގަޑިއިރަށް ވެފައި ވަނިކޮށް. ދެން ކުޅުންތެރިން ތައްޔާރުކުރަން ކޮންވަގުތެއް ތޯ ލިބޭނީ. މިކަމާ އުޅެންޖެހޭނީ ރައްޔިތުންގެ ފަރާތުން ތަމްސީލް ކުރާބައެއް. ކައުންސިލުން އިސްނަގަންޖެހޭނީ. ޕްރެކްޓިސްއަށް ކުޅުންތެރިން އައުމުގައިވެސް ވަރަށް ފަރުވާކުޑަ. ޖޯޝެއް ނެތް. އޭދަފުށީ ސަޕޯޓަރުންގެ މައްސަލައެއް ނެތް. އެމީހުންނަކީ އަތޮޅު ފުޓްބޯޅަ އަށް ސަޕޯޓް ކުރާ ބައެއްނޫން. އެއަށްވުރެ އޭދަފުށީ ފުޓްބޯޅައިގެ ފެންވަރު މަތި. އޭދަފުށި ފުޓްބޯޅަ އަސްލު ފެންވަރަކީ ގައުމީ ލެވެލް. އެލެވެލްގަ ސަޕޯޓަރުން ނުކުންނާނެ. ބުނާކަށްވެސް ނުޖެހޭނެ” ބައްޓޭ ބުންޏެވެ

ކޮންމެއަކަސް އޭދަފުށި ފުޓްބޯޅަ އަތޮޅު ފެންވަރުގައި ކުރިޔަށް ނުދާ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. މިމައްސަލަ ހައްލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއްކަމާމެދަކު އެއްވެސް މީހަކު ދެބަހެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top