ކީރިތި ރަސޫލާ (ސ) އާއިޝަތުގެފާނާ ކައިވެނިފުޅު ބައްލަވައިގެން އިރު އެކަމަނާގެ އުމުރުފުޅަކީ ކޮބައި ހެއްޔެވެ؟

285699053_10160315844745452_6159105768472761781_n.jpg
މިއީ މީގެ އަހަރުތަކެއް ކުރިން އިނގިރޭސި ބަހުން ތައްޔާރު ކުރި ލިޔުމެކެވެ. އަދި، ފަހުން، އެ ލިޔުމުގެ މައްޗަށް ދިވެހިކޮށްލައި ޝާއިއު ކުރެވިފައވާ ލިޔުމެކެވެ. މިހާރު ކުރިމަތިވެގެން އުޅޭ އިސްލާމްދީނަށާއި އަދި ސަލާމާއި ސަލަވާތް ލެއްވި އިތުރު ރަސޫލާއަށް ފުރައްސާރަ ކުރުން މި މައްސަލައާ ގުޅޭތީ މި ވާހަކަ ލިޔެލައި، އަދި، އިތުރު އެހެން އެއްޗެއް ވެސް ބުނެލަން ގަސްދުކުރަމެވެ. މިތާގައި ފާހަގަކޮށްލަން ބޭނުންވަނީ ކީރިތި ރަސޫލާއާ އާއިސްތުގެފާނާއި ކައިވެނި ބައްލަވައިގެން އިރު، އެކަމާނާގެ އުމުރުފުޅާ ބެހޭ ގޮތުން ދެ ރިވާޔަތެއް އޮންނަ ކަމެވެ. އެއް ރިވާޔަތެއްގައި އެކަމަނާގެ ކައިވެނިފުޅު ފުރިހަމަ ކުރެވުނު އިރު އުމުރުފުޅަކީ 9 އަހަރު ކަމަށް އޮވެއެވެ. އަނެއް ރިވާޔަތުން ދޭހަވަނީ އޭރު އެކަމަނާގެ އުމުރުފުޅަކީ 19 އަހަރު ކަމުގައެވެ. ތިރީގައި މި ކަމުގެ ތަފްސީލު އެވަނީއެވެ.
 
 ********
 
 
ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާއާއި މާތްކަލާނގެ ރުއްސުންލެއްވި އާއިޝަތުގެފާނުގެ
ކައިވެނީގެ މައްސަލައަކީ މިޒަމާނުގައި ބޮޑު މައްސަލައެކެވެ. އެކައިވެނި ކުރެވުނު އިރު އާއިޝަތުގެފާނުގެ އުމުރުފުޅަކީ އެންމެ ހައަހަރުކަމުގައި ބުނެވޭތީއެވެ. އަދި، މި ބުނެވޭ ބުނުމުގެ މައްޗަށް ބަލައި، އެކަމުން ހެކި ލިބިގަނެ، މިއަދު ބައެއް މުސްލިމުން ކުޑަކުދިންނާ ކައިވެނިކުރުމަށް މަސައްކަތްކުރާތީއެވެ. އަދި ކައިވެނި ކުރާތީ ވެސް މެއެވެ. މިކަން، ގާނޫނާއި ގަވާއިދުތަކުން ބޭރުން ނަމަވެސް، ރާއްޖޭގައި ވެސް ކުރެވެއެވެ. އެހެންވެ، މިމައްސަލައިގެ މައްޗަށް ބަލާލުން މުހިއްމެވެ. އަދި، މިކަމާ ބެހޭ ވާހަކަތައް އެންމެން ވެސް ދެނެގަންނަން ޖެހެއެވެ. ހޭލުންތެރިވެ، މިފަދަ ކަންކަމީ، އާދެ، ކުޑަކުދިންނާ ކައިވެނި ކުރުމަކީ ފަހަރެއްގައި ވެސް، ދީނީ މައްސަލައް ނޫންކަން ދެނެގަތުމަށެވެ. އަދި، ދީނުގެ ނަމުގައި މިކަން ނުކުރެވޭނޭ ކަން ވެސް އެނގިގަތުމަށެެވެ.
 
އާއިޝަތުގެފާނުގެ ކައިވެނީގެ ވާހަކަތަކަކީ ހަދީސްއާ ގުޅޭ ވާހަކައެއް ކަމަށް ވުމުން، ހަދީސްއާ ބެހޭ ގޮތުން އެއްޗެއް ބުނަން ޖެހެއެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ ދުވަސްވަރުން ސުރެން ފެށިގެން ހަދީސް ރެކޯޑުކުރެވުނު ވާހަކަތައް އައިސްފައިވެއެވެ. އަދި، ފޮތެއްގެ ސިފައިގައި އެއްކުރެވުނު، އަދި އެ ފޮތް އަޅުގަނޑުމެންގެ އަތުގައި އޮތް އެންމެ އިހުގެ ފޮތުގެ ތާރީޚު، ހިޖުރައިން ފުރަތަމަ ގަރުނުގެ ފަހުކޮޅަށް ދެއެވެ. އާދެ، ހަދީސް ފޮތްތަކުގެ ތެރެއިން އެންމެ އިހުގެ ފޮތްކަމަށް ބެލެވޭ ފޮތަކީ ހައްމާމު އިބްނު މުނައްބިހު، (އަވަހާރަވީ 101ހ.ގައި) މިކަލޭގެފާނަށް ނިސްބަތްކުރެވޭ ސަހީފާއޭ ކިޔުނު ހަދީސް ފޮތެވެ.
 
އެހެން ކަމަށް ވިޔަސް، ވަރުގަދަ އިލްމީ ހަރަކާތެއްގެ ގޮތުގައި ހަދީސް އެއްކޮށް ޖަމާކުރުމުގެ މަސައްކަތް ފެށުނީ ހިޖުރައިން ތިން ވަނަ ގަރުނުގެ ކުރީ ކޮޅުގައެވެ. މިކަން ފެށިގެން ދިޔައީ އިމާމު އައްޝާފިއީ ރަހިމަހުﷲގެ ފިގުހީ އުސޫލުތައް އެކަލޭގެފާނުގެ އައްރިސާލާގައި ބަޔާންކުރެވި، އެ ފޮތް އެއީ މަގުބޫލު ފޮތަކަށްވެ، އޭގައި ހުރި އުސޫލުތައް، އާންމު ގޮތެއްގައި މުސްލިމުން ބަލައިގަނެވުމާްއި ވިދިގެންނެވެ. އެ އުސޫލުތަކުގެ ތެރޭގައި ޝަރުއީ ހެއްކެއްގެ ގޮތުގައި ކީރިތި ގުރުއާން ނޫނީ ނަބަވީ ހަދީސެއް އޮތުން ލާޒިމުކުރިއެވެ. އޭގެ ކުރީގައި އިޖުތިހާދުކުރުމާއި އަދި ޝަރުއީ ނައްސުތައް މާނަކުރުން، މާ ބޮޑަށް ‘ދަމާލެވި’، ބައެއް ފަހަރު ނައްސުތަކުގެ މާނަ ގެއްލޭ ހިސާބަށް ގޮއްސައިވެއެވެ. އާދެ، ބައެއް ފަހަރު، ހިތު ހުރި މާނައެއް ނައްސުތަކަށް ދެވޭ ގޮތް ވިއެވެ. އިމާމު ޝާފިއީ ގެ ރިސާލަތުގެ އުސޫލު ހިމެނިގެން ދިޔައީ މިކަން ހައްލުވެ، ޝަރުއީ ނައްސުތައް މާނަކުރުން ވަކި ހަމައަކަށް އެޅިގެން ދިޔައެވެ.
 
ދެން، މިއާ ވިދިގެން، ހަދީސް އެއްކޮށް ޖަމާކުރުމުގެ ހަރަކާތް ފެށުނެވެ. އަދި، ހަދީސް ތަންގީހުކޮށް، ސައްހަ ހަދީސް ކަނޑައަޅާލާނޭ އުސޫލުތައް ވެސް އެކުލަވާލެވުނެވެ. ޝައްކެއް ނެތް ގޮތުގައި، މި މަސައްކަތްތަކީ ވަރަށް ވެސް ބޮޑު އަގުހުރި އިލްމީ މަސައްކަތެކެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި، ތާރީޚި ލިޔުންތަކަކަށް، މިފަދަ ސިފައެއްގައި ތަންގީދުކުރުމުގެ ނަޒަރުން ބަލައި، ތަންގީހުކުރެވިފައިވާ ތަން އެއްވެސް ސަގާފަތަކުން ފެންނާކަށް ނެތެވެ.
 
ހަދީސް ތަންގީދުކޮށް، ތަންގީހުކުރުމުގައި ބޮޑަށް ބެލެވުނީ ހަދީސްގެ ސަނަދަށެވެ. މާނައަކީ ހަދީސެއް ރިވާކުރެއްވި ބޭބޭފުޅުންގެ ސިލްސިލާގެ މައްޗަށެވެ. އެ ސިލްސިލާ ‘ބުރިނުވެ’ ހަދީސް ތަޚުރީޖުކުރެއްވި މުހައްދިސުން ފެށިގެން ކީރިތި ރަސޫލާއާ ހަމައަށް ވާސލުވެފައި އޮތުމެވެ. އެސިލްސިލާގައި އެކުލެވޭ ބޭފުޅުންގެ ތެދުވެރި ކަމާއި ހަނދުމަފުޅު ހުރި ނުވަތަ ނެތްގޮތުގެ މައްޗަށެވެ. ތާރީޚީ ގޮތުން ބަލައި، އެބޭފުޅުން، އެއްބޭފުޅެއް އަނެއްބޭފުޅެއްގެ ކިބައިން ރިވާކުރީމޭ ވިދާޅުވާއިރު، އެކަން ކުރުމުގެ އިހުތިމާލު އޮތުމެވެ. މިސާލަކަށް އެއްދުވަސް ވަރެއްގައި، އެއް ރަށެއްގައި އުޅުއްވާފައި ވުމެވެ. ނަމަވެސް، މިކަން ކުރެވުނީ، މައިގަނޑު ގޮތެއްގައި، ހަދީސްގެ މަތުނު ނުވަތަ މާނައިގެ މައްޗަށް ބަލައިގެން ނޫނެވެ. އެހެންވެ، ހަނަފީ މަޒުހަބުގައި ހަދީސްގެ މާނައިގެ މައްޗަށް ބަލައި، ހަދީސްގެ ނައްސެއްގެ މާނަ ކީރިތި ގުރުއާނުގެ ނައްސެއްގެ މާނައާއި ޚިލާފުވާ ނަމަ، އެ ހަދީސް ބަލައެއް ނުގަނެއެވެ. މި މައްސަލަ އިބުނު އަބީ ޝައިބާ އޭނާގެ މުސައްނަފުގައި ނަންގަވައި، އަބޫ ހަނީފާ ހަދީސްގެ ނައްސުތަކާ ޚިލާފުވެވަޑައިގެންފައިވާކަން ފާހަގަކުރެއްވިއެވެ. އާދެ، މިއިން ހެކި ލިބިގަންނަން މަސައްކަތްކުރަނީ އަބޫ ހަނީފާ އަދި ހަނަފީ އިިލްމުވެރިން ހަދީސްގެ ބޭނުން ކުރެއްވީ ސަނަދާއި އަދި މަތުނުގެ މައްޗަށް ވެސް ބައްލަވައި ކިރީތި ގުރުއާނުގެ ނައްސާއި ޚިލާފުނުވާނަމައެވެ.
 
މިތަނުގައި، މި މައްސަލައިގެ އިތުރު ތަފްސީލަށް ދިޔުމުގެ ޖާގައެއް ނެތެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ހަދީސެއް ސައްހައޭ ބުނުމުން އޭގެ މާނައަކީ ކޮބައި ކަމެވެ. ހަދީސެއް ސައްހައޭ ބުނުމުން އޭގެ އެންމެ ފުރަތަމަ މާނައަކީ އެ ހަދީސް، ހަދީސް ސައްހަވުމަށްޓަކައި ހަދީސް ޖަމާކުރެއްވި މުހައްދިސު ކަނޑައެޅުއްވި މިންތަކަށް ފެތޭ ކަމެވެ. އެ މިންތަކަށް ފެތުމަކީ އެ ހަދީސް ސަލާމާއި ސަލަވާތް ލެއްވި އިތުރު ރަސޫލާގެ ދޫފުޅުން ނިކުތުމެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައި ބައެއް ހަދީސްތަކަކީ އެކަލޭގެފާނު ދޫފުޅުން ނިކުތް، އެކަލޭގެފާނު ވިދާޅުވި ބަސްފުޅުތަކެވެ. ނަމަވެސް ގިނަ ހަދީސްތަކަކީ ނަބަވީ ދުވަސްވަރުގެ ހާދިސާއަކާ ގުޅުވާލެވޭ ކަމެކެވެ. މިސާލެއް ނަންގަނެލާނަމެވެ. ހިޖުރީ ސަނަތުން ފަސްވަނަ ގަރުނުގެ ހަނަފީ އިމާމުވެރި އިލްމުވެރިއް ކަމަށްވާ ސަރަޚްސީ ވައްކަމުގެ ނިސާބާ ބެހޭ ގޮތުން، އޭނާގެ އަލްމަބްސޫޠުގައި ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި ތިމަންމެންގެ މަޝާއިޚުންގެ ކިބައިން އެއްވެސް ސައްހަ ހަދީސެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އޭރު އިމާމު ބުޚާރީ އޭނާގެ އަލްޖާއިމު އޭ ކިޔުނު ހަދީސް ފޮތް ޖަމާކުރެއްވި ފަހުން ދުއިސައްތަ ވަރަކަށް އަހަރު ވަނީއެވެ. އަދި، އެ ފޮތުގައި ވައްކަމުގެ ނިސާބާ ބެހޭ ސައްހަ ހަދީސްތައް ހިމެނެއެވެ. މީގެ މާނައަކީ ފަހަރެއްގައި ވެސް، މިހާ ދުވަސްވީ އިރު، އިމާމު ސަރަޚްސީއަށް ނުވަތަ އޭނާގެ މަޝާއިޚުންނަށް އިމާމު ބުޚާރީގެ ހަދީސް ފޮތުގެ ވާހަކަ އިވިފައި ނުވުމެއް ނޫނެވެ. އިމާމު ބުޚާރީގެ ހަދީސް ފޮތުގައި އަދި އެހެން ވެސް ހަދީސް ފޮތްތަކުގައި ހުރި ހަދީސްތައް ހަމަ އެކަނި އޭގެ މޫނުމަތީ އަގަށް ބަލައި، ތަންގީދުކުރެމެއް ނެތި ހަދީސް ބަލައި ނުގަތުމެވެ.
 
މިތަނުގައި މިމައްސަލަ އިތުރަށް ސާފުކޮށްލަދިނުން މުހިއްމެވެ. އެއްކޮޅުން އިމާމު ސަރަޚްސީ ވިދާޅުވަނީ ވައްކަމުގެ ނިސާބާ ބެހޭ ސައްހަ ހަދީސެއް ނެތްކަމެވެ. އަނެއްކޮޅުން އިމާމު ބުޚާރީގެ ޖާމިއުގައި އެ މައްސަލައާ ބެހޭ ސައްހަ ހަދީސްތައް ހިމެނެއެވެ. މިކަމަށް ބަލާލުމުން ކުރިން ނަންގަނެވުނު ‘ސައްހަ ހަދީސްގެ މާނަ’ ފާހަގަކޮށްލެވިދާނެއެވެ. އިމާމު ސަރަޚްސީ އެ ވިދާޅުވަނީ މައްސަލައާ ބެހޭ ގޮތުން ސީދާ ކީރިތި ރަސޫލާގެ ދޫފުޅުން ނިކުމެގެން އައި ބަސްފުޅެއް ވާރިދުވެފައި ނެެތްކަމެވެ. އިމާމު ބުޚާރީ އެ ވިދާޅުވަނީ އެ މައްސަލައާ ބެހޭ ގޮތުން ކީރިތި ރަސޫލާގެ ދުވަސްވަރާ ގުޅާލެވޭ ވާހަކަތަކެއް އައިސްފައިވާ ކަމާއި އެ ވާހަކަތަކަކީ އޭނާގެ ސައްހަ ހަދީސްތަކަކީ ކޮބައިކަން އެ މިންތަކުގެ އަލީގައި ކަނޑައަޅާ މިންތަކަށް ފެތޭ ވާހަކަތަކެއް ކަމެވެ.
 
މިކަން އިތުރަށް ސާފުވެ ދިޔުމަށްޓަކައި މި ‘ހަދީސް’ އުފެދިގެން އަތުވެދާނެ ގޮތުގެ މައްޗަށް ވިސްނުމުގެ ފިކުރެއް ހިންގާލުން މުހިިއްމެވެ. ކީރިތި ރަސޫލާގެ ދުވަސްވަރުވެސް މީހުން ވައްކަން ކުރިއެވެ އަދި، އެކަމަށް އަދަބު ވެސް ދެވުނެވެ. އެދުވަސްވަރު ހިނގި ވައްކަމުގެ މައްސަލައެއްގައި ވަގަށް ނެގުނީ ‘އައްޑަނަ’އެއް ކަމަށް ވާރިދުވެފައި ވެއެވެ. އަދި، އިމާމު ޝާފިއީ ގެ ކިތާބު އަލްއުއްމުގައި މި އައްޑަނަ އަގުކޮށް އެއަށް ތަފާތު އަގުތަކެއް ދެވިފައި އޮތްކަން ފާހަގަކުރެއްވިއެވެ. މި އަގުތަކުގެ އެވެރެޖެއް ނަގައި، ވައްކަމުގެ ނިސާބު ކަނޑައެޅުނީ ކަމުގައި ބެލެވެއެވެ. ދެން، އެ ބަދަލުވެގެން ދިޔައީ ހަދީސްއަކަށެވެ. އާދެ، ފިގުހީ މައްސަލަތައް ބަހުސްކުރުމުގައި ވަރަށް ގިިނަ ފަހަރަށް މިފަދަ ގޮތެއްގައި ހަދީސް އުފެދިފައި ވެއެވެ. 
 
މީގެ އިތުރުން ބައެއް ފަހަރު، ހަދީސްގެ ނަމުގައި ކީރިތި ގުރުއާނާ ފުށުއަރާ ހަދީސްތަކާއި އަދި އިސްލާމީ އުސޫލުތަކާ ފުށުއަރާ ހަދީސްވެސް ‘ސައްހަ’ ހަދީސްގެ ތެރޭގައި ހުރެއެވެ. އެހެންވެ، ހަދީސްގެ ވާހަކަ ދައްކާއިރު، މި މައްސަލައަކީ އެއާ މެދު ވިސްނާލަން ޖެހޭ މައްސަލައެކެވެ. ސައްހަ ހަދީސްގެ ތެރޭގައި މި ނަންގަތް ފަދަ ހަދީސް ހުންނަކަމެވެ. އެހެންވެ، ފިގުހީ މައްސަލަތަކާ ބެހޭ ގޮތުންނާއި އަދި އެނޫންވެސް ތާރީޚީ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކާއިރު ހުއްޖަތެއްގެ ގޮތުގައި ހަދީސް ގެންނައިރު، ހަދީސްއަކީ ކީރިތި ގުރުއާނާ ފުށުއަރާ ނުވަތަ އިސްލާމީ އަސްލު އުސޫލުތަކާ އިދިކީލިވާ ނައްސެއްތޯ ބަލަން ޖެހެއެވެ. އަދި، ސައްހަ ހަދީސެކޭ ބުނުމުން އޭގެ މާނައަކީ އެއީ ކިރިތި ރަސޫލާގެ ދޫފުޅުން ނިކުން ބަސްފުޅަކަށް ވުން ކޮންމެހެން ލާޒިމުނުވާކަމާއި އޭގެ އަސާސީ މާނައަކީ ހަދީސް ޖަމާކުރެއްވި މުހައްދިސުގެ ހަދީސް ސައްހަކުރުމުގެ މިންގަނޑަށް ފެތުން ކަމުގައި ފާހަގަކުރަން ޖެހެއެވެ. ހަދީސްގެ މި މައްސަލައަކީ ވަރަށް ވެސް ބޮޑު މައްސަލައެކެވެ. ކޮންމެ ކޮންމެ މީހަކަށް ވެސް އިސްލާމީ އިލްމުވެރިޔަކަށްވެ، ހަދީސްގައި މިވެނި ކަމެއް އޮންނަނީ މިވެނި ގޮތަކަށޭ ބުނެ ފަތުވާ ދިނުން ގިނަވެފައިވާތއެވެ. އެހެންވެ، އިހުގައި ހަނަފީ މަޒުހަބުގައި ހަދީސްގެ މައްޗަށް މާ ބޮޑަށް ބުރަނުވާކަން، އަދިވެސް އެއްފަހަރު، ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް، ފަހުން، މުސްލިމުންގެ ތެރޭގައި މިކަން ބަދަލުވެ، ހަދީސްގެ މައްޗަށް ތަންގީހީ އަދި ތަންގީދީ ނަޒަރުން ބެލުމެއް ނެތި، ހުރިހާ ކަމެއްގައި ހަދީސް ބޭނުންކުރުމުން، އިސްލާމް ދީނުގެ ތައުލީމާތުތަކަށް ފުރައްސާރަކުރަން ބޭނުންވާ މީހުންނަށްވެސް އެކަން ކުރެވޭ ގޮތް މެދުވެރިވިއެވެ.
 
*****
 
އައިޝަތުގެފާނު ކައިވެނި ކުރެއްވި އިރު އެކަމަނާފާނުގެ އުމުރުފުޅާ ބެހޭ ގޮތުން އައިސްފައިވާ ބައެއް ރިވާޔަތްތަކަކީ ހަދީހުގެ މިނަންގަތް މައްސަލައާ ގުޅޭ ކަަހަލަ ރިވާޔަތްތަކެކެވެ. މި ރިވާޔަތްތަކުގެ ތެރެއިން އެއް ރިވާޔަތެއްގައި އެކަމަނާ ކައިވެނިގެ އަގުދު ކުރެއްވި ިއިރު އުމުރުފުޅަކީ ހަ އަހަރު ކަމަށް އޮވެއެވެ. އަދި ކައިވެނި ފުރިހަމަ ކުރެވުނީ އުމުރުފުޅުން ނުވައަހަރުފުޅުގައި ކަމަށް ވެސް އޮވެއެވެ. ދެން، މިކަމަކީ އެދުވަސް ވަރުގެ ގިނަ ސަގާފަތްތަކުގައި ކަން އޮތް ގޮތް ކަމުގައި ބުނެ، މި މައްސަލަ ނިންމާލެވެއެވެ. ކޮންމެ އަކަސް މިކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި މިކަމާ ބެހޭ އެހެން ރިވާޔަތްތަކަށާއި އަދި، ތާރީޚީ ބައެއް ހަގީގަތްތަކުގެ މައްޗަށް ވެސް ބަލާލަން ޖެހެއެވެ.
 
އެންމެ ފުރަތަމަ ހަނދާންކޮށްލަން ޖެހެނީ އާއިޝަތުގެފާނުގެ ބައްޕާފުޅު އަބޫބަކުރުގެފާނު ދެ ކައިވެންޏެއް ކުރެއްވިކަމާއި އަދި އެ ދެކައިވަންޏަށް ހަތަރު ބޭފުޅުން ލިބިވަޑައިގެއް ކަމެވެ. އަދި މި ހަތަރު ބޭފުޅުންވެސް ލިބިވަޑައިގަތި ކީރިތި ރަސޫލާ (ސ) ރަސޫލުކަމައިގެ ފޮނުއްވުމުގެ ކުރިކަން ވެސް އެނގެއެވެ. މިއީ މުސްލިމުން އިއްތިފާގުވާ މައްސަލައެކެވެ. މިމައްސަލައާ ބެހޭ ގޮތުން އެއްވެސް ތަފާތު ޚިޔާލެއް ނެތެވެ. މިކަމަށް ހުރިހާ މުއްރިޚުންވެސް އެއްބަސްވެއެވެ. މީގެ މާނައަކީ މި ހަތަރު ބޭފުޅުން ވެސް ލިބިވަޑައިގަތީ، އެންމެ މަދު މިނުން، ހިޖުރައިގެ ތޭރަ އަހަރު ކުރިންނެވެ. މީގެ އިިތުރުން، އަބޫ ބަކުރުގެފާނު އިސްލާންވެ ވަޑައިިގަތުމުގެ ކުރިން، އާޝަތުގެފާނާއި ޖުބައިރު އިބްނު މުތުއިމާއި އެންގޭޖުކުރެވި ކައިވެނި ކުރަން ނިންމުނެވެ. މިއީ ވެސް ޚިލާފުވާ މައްސަލައެއް ނޫނެވެ. މި އެންގޭޖުމަންޓު ރޫޅާލެވުނީ ހިޖުރައިގެ އަށެއް ނޫނީ ނުވައަހަރު ކުރިންނެވެ. އިސްލާމީ ދައުވަަތުގެ ފަސްވަނަ އަހަރުއެވެ. 
 
އާއިޝަތުގެފާނާއި ބެހޭ ބައެއް ވާހަކަތަކުގައި ކީރިތި ރަސޫލާ (ސ)، ރަސޫލުކަމައިގެން ފޮނުވުނުތާ ފަސްވަނަ އަހަރު ބާވާލެއްވުނު ކީރިތި ގުރުއާނުގެ އާޔަތެއް އެކަމަނާ ހަނދުމަފުޅު ހުރި ކަމުގައި އޮވެއެވެ. މިއިން ވެސް އެނގެނީ އިސްލާމީ ދައުވަތަށް ފަސް އަހަރު ފުރުނު އިރު އެކަމަނާއަށް މަދުވެގެން ހަ ނޫނީ ހަތް އަހަރު ވެދާނޭކަމެވެ. އެކަމަނާ އުފަންވީ އިސްލާމީ ދައުވަތު ފެށުމުގެ ކުރިން ކަމުގައވާތީއެވެ. މިއީ ވެސް އެއްވެސް ޚިލާފެއް އޮތް މައްސަލައެއް ނޫނެވެ. އާއިޝަތުގެފާނާއި ކީރިތި ރަސޫލާއާއި ކައިވެނީގެ ޚިތުބާ (އެންގޭޖުމަންޓު) ކުރެވުނީ ޚަދީޖަތުގެފާނު އަވަހާރަވިތާ ދެއަހަރު ފަހުންނެވެ. ގާތްގަނޑަކަށް ހިޖުރައިގެ އަހަރެއް ނޫނީ ދޮޅުއަހަރެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް، އެކަމަނާއަށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހި، އެކަމަނާގެ އިސްތަށިފުޅުން އިސްތަށިކޮޅުތައް ފައިބައި، މައްކާގައި މަޑުކުރައްވައި، ހިޖުރަކުރެއްވީ އެކަމަނާގެ ބައްޕާފުޅަށްވުރެ ފަހުންނެވެ. އަދި، އެކަމަނާގެ ކައިވެނި ފުރިހަމަ ކުރެވެނީ ހިޖުރަކުރެއްވި ފަހުން، އަހަރެއް ނުވަތަ ދެ އަހަރު ފަހުންނެވެ. އެކަމަނާ ހުވަފަތްވެވަޑައިގަތީ ހިޖުރައިން 11ވަނަ އަހަރުއެވެ. އެކަމަނާ އަވަހާރަވީ އޭގެ ސާޅީހަކަށް އަހަރު ފަހުން، ހިޖުރައިންް 50ވަނަ އަހަރުގައެވެ.
 
އާއިޝަތުގެފާނުގެ ދައްތާފުޅު އަސްމާގެފާނު، އާއިޝަތުގެފާނަށް ވުރެ، ދިހަ އަހަރު ދޮށްޓެވެ. އަސްމާގެފާނު ހިޖުރަކުރެއްވި އިރު އުމުރުފުޅަކީ 27އަހަރެވެ. މީގެ މާނައަކީ އާއިޝަތުގެފާނުގެ އުމުރުފުޅު އޭރުވާނީ މަދުވެގެން ސަތާރަ އަހަރު ކަމުގައެވެ. އަސްމާގެފާނު އަވަހާރަވީ އުމުރުފުޅުން 100 އަހަރުގައި ހިޖުރައިން 73ވަނައަހަރުއެވެ. ހިޖުރައިން 50 ވަނަ އަހަރު އާއިޝަތުގެފާނު އަވަހާރަވިއިރު، އަސްމާގެފާނުގެ އުމުރުފުޅަކީ 77 އަށް އަހަރެވެ. މާނައަކީ އާއިޝަތުގެފާނު އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 67އަހަރެވެ. މިގެ މާނައަކީ އާއިޝަތުގެފާނު ކީރިތި ރަސޫލާއާއި ހިތުބާކުރެވުނު އިރު އުމުރުފުޅަކަށް ވާނީ މަދުވެގެން 16އަހަރު ކަމެވެ. ހިޖުރަ ކުރެއްވި އިރު 17 އަހަރު ކަމެވެ. ކައިވެނި ފުރިހަމަ ކުރެއްވިއިރު، މަދުވެގެން އެކަމަނާއަށް 19އަހަރު ވެދާނެއެވެ.
 
ދެން އޮތް މައްސަލައަކީ ރިވާޔަތްތަކާ ބެހޭ މައްސަލައެކެވެ. އެކަމަނާގެ ކައިވެނީގެ އުމުރުފުޅަކީ ނުވަ އަހަރޭ ބުނާ ރިވާޔަތަކީ އިރާގުން އައިސްފައިވާ ރިވާޔަތެކެވެ. އުރުވާ އުމުރުން ދުވަސްވެ، މުސްކުޅިވެ، އޭނާގެ ހަނދާން މާ ރަނގަޅު ނޫންދުވަސްވަރެއްގައި އޭނާގެ ކިބައިން އޭނާގެ ދަރިކަލުން ހުޝާމު ރިިވާކުރެއްވި ރިވާޔަތެކެވެ. އެކަމަނާގެ ދޮށީ އުމުރުގެ ރިވާޔަތްތައް ގުޅެނީ މައްކާއާއި މަދީނާއާއެވެ. އެކަމަނާ ދިރިއުޅުއްވި ރަށްރަށާއެވެ. މިކަމުގެ މައްޗަށާއި މަތީގައި ބަޔާންކުރެވުނު، އެއްވެސް ޚިލާފެއް ނެތް ކަންކަމުގެ އަލީގައި، އާއިޝަތުގެފާނުގެ ކައިވެނީ ކުރެއްވި އިރު އެކަމަނާގެ އުމުރުފުޅު ހަގުވެގެންވާނީ، ކުރިންވެސް ބުނިފަދައިން، 19އަހަރެވެ. ފަހަރެއްގައިވެސް، ކީރިތި ރަސޫލާއާ (ސ) ކައވެނިކުރެއްވި އިރު އެކަމަނާގެ އުމުރުފުޅަކީ ހައެއް ނޫނީ ނުވަ އަހަރެެއް ނޫނެވެ. މިއީ މުސްތަހީލުކަމެކެވެ. ސަބަބަކީ، ކުރިން ވެސް ބުނިހެން، މުސްލިމު ހުރިހާ މުއައްރިޚުން ވެސް އެއްބަސްވެލައްވާ ފަދައިން އެކަމަނާ އުފަންވެ ވަޑައިގަތީ ކީރިތި ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން ކަމުގައި ވެފައި، އަދި، ކީރިތި ރަސޫލާއާ ކައިވެނި ކުރެއްވުން ހަމަޖެހުމުގެ ކުރިން، އެހެން ކައިވެންޏެއްވެސް ކުރަން ހަމަޖެހިފައިި އޮތްކަމެވެ.
 
މީގެ އިތުރުން، މިފަދަ މައްސަލަތަކަކީ ދީނީ މައްސަލަތަކެއް ނޫނެވެ. ކައިވެނީގެ އުމުރު ކަނޑައެޅުން ގުޅެނީ އާދަކާދައާއެވެ. މުޖުތަމައުގެ އަގުތަކާއެވެ. އިސްލާމީ ފިގުހަށް ބަލާލާއިރު ވެސް މިކަން ފެނެއެވެ. ބައެއް އިމާމުވެރި ބޭކަލުން އެންމެ ކައިވެނީގެ އެންމެ ހަގު އުމުރަކީ 15ކަމުގައި ކަނޑައަޅުއްވާއިރު އަނެއް ބައި އިލްމުވެރިން އެއީ 18އަހަރު ކަމުގައި ކަނޑައަޅުއްވައެވެ. އެހެންވެ، މުޖުތަމައުގެ އާންމު ގާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް، ހަދީސްތަކުގެ މައްޗަށް ރަނގަޅަށް ބަލައިނުލައި، ހަދީސްތަކުން އެނގެނީ އިސްލާމް ދީނުގައި ކަންތައް އޮންނަނީ މިވެނ އެވެނި ގޮތަކަށޭ ބުނެ، މުޖުތަމައީ ކަންކަމުގައި އަމިއްލަ ގޮތް ކަނޑައެޅުމަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތް ކަމެކޭ ފަހަރެއްގައި ވެސް ނުބުނެވޭނެއެވެ.
 
*****
 
ދެން އޮތީ އެހެން ވާހަކައެކެވެ. އާއިސްތުގެފާނުގެ ކައިވެނިފުޅާ އަދި އޭރު އެކަމާނެގެ އުމުރުފުޅުގެ ހަގުކަމާ ގުޅުވައިގެން ކީރިތި ރަސޫލާއަށް ބަދު ބަސް ބުނާ މީހުންގެ ވާހަކައެވެ. މިފަދަ އެންމެ ފަހުގެ ވާހަކަ އިވުނީ އިންޑިޔާއިންނެވެ. އަދުގެ ދިވެހި ސަރުކާރު އެމީހުންގެ އަޅުވެތި ކަމުގެ ދަށުގައިވާ އިންޑިޔާގެ ވެރިކަން ކުރާ ހައްދުފަހަނަ އަޅާފައިވާ ބީޖޭޕީގެ އިސް ބައެއް މީހުންގެ ފަރާތުންނެވެ.
 
މި މައްސަލައިގެ ހަގިގަތަކީ ކޮބައިކަން ބެލުމެއް ނެތި، އެމީހުންގެ ހިތުގައި މުސްލިމުންނާ މެދު އޮތް ނަފުރަތާއި ދެކޮޅުވެރިކަމުގެ ސަބަބުން، ކީރިތި ރަސޫލާއަށާއި އަދި އިސްލާމް ދީނަށް ފުރައްސާރަކުރަނީއެވެ. ފަހަރެއްގައި ވެސް މިއީ އިންޑިޔާގެ އެންމެންގެ ކަމެއް ނޫނެވެ. މިއީ އިންޑިޔާގެ ހައްދުފަހަނަ އަޅާފައިވާ ހިންދީ ހަރުކަށި މީހުންގެ ކަމެކެވެ. 
 
މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ އިންޑިޔާގެ ބީޖޭޕީގެ ހައްދު ފަހަނައަޅާފައިވާ ވާހަކައެއް ނޫނެވެ. ނޫނީ އަދުގެ ދިވެހި ސަރުކާރު އެފަދަ ހައްދުފަހަނަ އަޅާފައިވާ ބައެއްގެ މުށު ތެރޭގައި އޮތް ވާހަކައެއް ވެސް ނޫނެވެ. އަދި، އިސްލާމްދީނަށާއި ކީރިިތި ރަސޫލާއަށް އިންޑިޔާގެ ބީޖޭޕީގެ ބަޔަކު އިހާނެތި ބަސްބުނެ ފުރައްސާރަކުރުމުން އެކަމާ ބެހޭ ގޮތުން، ދިވެހި ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި ވާހަކަދެއްކުމަށް ހުރަސް އެޅި ވާހަކައެއް ވެސް ނޫނެވެ. މިތާގައި ފާހަގަކޮށްލަން ބޭނުންވަނީ ޚުދް އިންޑިޔާގެ ސަގާފަތާ ގުޅޭ ވާހަކައެކެވެ.
 
ކުޑަ ކުދިންނާ ކައިވެނި ކުރުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނޭކަމެވެ. އެންމެން ވެސް މަހަތުމާ ގާނދީގެ ވާހަކަ އަޑުއަހާނެއެވެ. އޭނާ އޭނާގެ އަންހެނުން ކަސްތުރުބާއީއާ ކައިވެނި ކުރިއިރު ކަސްތުރުބާއީގެ އުމުރަކީ 14 އަހަރެވެ. ގާނދީގެ އުމުރަކީ 13 އަހަރެވެ. އަދުގެ އިންޑިޔާގެ ހުޅަނގު ބެންގޯލާއި، މަހަރަޝްތުރާ އާއި މަދްޔާ ޕަރްދޭޝް، މި އިސްޓޭޓުތަކުގައި އެކަނި ވެސް 36 މިލިޔަން ‘ކުޑަކުދިންގެ އަރޫސުން’ (ޗައިލްޑް ބުރައިޑްސް) ތިބި ކަމަށް ވެއެވެ. މީގެ މާނައަކީ މިކުދިންގެ އުމުރު 18 އަހަރުން ދަށް ކަމެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުދިން ވެސް ހިމެނޭ ކަމަށް ވެއެވެ. މީގެ އިތުރުން އިންޑިޔާގެ ދިއްލީ ބެލެވެނީ ދުނިޔޭގެ ‘ރޭޕު’ގެ ވެރިރަށް ކަމުގައެވެ.
 
މިފަދަ ހާލެއްގައި ތިބި ބަޔަކު، ކަމުގެ ހަގީގަތަށް ބެލުމެއް ނެތި، ކީރިތި ރަސޫލާއާ އާއިޝަތުގެފާނުގެ ކައިވެނީގެ ވާހަކަ ދައްކަން މާ ރީއްޗެއް ނޫނެވެ. އެންމެ ފުރަތަމަ، އެމީހުންގެ ތެރޭގައި އޮތް ގޮނޑު ސާފުކުރަން އުޅުން މުހިއްމު ކަމުގައި ދެކެމެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top