ޑރ އަޒަމްގެ ޤަލަމުން : އަރިދަފުސް ރޯގާއިން ސަލާމަތްވާނީ ކިހިނެއް؟

cold-flu-cough-natural-remedies-runny-nose-headache-fever-chills.jpg

ލިޔުއްވީ: ޑރ އަޒަމް ފާރިޝް

މިދުވަސްވަރަކީ އަރިދަފުސް ރޯގާޖެހިގެން ވަރަށް ގިނައިން ކުޑަކުދިންނާއި ބޮޑެތިމީހުން ޑޮކްޓަރަށް ދައްކަން އަންނަ ދުވަސްކޮޅެއްކަމުން، ރޯގާއިން ރައްކާތެރިވުމަށްޓަކާ ގޭގައިވެސް ކުރެވިދާނެ ބައެއް ކަންކަން މިލިޔުމުގައި ފާހަގަ ކޮށްލާނަމަވެ. އަރިދަފުސް ރޯގާ ނުވަތަ “ކޮމަން ކޯލްޑަކީ” ރޯގާޖައްސާ ތަފާތުވައްތަރުގެ ވައިރަސްތަކުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ރޯގާއަކަށް ކިޔާނަމެކެވެ. މިފަދަ ރޯގާތަކަކީ ހަފްތާއެއް ނުވަތަ ދެހަފްތާތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ފަސޭހަވެގެންދާ ރޯގާއެކެވެ. މިފަދަ ވައިރަލް ރޯގާތަކަށް ކޮންމެހެން އެންޓިބަޔޯޓިކެއް ބޭނުންކުރާކަށް ނުޖެހޭނެއެވެ. ވައިރަލް ރޯގާއަކަށް އެންޓިބަޔޯޓިކެއް ނެގުމަކުން ބަލިފަސޭހަވުން އިތުރަށް އަވަސްވެގެންނެއް ނުދާނެއެވެ. ބޮޑެތި މީހުންނެކޭ އެއްފަދައި ކުޑަކުދިންނަށްވެސް ރޯގާ ޖެހުމުން ފެންނާނީ އެއްކަހަލަ އަލާމާތްތަކެކެވެ. ނަމަވެސް ކުޑަކުދިންނަށް ރޯގާ ޖެހުމުން ފަސޭހަވާން ބައެއްފަހަރު ގިނަދުވަސް ނެގުމަކީ އެކަށީގެންވާކަމެކެވެ.

ވައިރަލް ރޯގާއެއްގެ އަލާމާތްތަކަކީ ކޮބާ؟

+ ނޭފަތް ބެދުން ނުވަތަ ނޭފަތުން ފެން އައުން

+ ކަރުތެރެ ބެދުން ނުވަތަ ރިއްސުން

+ ބޮލުގަ ރިއްސުން

+ ގައިގަ ރިއްސުން

+ކެއްސުން

+ ކިނބިހި އެޅުން

+ ގަދައަށް ހުން އައުން

+ ވަސްނުދުވުމާއި ކާއެއްޗެތީގެ ރަހަނުލުން

އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ކުރެވިދާނެ ބައެއް ކަންކަން.

+ އަރާމުކުރުމާއި ނިދުން

+ ހަށިގަނޑު ހޫނުކޮށް ބެހެއްޓުން

+ ގިނައިން ދިޔާތަކެތި ބުއިން (މިގޮތުން ތާޒާ ޖޫހާއި، ފެން އަދި ފަނި ފަދަ ބުއިންތައް ބުއިން)

+ ތާފެނާ ފެނަށް ލޮނުކޮޅެއް އަޅައިގެން ކަރުތެރެ ދޮވުން (ގާރގަލް ކުރުން)

+ ނޭފަތް ބެދޭނަމަ ގޭގައި ހޫނުފެން ކެއްކުމަށްފަހު އާވިއެރުވުން

+ ހުން އައިސް ގައިގަ އާއި ބޮލުގަ ރިއްސާނަމަ ޕެނަޑޯލް(ޕެރަސެޓަމޯލް) ބޭނުންކުރުން

+ ކަރުގަ ރިއްސުން ލުއިކުރުމަށްޓަކާ ސްޓްރެޕްސިލް ނުވަތަ ލޮޒެންޖެޒް ބޭނުންކުރުން.

ޑޮކްޓަރަކަށް ދައްކަންވީ ކޮންއިރަކު؟

+ އަރިދަފުސް ރޯގާ ފަސޭހަނުވެ ދެތިންހަފްތާއަށް ވުރެ ގިނަދުވަސްވުން

+ ބަލީގެ އަލާމާތްތައް ކުއްލިއަކަށް ގޯސްވެ މާބޮޑަށް ހާލުދެރަވުން

+ 38 ޑިގްރޯ ސެލްސިއަސް  ނުވަތަ 100 ޑިގްރީ ފެރެންހައިޓްއަސްވުރެ ހުން މަތިވުން

+ ކުޑަކުއްޖެއް ނުވަތަ އުމުރުން ދުވަސްވީ މީހެއްނަމަ، މާބޮޑަށް ހާލު ދެރަވެ ނުކެވުން

+ ނޭވާލާން އުނދަގޫވެ، މޭގައި ރިއްސުން، ނުވަތަ ކެއްސާއިރު ލޭއައުން

+ ހަކުރުބަލި، ހިތުގެ ބަލި، ކިޑްނީގެ ބަލި ފަދަ ދާއިމީ ބައްޔަކަށް ބޭސްކުރާމީހުން

+ ހަށިގަނޑުގެ ދިފާއީ ބާރު ދެރަމީހުން – މިސާލަކަށް ކީމޯތެރަޕީ ނަގާ މީހުން

އަރިދަފުސް ރޯގާއިން ރައްކާތެރިވާނީ ކިހިނެއް؟

އަރިދަފުސް ރޯގާއަކީ ވައިރަސްއެއްގެ ޒަރިއްޔާއިން ފެތުރޭއެއްޗެއްކަމުން، ވަރަށް ފަސޭހައިން އެކަކުގައިން އަނެކަކުގަޔަށް އަރާނެއެވެ. މިޖަރާސިމު ހޭކިފައިހުންނަ މޭޒާއި، އަތާއި، ހިފާގެންގުޅޭ އެހެނިހެން އެއްޗެތީގައި ވައިރަސް 24 ގަޑިއިރުގެ މުއްދަތަކަށް މަރުނުވެ ހުރެއެވެ. އެހެންކަމުން ކެއްސާ ކިނބިހި އަޅާއިރު، އަބަދުވެސް އަނގަޔާއި ނޭފަތް ނިވާކުރުމަށް ހަނދާންކުރަން ވާނެއެވެ. މިބަލި ހަށިގަނޑުން އެކީ ފިލައިގެން ނުދާހާ ހިނދަކު، އަނެކާގެ ގަޔަށް މިވައިރަސް އެރުމުގެ ފުރުސަތު އޮވެއެވެ. މިރޯގާ މުޅިހަށިގަނޑުން އެކީގައި ފިލާ ދިޔުމަށް ހަފްތާއެއް ނުވަތަ ދެހަފްތާގެ މުއްދަތެއް ނަގައެވެ. މިރޯގާއިން ރައްކާތެރިވުމަށްޓަކާ ތިރީގައިމިވާ ކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

+ ސައިބޯނި ލައިގެން ގިނައިން އަތް ދޮވެސާފުކުރުން

+ ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއެއް އަޅާ އަނގައާއި ނޭފަތް ނިވާކުރުން

+ ބޭނުންކުރުމަށްފަހު ވީހާވެސް އަވަހަށް ޓިޝޫނަގާ ޑަސްބިނަކަށް އެއްލާލުން އަދި އަވަހަށް އަތްދޮވުން

+ އަރިދަފުސް ރޯގާ ޖެހިފައިހުރި މީހަކު ގޭގައި އުޅޭނަމަ، ތުވާލި އަދި ގޭގައި ހިފާ ގެންގުޅޭ ފެންބޯ ތަށިފަދަ ތަކެތި ވަކިކުރުން

+ ގިނައިން ފެން ބުއިމާއި، ސިއްހީ ގޮތުން ރައްކާތެރި ކާނާ ބޭނުންކުރުން އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރުން

+ ކެއްސާ ކިނބިހި އަޅާނަމަ ކުޑަކުދިން ސްކޫލަށް ފޮނުވުމުގައި ބެލެނިވެރިން ސަމާލުކަން ދެއްވަންޖެހޭނެއެވެ. މިފަދަ ވައިރަލް ރޯގާތައް އެންމެ ބޮޑަށް ފެތުރެނީ މޫސުން ބަދަލުވާ ދުވަސްވަރުކަމުން، ކުޑަކުދިން އެއްތަނަކަށް އެއްވެ އުޅޭއިރު މިކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top