”އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލީހާ ޖޭއެސްސީ އެކައްޗަކަށްވުން“

big_0CtAnq3ws3dRGnlEJV5YF5xNx.jpeg

ފޮޓޯ :އަވަސް އޮންލައިން

ޖުޑިޝަރީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ އެކައްޗަކަށްވެފައިވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

އެމްޕީ އަލީ މިހެން ވިދާޅުވެތްވިޓެއް ކުރައްވާފައިވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ކުރިން ގޮވާލި ގޮވާލުން ހަނދާން ނައްތާލާ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާ ތިއްބެވުމަށް އިޝާރާތް ކުރައްވައެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އަދި މިހާރުވެސް އެ ކަމަށް ހަރުއަޑުން ގޮވާލައްވަމުން ގެންދަވަނީ އަލީ އެވެ.

އަލީ ވިދާޅުވީ ރާއްޖޭގައި އޮތީ ތިންބާރު ވަކިވެފައިވާ ނިޒާމެއް ކަމަށް ބުނި ނަމަވެސް ބާރުތައް ފެންނަނީ އެއްވެ މަސްހުނިވެފައިވާ މަންޒަރު ކަމަށެވެ.

އަލީ އެވިދާޅުވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ޖޭއެސްސީގައި އިންނެވުން ކަމަށް ބެލެވެ އެވެ. ޖޭއެސްސީގެ ރައީސަކީ ހިސާން ހުސައިންނެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، ރައީސް ކަނޑައަޅާ ބޭފުޅަކާއި، ބަންޑާރަ ނައިބު އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ވަކީލުންގެ ތެރެއިން މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެވެ.

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ތުހުމަތު ވެސް ކުރެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ބެހޭ ގޮތުން އދ. އާއި ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ވެސް މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top