ފަންސަހައްޓި ޕްލަސް: ފައުޒިއްޔާ ބޭނުންވަނީ ފަހު ނޭވައާއި ހަމައަށް ކުދިންނަށް ޤުރްއާން ކިޔަވައިދޭން.

DSCN9778.jpg

ފައުޒިއްޔާ އަބޫބަކުރު، 68އ.

އެއީ އޭދަފުށީ ‘ރަންވެލި’، ފައުޒިއްޔާ އަބޫބަކުރު (ފައުޒިއްޔައްތަ) ބޭނުންވާ ގޮތެވެ. އުމުރު ނިމިދާންދެން ވެސް ފަހުނޭވައާއި ހަމައަށް އޭދަފުށި ކުދިންނަށް ކީރިތި ޤުރްއާން ކިޔަވައިދިނުމުގައި ހޭދަކުރާށެވެ. ތަޖްވީދު މަގުން ރީތި ކޮށް ޤުރްއާން ކިޔަވަން ދަންނަ ކުދިން ތަކެއްް އުފެއްދުމާއި ކީރިތި ޤުރްއާން ހިތުން ދަސްކުރުމުގެ ކްލާސްތައް މިހާރެކޭ އެއް ފަދައިން ކުރިއަށް އޮތް ތަނުގައިވެސް ގޭގައި ހިންގުމަކީ އޭނާގެ ދިރިއުޅުމުގައި މިހާރު އޮތް އެންމެ މަތިވެރި އުފަލެވެ.

މިއީ ފައުޒިއްޔައްތަގެ ފާހަކުރެވޭ ބަރަކާތްތެރި  ޚިދުމަތަކަށް ވާތީ “އީވީ”ގެ ޓީމް އޭނާއާއި އާއި ބައްދަލު ކޮށްލަން އެގެއަށް ދިޔައީ ހެނދުނު 11 ޖަހަން ކައިރިވެފައި ހުއްޓައެވެ. އެއީ ހަމަގައިމުވެސް އޭނާގެ ހުސްވަގުތު ކޮޅަކަށް ވާނެ ކަމަށް ބަލާފައެވެ. އެކަމަކު ދޮރާށި ހުޅުވާލުމާއެކު ގޭތެރެއިން އިވިގެން ދިޔައީ ކުޑަކުދިން ކޮޅެއް ގުރުއާން ކިޔަވާ އަޑެވެ. އަރާމު ކޮށްލަން އިންނަވާނެ ވަގުތު ކޮޅެއް ކަމަށް ހީކޮށް އެގެއަށް ވަން އިރުވެސް އުމުރުން ފަސް އަހަރާއި ހަ އަހަރުގެ ކުދިންކޮޅަކަށް އޭރުވެސް ފައުޒިއްޔާ ކްލާހެއް ނަގައިދެނީއެވެ.

ފައުޒިއްޔާ އަކީ އޭދަފުށީގެ ގަދަރުވެރި ނަމެކެވެ. ދެމެމުންއައި އާއިލީ ވެރިކަމެއްގެ ބާރުތަކުގެ ތެރެއިން އުފަންވި މެންބަރެއްގެ އިތުރުން އޭނާގެ ދެފަރާތުގެ އާއިލާއަކީ (ހާޖީ އާއިލާ އާއި އަހުމަދުތަކުރުފާނު އާއިލާ) އޭދަފުށީގައި ސިޔާސީ ގޮތުންނާއި ބާރާއި ފޯރުންތެރިކަމުގެ ގޮތުން ރަށުގެ ކޮންޓްރޯލް އޮތް އާއިލާއެވެ.

އޭނާއަކީ އޭދަފުށި މަދްރަސަތުލްބަހިއްޔާ އިން 60 ގެ އަހަރުތަކުގެ ފަހުކޮޅު ކިޔަވައިގެން ނުކުތް ދަރިވަރުންގެ ތެރެއިން ނަންހިނގާ މޮޅު ދަރިވަރެކެވެ. ދިވެހި ލިޔުމާއި ކިއުމަށް އަރާ ހުންނެވި ކަނބަލެކެވެ. އޭނާގެ އަޑު ރީތިވެފައި ތާނައަށް ފަރިތަކަމުން ގެއާއި ބަދިގެއާއި ދެމެދު އޮންނަ ހުސް ގޯތީގައި ހުންނަ ޖޯލި ފަތީގައި، ޒުވާން ކަމަށް އަޅައިގަތް ދުވަސްވަރުން ފެށިގެން އޭނާގެ ބައްޕައަށް ޚާއްސަކޮށް އަމީރު ހަމްޒާ ވާހަކައާއި ސައިފް ރަސްގެފާނު ވާހަކަ އާއި ބޮޑުތަކުރުފާނު ވާހަކަފަދަ ދިވެހިން އަހާހިތްވާ މި ކަހަލަ ވާހަކަ ތައް ނިކަން ފަރިތަކަމާއެކު ކިޔައިދެމުން ދާއިރު އެއަޑު އަހަން އަންނަ މީހުންވެސް ގިނައެވެ.

ހަމައެއާއެކު ޤުރްއާން ކިޔެވުމުގައި އޭރު އޭދަފުށީގައި ހުރި އަޑު މަޚްރަޖް އެންމެ ރީތި މަދު ކުދިންގެ ތެރެއިން އެއްކުއްޖަކީ އެއީ ކަމަށް ގިނަ މީހުން ބުނެއެވެ. އެކަމަކު ކިތަންމެ މޮޅަށް ކިޔަވައިގެން ނުކުތަސް އޭރަކު އަންހެން ކުދިންނަށް ރަށުން ވަޒީފާއެއް ނުލިބެއެވެ. ރަށުން ބޭރަށް ފޮނުވާކަށް މައިން ބަފައިން ގަބޫލެއް ނޫނެވެ. ފައުޒިއްޔައަށްވެސް ދިމާވީ އެގޮތެވެ. އެހެންވެ ކިޔެވި އެއްޗެއްގެ ބޭނުން ނުކުރެވި ހުންނަންޖެހުނީއެވެ. ދެން ކުރިމަތިލީ ދިރިއުޅުމަށެވެ.

އެހެންނަމަވެސް މަދަރުސާއިން ލިބުނު ތައުލީމުގެ އިތުރުން ކީރިތި ޤުރުއާން ތަޖުވީދުމަގުން ކިޔަވަން ބޭނުންވާތީ އޭރު ބަހިއްޔާގެ ޤުރުއާން މުދައްރިސަކަށް ހުންނެވި ވާދޫ ޝައިޚް އަލްމަރްހޫމް އިބްރާހީމް އަފީފު ގާތުން ދަރިވަރު ވިއެވެ. އަފީފުގެ އަނބިކަނބަލުން ނިޔާ ވެގެން އޭދަފުށި ދޫކޮށްލައްވަން ޖެހިވަޑައިގަތުމާ ހަމައަށް ފައުޒިއްޔަ ދިޔައީ އަފީފް ގާތުން ގުރުއާނުގެ އިލްމު އުނގެނެމުންނެވެ. އޭގެ ފަހުން ބަހިއްޔާގެ މުދައްރިސް އޭދަފުށި ”މަތިހާ” މޫސާ މުހައްމަދު ގާތުން ވެސް އޭނާވަނީ ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްފައެވެ.

“އެ ދެއިލްމު ވެރިންގެ ގާތުން ތަޖްވީދު އިލްމަށް ވުރެ ބޮޑަށް ދަސްވީ ރީތިކޮށް ޤުރްއާން ކިޔަވަން. އަސްލު ތަޖްވީދު އިލްމު އޮތީ ރަނގަޅަށް ދަސްނުކުރެވި. ހަމައެއާއެކު ދިރިއުޅުމަށް އައި ބަދަލުތަކުން ކިޔެވުން މެދު ކަނޑާލަންވެސް ޖެހުނީ.” ފައުޒިއްޔަ ބުންޏެވެ.

ކޮންމެވެސް ދުވަހަކުން ތަޖްވީދުގެ އިލްމު ދަސްކުރުމުގެ ފުރުސަތު ލިބޭނެކަމަށް ކުރަމުން އައި އުއްމީދު އޮތްގޮތަށް އޮތީއެވެ.

އޭރުވެސް އޭނާ އައީ ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދެމުންނެވެ. ހާލަތު ތަން ނުދޭތީވެ ގިނަ ކުދިންނަށް ކިޔަވައި ނުދެވުނަސް ގާތް ތިމާގެކުދިން ގެއަށް ގެނެސްގެންނެވެ.

އުއްމީދެއް އޮތިއްޔާ އަލިމަގެއް ފެންނާނެއޭ ބުނާ ބަހުގެ ތެދު ކަމާއެވެ. ފައުޒިއްޔާ ބޭނުންވީ ދުވަސް އައީ އޭނާގެ އުމުރުން ބައި ގަރުނާ ކައިރިވަނި ކޮށް 2005ވަނަ އަހަރުގައެވެ. ތައުލީމީ ގޮތުން ރާއްޖެ ކުރިއަރައިގެން ގޮސް ދީނީ އިލްމުވެރިން ގިނަވެ އޭދަފުށި އައްޝައިޚު އަބްދުލްމަޖީދު މުހައްމަދު މެން ފަދަ އިލްމުވެރިން އަޒްހަރު ޔުނިވަސިޓީން އެދުރުވެގެން ރާއްޖެ ވަޑައިގަތުމާ ހަމައިންނެވެ. ޝައިޚް މަޖީދު، މާލޭގައި ކުޑަދުވަސްކޮޅަކު ސަރުކާރުގެ މަތީ މަގާމެއްގައި ހުންނެވުމަށް ފަހު މަގާމު ދޫކުރައްވައި ރަށަށް ވަޑައިގަތީ އުފަން ރަށުގެ ދަރިންނަށް އިލްމީ ގޮތުން ޚިދުމަތެއް ކޮށްދޭ ހިތުންނެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޤުރްއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އޭނާ ގެންދެވީ އަމިއްލަ ގޮތުންވެސް ކޯސް ތަކެއް ހިންގަވަމުންނެވެ. އެގޮތުން ކީރިތި ޤުރްއާނާބެހޭ މަރުކަޒާ ގުޅިގެން ހިންގެވި ޤާރީ ކޯހުގައި ބައިވެރިވި 10 އަންހެނުންގެ ތެރޭގައި ފައުޒިއްޔައްތަ ހިމެނި ސެޓްފިކެޓް 2 ފުރިހަމަކޮށް އެތައް އަހަރެއްގެ ކުރިން ފެށިގެން ކުރަމުން އައި އުއްމީދު ފުރިހަމަ ކުރިއެވެ.

އޭރު އޭނާގެ ދިރިއުޅުންވެސް ވަނީ ބުރަ އަހަރުތަކެއްގެ ފަހުން ހަމައަކަށް އެޅިފައެވެ. 11 ދަރިން ބޮޑެތިކޮށް އެކުދިންނަށް ތައުލީމާ ތަރުބިއްޔަތު ދިނުމުގައި ބުރަ އަހަރު ތަކެއް ވޭތުކޮށްފައެވެ. މިއަދު އެކުދިން ބޮޑެތިވެ ހުރިހާ ކުދިންވެސް ތަފާތު ދާއިރާތަކުގައި ރަނގަޅު ވަޒީފާގައި އުޅެމުން އެބަދެއެވެ. މައިން ބަފައިންނާ ވަކިން ދިރިއުޅުން ފަށައިގެން އާއިލާތައް ބިނާ ކުރަމުންނެވެ. ގޭގައި އަނެއްކާވެސް އިންނަން މި ޖެހުނީ ފައުޒިއްތަ އެކަންޏެވެ.

“ކުދިން ބޮޑެތިވުމަށް ފަހު ކޯހުގައި ބައިވެރިވެވުނު ކަން އެއީ ނަސީބެއް. އެހެން ނޫންނަމަ ދަރިން ބަލަމުން އެކަމެއް ނުކުރެވޭނެކަން ނޭނގެ. އެކޯސް ފުރިހަމަ ކުރުމަކީ ދުނިޔެއިން ލިބުނު އެންމެ ބޮޑު އުފާ. އެތައް ދުވަހެއްގެ އުއްމީދު އެއީ.” އުމުރުން 67 އަހަރުގެ ފައުޒިއްޔައްތަ ބުންޏެވެ.

ކުރިންވެސް ގޭގައި ކީރިތި ޤުރުއާން ކިޔަވައިދެމުން އަންނަ ފައުޒިއްޔާ ގަބޫލު ކުރަނީ ދިރިއުޅުމުގެ ފަހު ބައިގައި ލިބުނު ކާމިޔާބާއެކު އޭނާއަށް ދަސްވެފައިވާ މި އިލްމު ރަށުގެ ކުދިންނަށް ފޯރު ކޮށްދިނުމަށެވެ. ކުޑަކުދިންނަށް ޚާއްސަކޮށްގެން ޤުރުއާން ކިޔަވައިދިނުން ފުޅާ ކުރުމުގެ ބޭނުމަކީ އެއީއެވެ.

ފައުޒިއްޔާ އަދިވެސް ދެމި ހުރީ އެމަސައްކަތުގައެވެ. އެތައް ކުދިންނެއް އޭނާ ގާތުން ދަރިވަރު ވެއްޖެއެވެ. އެކަމަކު އެކަން ހުއްޓާލާފައި 65 އަހަރު ވުމުން ލިބޭ އިނާޔަތުން ފުއްދާލައިގެން ގޭގައި އިންނާކަށް ބޭނުމެއް ނޫނެވެ. ކީއްވެގެން ހެއްޔެވެ.

“65 އަހަރުވުމަކީ އެމީހެއްގެ އުމުރު ހަމަވުން ކަމަކަށް ނުދެކެން. އެހެން ނޫނަސް ދުނިޔެއާއި އާޚިރަތަށް އެދޭ މީހަކު ކުރަން މިއަށް ވުރެ ވަކި ރަނގަޅު ކަމަކީ ކޮބާ؟” އޭނާ ސުވާލު ކުރިއެވެ.

ފައުޒިއްޔާގެ ދުވާލުގެ ޝެޑިއުލް ރާވާފައި އޮންނަ ގޮތުން ދުވަހުގެ ބޮޑު ބައި ހޭދަކުރަނީ ކުދިންނަށް ޤުރުއާން ކިޔަވައިދިނުމުގައެވެ. ހަމައެކަނި ކިޔަވައިދެނީއެއް ނޫނެވެ. ޙިފްޒް ކޮށްދިނުމާ ތަޖްވީދު ދަސްކޮށްދިނުން ވެސް މެއެވެ.

މިކަމަށް އަގެއް ނަގަން ބޭނުން ނުވިޔަސް މި ޒަމާނުގައި ކޮންމެ ކަމަކީވެސް ހަރަދު ތަކެއް ހިނގާ ކަމަކަށް ވާތީ ކުޑަކުޑަފީއެއް ނަގަން ޖެހެނީއެވެ.

“މިފަންކާތައް ހިންގަންވެސް ފައިސާ ބޭނުންވާނެ. ކަރަންޓަކީވެސް ބޮޑު ހަރަދެއް.” އޭނާ ކިޔަވައިދޭ ކްލާހުގައި ހުރި ފަންކާތަކަށް އިޝާރާތް ކޮށްފައި ބުނެލި އެވެ.

ޒުވާން އިރު އޭދަފުށީގައި ރީތިކަމުގެ ގޮތުން ހޮވާލެވުނު ފައުޒިއްޔާގެ އުމުރުން 68 ވީއިރު، އުމުރު ގުނައިދޭ ކުދި ރޫތައް މޫނުން ސިއްރުން ބޯދިއްކުރަމުން ދާއިރު ހަށިގަނޑުގެ ލޫޅާފަތިކަމަށްވެސް ބަދަލު ތަކެއް އަންނާނެއެެވެ. ދުނިޔޭގެ މި ތަބީއަތާ އެއްގޮތަށް ދިރިއުޅުމުގެ އާދަތަކަށްވެސް ބަދަލު ތަކެއް އަތުވެއްޖެއެވެ. ބަދަލު ނުވެ އޮތީ އެންމެ ކަމެކެވެ. ޒުވާން އިރު މައިފުނަގެ ދުންފިނިގެއިން ފެށިގެން އޭނާ ކުރަމުން އައި ދެދުނިޔޭގެ ބާއްޖަވެރިކަން ހުރި އެންމެ ރިވެތި މަސައްކަތުގެ ތެރޭގައި ހިމެނޭ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ މަސައްކަތެވެ. އެކަމަށް އައިނަމަ އައީ ހެޔޮ ބަދަލެކެވެ. ފައުޒިއްޔާގެ މަސައްކަތް ބަލައިގަތް މީހުންގެ އަދަދު ގިނަވުމުން ދަރިވަރުންގެ އަދަދު ގިނަވުމެވެ. ގޭގައި އޮތް ޖާގައަށްވުރެ އިރުތު ނުކުރަން ކިތަންމެ ވަރަކަށް އުޅުނަސް މީހުންގެ އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުން ބައެއް ފަހަރު އޯވަރ ލިމިޓް ވެއެވެ.

ފައުޒިއްޔަ ހުރީ މިކަން ކުރާ ހިތުންނެވެ. އެހެން ނަމަވެސް ދިހަ ކުދިންގެ މަންމަގެ މި ބުރަ ދިރިއުޅުން ދަރިން ތިބީ އުފަލާއެކު ބަލައިގަންނަ ގޮތަކަށް ނޫނެވެ. އުމުރާއެކު ސިއްހީ މައްސަލަތައްވެސް ހުރުމާއެކު  އެކުދިން ބޭނުންވަނީ މަންމަ އަރާމު ކުރާށެވެ.

“ދަރިން ބޭނުމެއް ނުވޭ މިމަސައްކަތްވެސް ދެން މިހާރު ކުރާކަށް. އަރާމެއް ނެތި އެކުދިންގެ މަންމަ ދުވާލުގެ ބޮޑުބައި ހޭދަކުރަނީ ކިޔަވައިދިނުމަށް ކަމަށް ވާތީވެ ސިއްހަތު އެވަރަށް ތަން ނުދޭކަމަށް އެކުދިން ގަބޫލު ކުރަނީ.” ފައުޒިއްޔާ ބުންޏެވެ.

އެބަސް ފައުޒިއްޔާ ގަބޫލު ނުކުރަނީ އެއް ނޫނެވެ. އެކުދިންނަށް މި ފެންނަނީ އެކުދިންގެ މަންމަ 68ގެ މުސްކުޅިއެއްގެ ގޮތުގައިކަމަށް ވިޔަސް ފައުޒިއްޔައަށް ގަބޫލު ކުރެވެނީ ދަރިން ބޮޑެތިވެ މާމަކިޔަސް ހަށިގަނޑާއި ސިިއްހަތު ތަންދޭނަމަ އުމުރަކީ ހަމައެކަނި އަދަދެއްގެ ގޮތުގައެވެ. އެމީހަކަށް ވެވުނު ވަރަކަށް މަސަކަތެއް ކުރަން ޖެހޭނެ ކަމަށެވެ.

“ބަލިވީމާ އޮށޯންނަން ވާނީ. ބަލި ނުވާހައި ހިނދަކު ބަލިވާނެ ކަމަށް ހިތައި އުމުރުން ދުވަސްވިއެއްކަމަކު  އޮށޯތުމަކީ ނިކަން ފަސޭހައިން ބަލީގެ ހަމަލާތައް ހަށިގަނޑަށް ހަމަލަ ދޭނެ ކަމެއް.” ދިހަދަރިންނާއެކު މާމަދަރިންވެސް ތިބި ފައުޒިއްޔާ ބުންޏެވެ.

ފައުޒިއްޔާގެ ނަސޭހަތަކީ އުމުރަކީ އެމީހާގެ މަސަައްކަތުން އަތްދޮވެލަން ޖެހޭ ސަބަބަކަށް ނުބަލައި ބަލި ބޮޑުވެގެން އެހެން މީހުން އައިސް އެދުމަތި ކުރުމުގެ ކުރިން ތިމާ ގޮސް އެދުގައި ނުއޮށޯތުމެވެ. އޭނާ އެހެރީ އެގޮތުގައެވެ. ފަހު ނޭވައަށް ދާންދެން އޭދަފުށީ ކުޑަކުދިންނަށް ކީރިތި ޤުރްއާން އުނގަންނައި ދިނުމުގެ ނިޔަތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top