ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން އޭދަފުށީގައި 100 ކިބިގަސް އިންދައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އޭދަފުށީ ކައުންސިލާއި އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ކަމަށް ކައުންސިލުން މައުލޫމާތު ދެއްވި އެވެ.
އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވި ގޮތުގައި އޭދަފުށީ އަތިރިމަތީގެ ބޮޑު ސަރަހައްދެއްގައި ކިނބި ގަސް އިންދުމަށް ނިންމެވީ ތިމާވެއްޓާ ބެހޭ މާހިރުންގެ ލަފައާއެކު އެއީ އަވަހަށް ހެދި ބިޔަވާ، ހިޔާ ބޮޑު ގަހަކަށް ވާތީ ކަމަށެވެ.
ފާތިހު ވިދާޅުވީ މިގަސްތައް ރޯވެ ރަނގަޅަށް ހެދިގަތުމާ ހަމައަށް ކައުންސިލުން ރަނގަޅަށް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހަވީރު ކައުންސިލުގެ ޕިކަޕްގައި މި ގަސްތަކަށް ފެންދީ ބަލަހައްޓާނެ ކަމަށެވެ.
”އަޅުގަނޑުމެންނަށް މި ގަސްތައް ހަދިޔާ ކުރެއްވީ ގޮއިދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން. އެކަމަށްޓަކާ އެ ކައުންސިލަށާއި އަންހެނުންގެ ކޮމެޓީއަށް އޭދަފުށީ ކައުންސިލާއި އަންހެނުންގެ ކޮމެޓީން ޝުކުރު އަދާކުރަން. “ފާތިހު ވިދާޅުވި އެވެ.
މީގެ ކުރިންވެސް ތަފާތު މުނާސަބަތުގައި އެކިފަހަރު މަތިން އޭދަފުށި ކައުންސިލުންނާއި ޖަމިއްޔާތަކުން އޭދަފުށީގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާފައި ވެއެވެ. އެހެންނަމަވެސް ހަމައެކަނި ގަސް އިންދުމުން ނިމުނީ ކަމަށް ބަލައި ގަސްތައް އެހިސާބުން ދޫކޮށްލުމުން އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.
ދުނިޔޭގެ ތިމަވެށީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ ފަސް ވަނަ ދުވަހުއެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ “އޮންލީ ވަން އާރތް-ލިވިން ސަސްޓެއިނަބްލީ އިން ހާމަނީ ވިތް ނޭޗާ” އެވެ.