މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ހާއްސަ ކޮށްލަނީ ބ. މާޅޮހު ކައުންސިލަށެވެ.
ސުވާލު: މާޅޮހު ކައުންސިލަރުން އަބަދު ތިޔަ ތިއްބަވަނީ ސޯޓާ ޓީޝާޓްގައެއް ނޫންތޯއެވެ. ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން މުސާރަދެނީ މާޅޮހު ކައުންސިލް މެމްބަރުންގެ ގޮތުގައި ރައްޔިތުންނަށް ހިދްމަތްކުރާށެވެ. އަޅުގަނޑުގެ ސުވާލަކީ ރަސްމީ ގަޑީގައި ކައުންސިލަރުން އަބަދު ސޯޓާ، ޓީޝާޓްގައި އުޅުއްވަނީ ކީއްވެގެންތޯ؟ އަމިއްލަ މަސައްކަތުގައިތޯ؟ ރަސްމީ ހެދުން ނާޅުއްވަނީ ކީއްވެތޯ؟

މާޅޮހު 3 ކައުންސިލަރަކު ރައްޔިތުންނާ ގުޅޭ ތަރައްޤީގެ މަޝްރޫއެއްގައި އަމަލީގޮތުން ބައިވެރިވެލައްވަނީ ./ ފޮޓޯ މާޅޮހު ކައުންސިލް އިދާރާ
ޖަވާބު ދެއްވީ މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު
ޖަވާބު: އެންމެ ފުރަތަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މާޅޮހު ކައުންސިލަށް އަޅުގަނޑުމެން ހޮވާފައި ތިބީ އަޅުގަނޑުމެން ރީތިވެގެން ފަޓުލޫނާ، ގަމީހާ ޓައީ އަަޅަންތޯ؟ ނޫން. އަޅުގަނޑުމެން ކައުންސިލަށް ހޮވާފައި މިތިބީ ރައްޔިތުންނަށް ބޭނުންވެފައިވާ، ނުފުދިފައިވާ ކަންތައްތަކެއް ކޮށްދޭން. އެކަން ކުރާކަށް ގަމީހާ ޓައީއެއް މުހިއްމެއްނޫން. ބޭނުންވަނީ ކެރިގެން މަސައްކަތްކުރާނެ، ހިދްމަތްތެރި އަތްތަކެއް. ތެދުފުޅެއް. މާޅޮހު ކައުންސިލަރުން މަދުފަހަރެއްގައި މެނުވީ ފެންނާނީ އާދައިގެ ހެދުމުގައި. ގިނަފަހަރު ސޯޓާ ޓީޝާޓްގައި. އެކަން އެހެންވާ ސަބަބުވެސް އަޅުގަނޑު ދަންނަވާފާނަން. ދައުލަތުގެ ބަޖެޓް ހަމަޖެހިފައި އޮންނަގޮތުން ކޮންމެ ރަށެއްގައި ހިންގޭ ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ ފައިސާއެއް ބަޖެޓަކުން ނުލިބޭ. އެކަން އެހެން އޮންނައިރު ރައްޔިތުން ބޭނުންވާ ސްޕިޑްގައި ތަރައްޤީއަށް ނުވަތަ ބޭނުންވާ ކަމަކަށް ހަރަދު ކުރުމަކީ ކުރެވެން އޮންނަ ކަމެއް ނޫން.
އަޅުގަނޑުމެން ކައުންސިލްގެ ދައުރުގައި ރަށަށް ހޯދާފައިވާ ޕްރޮޖެކްޓަތަކާ، ހިނގަމުންދާ ޕްރޮޖެކްޓްތަކުގައި ހަގީގަތުގައި ލޭބަކޯސްޓް ނޯންނާނެ. އެކަން ކުރާނީ ކައުންސިލަރުން ރަސްމީ ގަޑީގައި. އަމިއްލަ ކަމެއްގެ ގޮތުގައި. އެހެންވުމުގެ ސަބަބުން ބަޖެޓުން ލިބޭ ފައިސާއިން މަސައްކަތް ކުރާ މީހުންނަށް ދައްކަންޖެހޭ ފައިސާ ސަލާމަތް ކުރެވި އެހެންކަމަކަށް ބަޖެޓް ކުރެވިގެންދޭ. ވަރަށްކުޑަ މިސާލެއް ދަންނަވަންތޯ. އަޅުގަނޑުމެން ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށިއިރު ޕިކަޕް ޑްރައިވަރެއް ނެތް. ސަރުކާރުން ނުވެސް ދެއްވާ. އެކަމަކު އެކަން ކުރަން ރައްޔިތުން ބޭނުންވަންޏާ ކައުންސިލަރަކު ޑްރައިވަރަކަށް ހުރެގެންވެސް އެކަން ކުރަންޖެހޭނެކަމަށް މާޅޮހު ކައުންސިލް ދެކޭ. އެހެންވީމާ ކުނި ނަގާ ޕިކަޕްގައި ރަސްމީގަޑީގައި ކައުންސިލަރަކު ޑްރައިވަރަކަށް ހުރުމަކީ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް. އެއީކަންނޭގެ ރައްޔިތުންނަށް ކައުންސިލަރުންގެ ފަރާތުން ބޭނުންވާ ކަންކަމަކީ. މިހާރު މިހިންގާ ފެން ބަންދުކުރުމުގެ މަޝްރޫއުގެވެސް ގިނަ މަސައްކަތްތައް ކައުންސިލަރުން މަސައްކަތު ހެދުމުގައި ނުކުމެގެން މިކުރަނީ. ރައްޔިތުންނަށް އިންޑޯ ބެޑްމިންޓަން ކޯޓެއް އަޅަން ކައުންސިލުން އަދި އެންމެލާރިއެއް ހަރަދު ނުކުރޭ. އެކަމަކު އެމަސައްކަތުގައި ކައުންސިލަރުން ތިބޭނެ ރަސްމީ ގަޑީގައިވެސް. މިހެން މިކަންކަން ހުރިނަމަވެސް ކައުންސިލަށް ބޭނުންވެގެން އިދާރީ ކަމަކަށް އަޅުގަނޑުމެން ބޭނުންވާ ކޮށްމެ ގަޑިއަކު ކައުންސިލަށް ދެވޭގޮތަށް ތިބޭނީ.

މާޅޮހު ކައުންސިލަރުން ތަރައްޤީގެ މަޝްރޫއުއަކަށް ގެނައި މެޝިނަރީއެއް ގެންދިއުމުގެ މަސައކަތުގައި / ފޮޓޯ މާޅޮހު ކައުންސިލް އިދާރާ
ސުވާލުތައް މެއިލް ކުރައްވާނީ: [email protected] އަށެވެ.