ކީރިތި ރަސޫލާގެ ސީރަތުގެ ހިޔަލުގައި: ސީރަތުން ލިބިދޭ ބައެއް ފިލާވަޅު 1

Macca_Masjid.jpg

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

ސުރުޚީއިން އެނގެން އޮތް ފަދައިން، މިއަދުގެ ވާހަކަ ގުޅެނީ ސީރަތާއެވެ. ސަލާމާތް ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ހަޔާތްޕުޅާއެވެ. އެ މަތިވެރި ހަޔާތްޕުޅުގެ ސަފުހާތަކުގެ ތެރެއިން، އެކަލޭގެފާނުގެ ރިސާލަތުގެ ބައެއް މުހިއްމު ލަނޑުދަނޑިތަކާއެވެ.

މިލިޔުމުގައި އެކަލޭގެފާނުންގެ ސީރަތުގެ ވަކިވަކި ހާދިސާތަކަށް ތަފްސީލީ ގޮތެއްގައި ބަލައެއް ނުލެވޭނެއެވެ. އެ ވާހަކަތައް، ކޮންމެ ރޯދަމަހު، ދިވެހިރާއްޖޭގެ ރޭޑިޔޯގެ ޒަރިއްޔާއިން ފޮނުވެމުންދާތާ ބައި ގަރުނެއްހާ ދުވަސް ވެއްޖެއެވެ. އެހެންވެ، އެކަލޭގެފާނުގެ ސިޔަރަތުން ކޮންމެވެސް މިންވަރެއް ނަމަވެސް، ގިނަބަޔަކަށް އެނގޭނޭކަމަށް ލަފާކުރެވެއެވެ. އެކަލޭގެފާނުގެ ސިޔަރަތުގެ ތަފްސީލު ވާހަކަތަކުގެ ބަދަލުގައި މިލިޔުމުގައި ބަލާލާނީ އެކަލޭގެފާނުގެ މިޝަންއަކީ، ރިސާލަތަކީ، ކޮބައިތޯކަމުގެ މައްޗަށެވެ. އެކަމެއް، ދުނިޔޭގައި ހަގީގަތަކަށް ހައްދަވާލެއްވުމަށް، އެކަލޭގެފާނު ބޭނުންފުޅުވީ ކޮންކަމެއްތޯގެ މައްޗަށެވެ. އަދި މިކަމުން ލިބޭ ފިލާވަޅަކީ ކޮބައިތޯގެ މައްޗަށް ވެސް މެއެވެ.

ކީރިތި ރަސޫލާގެ ރިސާލަތު

ކީރިތި ރަސޫލާގެ ރިސާލަތު ގުޅިފައި އޮތީ މައިގަނޑު ދެކަމަކާއެވެ. ފުރަތަމަ ކަމަކީ ފަރުދީ އިސްލާހެވެ. އެކަލޭގެފާނުގެ ރިސާލަތުގެ މައިގަނޑު އެއް މަގުސަދަކަށްވީ މާތްކަލާނގެއަށް އީމާންވެގެން ތިބި ވަކި އަޚުލާގީ މިންތަކެއް ގަބޫލުކުރާ، ހެޔޮލަފާ، ފަރުދުންތަކެއް އުފެއްދެވުމެވެ. އެކަލޭގެފާނުގެ ރިސާލަތުގެ މައްކީ ދައުރުގައި މަސައްކަތްކުރެއްވީ މިލަނޑުދަނޑި ހާސިލުކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ. މަދީނާގައި އެކަލޭގެފާނުގެ މަސައްކަތްޕުޅު ޚާއްސަވީ ވަކި ކަހަލަ އަގުތަކެއްގެ ގަބޫލުކުރާ މުޖުތަމައެއް ތައުސީސުކުރައްވައި ބިނާކުރެއްވުމަށެވެ. ހަމަހަމަކަމާއި އަދުލުއިންސާފުގެ މައްޗަށް ބިނާވާވެފައި އޮތް މުޖުތަމައެއް ގާއިމުކުރެއްވުމަށެވެ. މި ލިޔުމުގައި ބަލައިލާން ގަސްދުކުރަނީ މިނަންގަތް ދެކަމުގެ މައްޗަށެވެ. އެކަލޭގެފާނުގެ ރިސާލަތުގެ ދެދައުރުކަމުގައިވާ މައްކީ ދައުރާއި މަދަނީ ދައުރަށް ބަލައިލައެވެ. އަދި މިކަމުން އަޅުގަނޑުމެންނަށް ލިބިދޭ ބައެއް ފިލާވަޅުތަކަކީ ކޮބައިތޯގެ މައްޗަށް ވެސް މެއެވެ.

ރިސާލަތުގެ މައްކީ ދައުރު: ތައްޔާރުވެވަޑައިގަތުން

މި ނުކުތާއާއިގެން ކުރިއަށް ދިޔުމުގެ ކުރިން، ކީރިތި ރަސޫލާގެ ދުނިޔެ ހިތަށް ގެނެސް، އެކަން ތަސައްވުރުކޮށްލުން މުހިއްމެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅުގެ ބުރަމިން ވަޒަންކޮށްލުމުގެ ގޮތުންނެވެ. މިކަން ދެނެގަތުމަށްޓަކައި ދާންޖެހެނީ މީލާދީން ހަތްވަނަ ގަރުނުގެ އަރަބި ޖަޒީރާއަށެވެ. އެޖަޒީރާގެ ހިޖާޒުކަރައަށެވެ. އެކަރައިގެ މައްކާއަށެވެ. ކީރިތި ރަސޫލާ (ސ)ގެ އުފަންވެވަޑައިގަތް ރަށަށެވެ. އެރަށުގެ ހާލަތު، ކުރު ގޮތަކަށް ނަމަވެސް ދެނެގަތުމަށެވެ.

އެންމެނަށް ވެސް، އެނގި ސާފުވެފައިވާ ފަދައިން، ކީރިތި ރަސޫލާ އުފަންވެވަޑައިގަތީ އީސާގެފާނުގެ މީލާދުގެ ފަހުން، ހަވަނަ ގަރުނުގައި 570 ނުވަތަ 571ގައި މައްކާގައެވެ. ފީލުބާގައިގެ ހާދިސާ ހިނގި އަހަރުގެ ނަމުން މަޝްހޫރުވެދިޔަ އަހަރުގައެވެ. އެއަހަރަކީ އޭރުގެ ޔަމަނުގެ ވެރިކަމުގެ ފަރާތުން، މައްކާގެ ކައުބާ ހަލާކުކޮށްލުމުގެ ބޭނުމުގައި ލަޝްކަރެއް ތައްޔާރުކޮށް އެތްތަކެއްގެ މަތީގައި (ފީލުތަކެއްގެ މަތީގައި) ފޮނުވުނު އަހަރެވެ. ކީރިތި ގުރުއާނުގެ ފީލު ސޫރަތުގައި، މި ހާދިސާއަށް އިޝާރަތްކުރެވިފައި ވެއެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ ވާހަކަތަކުގެ ތެރެއިން، ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރީގެ ދައުރުގެ މާގިނަ މައުލޫމާތެއް އެނގޭކަށް ނެތެވެ. އެނގޭ ކަމަކީ އެކަލޭގެފާނަކީ މައްކާގެ ގުރައިޝު ވަންހައިގެ ހާޝިމުގެ ދަރިކޮޅުގެ ބޭފުޅެއް ކަމެވެ. ބައްޕާފުޅަކީ އަބްދުﷲކަމާއި މަންމާފުޅަކީ އާމިނަތުގެފާނު ކަމެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން، ބައްޕާފުޅު އަވަހާރަވީކަމެވެ. އަދި މަންމާފުޅުވެސް އެކަލޭގެފާނުގެ އުމުރުފުޅުން ހަ އަހަރުގައި އަވަހާރަވީކަމެވެ. އަދި އެއަށްފަހު، އެކަލޭގެފާނުން ބެއްލެވީ އެކަލޭގެފާންގެ ކާފާފުޅު ޢަބްދުލް މުއްޠަލިބު ކަމެވެ. ދެން، އޭގެ ދެއަހަރު ފަހުން، ކާފާފުޅު އަވަހާރަވުމުން، އެކަލޭގެފާނު ބެއްލެވީ ބޮޑުބޭބޭފުޅު އަބޫ ޠާލިބު ކަމެވެ. އަދި، ބަކަރި ހުއިހެއްޕުމުގެ މަސައްކަތާއި ވިޔަފާރީގެ މަސައްކަތް ކުރެއްވިކަމެވެ. އަދި، އުމުރުފުޅުން ފަންސަވީސް އަހަރުފުޅުގައި ޚަދީޖަތުގެފާނާ ކައިވެނި ބައްލަވައިގެންނެވި ކަމެވެ.

ކީރިތި ރަސޫލާ އުފަންވެ ވަޑައިގެން، އުޅުއްވައި ބޮޑުފުޅުވެވަޑައިގެންނެވި މައްކާއަކީ، އެދުވަސް ވަރުގެ އަރަބި ކަރައިގެ ވިޔަފާރީގެ މައި މަރުކަޒެވެ. މުއްސަނދި ރަށެކެވެ. ނަމަވެސް، މައްކާގެ ހާލަތު އޮތީ ބޮއްސުންލާފައެވެ. ސިޔާސީގޮތުންނާއި އިގުތިސާދީ ގޮތުންނެވެ. ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް މެއެވެ.

ސިޔާސީ ގޮތުން މައްކާގެ މައްޗަށް ބަލާލާއިރު ފެންނަނީ، ގަބީލާތަކުގެ މެދުގައި އޮތް ދެބަސްވުންތަކާއި ކޯޅުންތަކެވެ. ތަޅާފޮޅުންތަކާއި ހަނގުރާމަތަކެވެ. ޚުދް، ގަބީލާތަކުގެ އަފުރާދުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަށް ވެސް ބުރޫއަރާފައި އޮތް ތަނެވެ. ޚާއްސަ ގޮތެއްގައި، މައްކާއަކީ އިގުތިސާދީ މަރުކަޒަކަށްވެ، އެ ރަށް ތަނަވަސްވުމުގެ ސަބަބުން، ފަރުދުންގެ މެދުގައި އިންފިރާދިޔައްތުގެ ނޭދެވޭ ސިފަ އޮތީ އަށަގެންފައެވެ. އާދެ، ތިމާގެ އަމިއްލަ މަސްލަހަތަށް ރިއާޔަތްކޮށްގެން ހުރިހާކަމެއް ވެސް ކުރުމުގެ ސިފަ އޮތީ ފަރުދުންގެ ކިބައިގައި އަށަގެންފައެވެ. ކީރިތި ގުރުއާނުގައި، ތަކާޘުރު ސޫރަތާއި އަލްމާޢޫނު ސޫރަތް ފަދަ ސޫރަތްތަކުގައި މިކަމަށް، އިޝާރަތްކުރެވިފައިވެއެވެ. އާދެ، ތަކާޘުރު ސޫރަތުގައި ސިފަކުރެވިފައިވާ ފަދައިން، މީސްތަކުންގެ މެދުގައި އޮތީ ‘ތަކާޘުރުގެ’ ދިރިއުޅުމެވެ. ހަޔާތުގެ ހަމައެކަނި މަގުސަދަކީ މުދާ ގިނަކުރުމާއި މުއްސަނދިކަން ހޯދުމެވެ. އަޚުލާގީ އުސޫލުތަކަށް ބެލުމެއް ނެތި، މަކާރާއި ހީލަތަކީ ވިޔަފާރީގެ އުކުޅުކަމުގައި ބެލެވިފައި އޮތެވެ. އަނެކާގެ ހެވަށް ނޫނީ ޖަމާއީ މަސްލަހަތުގެ މައްޗަށް އެއްގޮތަކަށް ވެސް ރިއާޔަތްކުރުމެއް ނެތިއެވެ. (މި ނަންގަތް އިންފިރާދިއްޔަތުގެ ސިފަ ހިތަށް ގެންނެވުމަށްޓަކައި، އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމުގެ މައްޗަށް ނަޒަރު ހިންގަވާލައްވާށެވެ. މިސާލަކަށް އެންމެންގެ މަސްލަހަތަށްޓަކައި، ގެއިން ބޭރަށް ނުނިކުތުމަށާއި އެއްވެ ނޫޅުމަށް އެންގޭއިރު، މިކަންކަމަށް ބީރުކަންފަތެއްދީ، އަޅާނުލައި މަދު ބަޔަކު ނަމަވެސް ނިކުތުމުން ފާހަގަކުރެވެނީ، މަޑު މަޑުން ނަމަވެސް، އިންފިރާދިއްޔަތުގެ ސިފަ މުޖުތަމައުގައި އަށަގަންނަމުންދާތަނެވެ. މިކަމުން އެނގެނީ މަދު ބަޔަކު ނަމަވެސް، ދެކެނީ މުހިއްމީ ހަމައެކަނި ތިމަންނާކަމެވެ. ޖަމާއަތުގެ ހެވާއި ލާބައަށް ބަލައި ރިއާޔަތްކުރުމަކީ އެބަޔަކު ދެކޭ ކަމެއް ނޫންކަމެވެ.)

މައްކީ މުޖުތަމައުގައި، މިފަދައިން، އިންފިރާދިޔަތުގެ ސިފަ އަށަގަތުމުން، އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން މުޖުތަމައު ބައިބައިވިއެވެ. އެއްބަޔަކީ އިގުތިސާދީ ހަރުގަނޑުގެ މަތީ ފިޔަވަޅުތަކުގައި އުޅޭ މުދާވެރި މުއްސަނދިންނެވެ. ހުމަޒާ ސޫރަތުގައި އިޝާރަތް ކުރެވިފައިވާ ފަދައިން، ‘ފައިސާ އެއްކޮށް ފައިސާ ގުނުމުގައި’ އުޅޭ މުއްސަނދި، މުދާވެރި ފައިސާވެރިންނެވެ. ދެން މައްކާގައި އުޅުނީ، އިގުތިސާދީ ހަރުގަނޑުގެ ދަށު ފިޔަވަޅުތަކުގައި ތިބި ފަގީރުންނާއި އަޅުންނެވެ. ޔަތީމުންނާއި މިސްކީނުންނެވެ. ދަރަނިވެރިވެ، ފަގީރު ހާލުގައިޖެހި، އެމީހުންގެ ހަށިތައް ވިއްކާލައި އަޅުންނަށްވާން މަޖުބޫރުވެފައިވާ ނިކަމެތީންނެވެ. މައިންބަފައިން ނިޔާވެ، ޔަތީމުވެ، ބަނޑުފުރާނަމުއްތިކޮށްލެވޭ ވަރުވެސް ނުވާ މުހުތާދު މިސްކީނުންނެވެ. ޟުޙާ ސޫރަތާއި އަދި މާޢޫނު ސޫރަތުގައި އިޝާރަތްކުރެވިފައިވާ ފަދަ މިސްކީނުންނާއި ފަގީރުންނާއި ޔަތީމުންނެވެ.

މި ނަންގަތް ފަގީންރުންނާއި މިސްކީނުންނާއި އަޅުންނަކީ ފައިސާގެ ބާރުވެރި މުއްސަނދިންގެ ރަހުމުގެ ދަށުގައި ތިބި ބަޔެކެވެ. ހައްގާއި ބާރު އޮތީ ފައިސާއާ ގުޅިފައި ކަމުން، ހުރިހާ ހައްގަކާއި ބާރެއް އޮތީ ފައިސާވެރިންގެ އަތްމަތީގައެވެ. އެފަދަ ނިކަމެތިންނާ ދޭތެރޭގައި ފައިސާވެރި ބާރުވެރިން ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ އިޚްތިޔާރު އެމީހުންނަށް ލިބިފައި އޮތެވެ. ޢަލަގު ސޫރަތުގެ ހަވަނަ އާޔަތުން ފެށިގެން ދިހަވަނަ އާޔަތުގެ ނިޔަލަށް އިޝާރަތް ކުރެވިފައިވާ ފަދައިންނެވެ. އަދި، އިސްލާމް ދީނުގެ ދައުވަތުގެ ކުރީކޮޅު، އައްމާރުގެފާނާއި އެކަލޭގެފާނުގެ ބައްޕާފުޅަށާއި މަންމާފުޅަށާއި އަދި ބިލާލުގެފާނަށް ދެވުނު އަނިޔާއިން ވެސް މިކަން ފެނިގެންދެއެވެ.

މީގެ އިތުރުން، ކުރިންވެސް އިޝާރަތް ކޮށްލެވުނު ފަދައިން، މައްކާގެ އަހުލުވެރިން، ކަންކަން ކުރުމުގައި ވަރުގަދަ އަޚުލާގީ މިންގަނޑެއް ނުގެންގުޅޭކަން ފާހަގަކުރެވެއެވެ. ކެއުން ބުއިމުގައެވެ. ވިޔަފާރި މުއާމަލާތްތަކުގައެވެ. ފިރިހެންނުނާއި އަންހެނުންގެ ގުޅުމުގާއި އާއިލީ ގުޅުންތަކުގައެވެ. މައްކާގައި މުޅަ ތަކެއްޗާއި ލެޔާއި މަސްތުވާ ދިޔާތަކެތި ބޭނުންކުރެވެމުން ދިޔައެވެ. (ކެއުން ބުއިމުގައި ވަކި މިންތަކެއް ނުގެންގުޅެވިއްޖެ ނަމަ، ދިމާވެދާނެ ނުރައްކާ، މިހާރު އަޅުގަނޑުމެންނާ ކުރިމަތިވެގެން އުޅޭ ކޯރޯނާ ވައިރަހުގެ ރޯގާއިން ވެސް ވަރަށް ރަނގަޅަށް އެނގި ސާފުވެއެވެ.) ޒިނޭކުރުމާއި ކަސްބީންގެ މަސައްކަތް އޮތީ މުޖުތަމައުގައި އަށަގަނެ، އެކަން ބަލައިގަނެވި، އާންމުވެފައެވެ. ތުއްތު އަންހެން ކުދިން ދިރިހުއްޓާ ވަޅުލައި މެރުމާއި، ދަރިން ދޮންމައިންނާ ކައިވެނިކުރުން އެމީހުންގެ އާދަކާދައިގެ ތެރޭގައި ހިމެނިފައި އޮތެވެ. ކީރިތި ގުރުއާނުގެ އެކިއެކި ސޫރަތްތަކުގައްޔާއި، ސީރަތުގެ ފޮތްތަކުގައި މިވާހަކަތައް ލިޔެވިފައިވެއެވެ. ހަބަޝް ކަރައިގެ ނަޖާޝީ ރަސްގެފާނުގެ އަރިހުގައި ޖައުފަރު ބިން އަބޫ ތާލިބު، އަރަބިންގެ ހާލަތު އޮތް ގޮތް ކިޔައިދެއްވި އިރު، މިނަންގަތްކަންކަން ޚުލާސާކޮށް ވިދާޅުވެދެއްވިއެވެ.

މައްކާގެ ދީނީ ހާލަތަށް ބަލާލާއިރު ފެންނަނީ ގިނަ ބަޔަކު ބުދަށް އަޅުކަންކުރުމުގެ ދީން މަތީގައި ތިބިތަނެވެ. އެމީހުންގެ ދީނީ އާދަކާދައަށް ބަލާލާއިރު، އެމީހުންގެ ދީނަކީ މީސްތަކުން ހެޔޮ މަގަށް ލަންބުވައި، އަޚުލާގީ އަގުތަކެއް މީހުންގެ ކިބައިގައި އަށަގަންނުވާ ކަމަކަށް ނުވެއެވެ. އަލްބައްޔިނާ ސޫރަތުގައި ބަޔާންކުރެވިފައިވާ ފަދައިން، ދީން ވާންޖެހޭނީ، ‘އަލްޤައްޔިމު’ އެއްޗެއްގެ ގޮތުގައެވެ. އޭގެ އަހުލުވެރިންގެ ކިބައިގައި ރިވެތި ‘އަގުތަކެއް’ އުފައްދައިދޭ ކަމެއް ކަމުގައެވެ. ނަމަވެސް، މަތީގައި ނަންގަނެވުނު، މައްކީ އާންމު އާދަކާދަތަކަށް ބަލާލާއިރު، ކަން އޮތީ މިހެން ނޫންކަން އެނގެއެވެ. ދީންވެފައި އޮތީ ތިމާމެންގެ ގައުމިއްޔަތު ކަނޑައަޅައި، އަދި، އޭގެ މައްޗަށް ބިނާކޮށް، އެހެން މީސްތަކުންގެ މައްޗަށް ބޮޑުވެ، ބޮޑާވެގަންނަ އެއްޗެއްގެ ގޮތުގައެވެ. ތުއްތުކުދިން މެރުމާއި، ކަސްބީ މަސައްކަތްކޮށް އެކަމުން އާމްދަނީ ހޯދުން ފަދަ މުޖުތަމައުގައި ހުރި ބޭއަޚުލާގީ ކަންކަމީ، އެމީހުންގެ ދީންވެރިކަން އެކަންކަން ހުއްޓުވުމަށް ބާރުއެޅި ކަމެއްކަމުގައި ނުވެއެވެ.

ބުދު ދީނުގެ އިތުރުން، މައްކާގައި ކޮންމެވެސް ވަރަކަށް އަހުލު ކިތާބީންގެ ބަޔަކު ވެސް، އާދެ، ޔަހޫދީންނާއި ނަސާރާއިން ވެސް، އުޅުނެވެ. މައްކާގެ އިތުރުން، އަރަބި ކަރައިގެ އެކި ހިސާބުތަކުގައި ވެސް އަހުލު ކިތާބީން އުޅުނެވެ. ޔަޘްރިބު (ފަހުން މަދީނާ) އާއި ޚައިބަރުގައި ޔަހޫދީންގެ ބޮޑު ޖަމާއަތެއް އޮތެވެ. އަދި އަރަބި ކަރައިގެ ދެކުނުގައި ނަޖުރާނުގައި ނަސާރާއިންގެ ބޮޑު ޖަމާއަތެއް ވެސް އޮތެވެ. ނަމަވެސް، މިއިން އެއްވެސް ދީނެއްގެ އަހުލުވެރިންނަކީ، މަތީގައި ނަންގަނެވިދިޔަ، އަރަބިންގެ ކިބައިގައި އަށަގެންފައިވި ނޭދެވޭ އަޚުލާގީ ސިފަތަކާއި އަދި މުޖުތަމައުގައި އޮތް އެކަކު އަނެކަކަށް އަޅާނުލުމާއި އިންފިރާދިއްޔަތުގެ ސިފަ، ނައްތާލައި ފަރުދުންނާއި މުޖުތަމައު އިސްލާހުކުރުމުގެ އެދުމެއް ނޫނީ ބާރެއް އޮތް ބަޔަކަށް ނުވެއެވެ. އަހުލުކިތާބީންގެ އިތުރުން، ބުދަށް އަޅުކަންކުރުމާއި، އަދިވެސް، އަރަބީންގެ ނޭދެވޭ އަޚުލާގީ ސިފަތަކާ ދުރުވެ، ތިމަންމެން މިތިބީ ސަލާމްލެއްވި އިބުރާހީމުގެ ދީނުގެ މަތިގައްޔޭ ބުނެ އުޅުނު ‘ހަނަފީން’ގެ ބަޔަކުވެސް މައްކާގައި އުޅުނެވެ. އެމީހުންގެ ގިނަ ބަޔަކުގެ އެދުމަކަށް ވެފައި އޮތީ، އެހެން މީހުންނާއި މުޖުތަމައުގެ އިސްލާހަށް މަސައްކަތްކުރުމަށް ވުރެ ބޮޑަށް، ތިމާމެން އަމިއްލައަށް ހެޔޮ ގޮތުގައި ތިބެވޭތޯ ބެލުމެވެ. އަހުލުކިތާބީންގެ ގިނަ ބަޔަކު ފަދައިން، އިސްލާހުގެ މަސައްކަތާގެން ރަސޫލުބޭކަލަކު ވަޑައިގަތުމުގެ އިންތިޒާރުގައެވެ.

ކޮންމެއަކަސް، ކީރިތި ރަސޫލާ އުފަންވެވަޑައިގަތީ މިހާލާތުގައި އޮތް މައްކާއަށެވެ. އަދި، އުމުރުފުޅުން ތިރީސް އަހަރުފުޅަށް އެޅުމަށް ފަހު، މުޖުތަމައާ އެކަހެރިވެ ވަޑައިގެން، އެކަނި އިންނެވުމަށް ލޯބިކުރެއްވިއެވެ. މިކަން، އެކަލޭގެފާނުގެ މަޑުމައިތިރި ބަސްމަދު ތަބީއަތްފުޅާ ގުޅެއެވެ. މި ގޮތުގައި، މައްކާގެ ރަށްބޭރުގެ ފަރުބަދައެއް ކަމުގައިވާ ހިރާ ފަރުބަދައިގެ ހޮހޮޅައެއްގައި އެކަލޭގެފާނުގެ ވަގުތުތައް ހޭދަކުރެއްވިއެވެ. ބައެއް ފަހަރު މަދު ދުވަސްކޮޅަކުއެވެ. އަނެއްބައި ފަހަރު އެތައް ހަފްތާއެއް ވަންދެނެވެ. މިގޮތުގައި، ވިސްނާ ފިކުރުކުރެއްވުމުގައި އަށެއްކަ ވަރަކަށް އަހަރު ހޭދަކުރެއްވިއެވެ.

މައްކީ މުޖުތަމައުއާ އެކަހެރިވެވަޑައިގެން އިންނަވައި މައްކާގެ ހާލަތާ މެދު ވިސްނާ ފިކުރުކުރެއްވިއެވެ. ޝައްކެއް ނެތް ގޮތުގައި ހިރާ ފަރުބަދައިގެ ހޮހޮޅައިގައި އެކަނި އިންނެވިއިރު، އެކަލޭގެފާނުންގެ ވަށައިގެންވި ދުނިޔެ ފެނިވަޑައިގަންނަވާނެއެވެ. ވަށައިގެން އޮތް އުޑެވެ. ދުވާލުގެ އިރެވެ. ރޭނގަޑުގެ ހަނދާއި ތަރިތަކެވެ. އަދި ވަށައިގެން އޮތް ކައުނާއި އެކައުނުގައި ލެއްވިގެން ވާހާ އެއްޗެއް އުފެއްދެވި ފަރާތެއް ވާނޭކަމާ މެދު ވެސް ވިސްނާ ފިކުރު ކުރެއްވިއެވެ. އިންސާނާ އުފައްދަވައި ދުނިޔޭގައި ލެއްވުމާ ބެހޭގޮތުންވެސް ފިކުރުކުރެއްވިއެވެ. މިކަންކަން، ކީރިތި ގުރުއާނުގެ އެކިއެކި ސޫރަތްތަކުން ފެނި، އެނގިގެން ދެއެވެ. މިސާލަކަށް ޢަބަސަ ސޫރަތުގެ އަށާރަ ވަނަ އާޔަތުން ފެށިގެން ބައްތިރީސް ވަނަ އާޔަތުގެ ނިޔަލަށް ބައްލަވާލައްވާށެވެ. އަދި ޣާޝިޔަތު ސޫރަތުގެ ސަތާރަ ވަނަ އާޔަތުން ފެށިގެން ވިހި ވަނަ އާޔަތުގެ ނިޔަލަށް މުތާލައާ ކޮށްލައްވާށެވެ. އަދި ޤިޔާމަތް ސޫރަތުގެ މައްޗަށް ނަޒަރު ހިންގަވާލައްވާށެވެ. ޚާއްސަ ގޮތެއްގައި އެ ސޫރަތުގެ ފުރަތަމަ ހަތަރު އާޔަތާއި ތިރީސް ހަވަނަ އާޔަތުގެ މައްޗަށެވެ. އަދި މުއުމިނޫން ސޫރަތުގެ ސަތޭކަ ފަނަރަ ވަނަ އާޔަތުގެ މައްޗަށް ވެސް ކަޅިއެއް އެއްލައްވާށެވެ. މިއާޔަތް އާޔަތުންނާއި އަދި ވެސް ކީރިތި ގުރުއާނުގެ އެހެން ބައެއް ސޫރަތް ސޫރަތުން، އިތުރު އެކަލޭގެފާނު، ހިރާ ފަރުބަދައިގައި އިންނަވައިގެން ވިސްނާ ފިކުރުކުރެއްވީ ކޮންކޮން ކަމެއްގެ މައްޗަށްކަން، ކޮންމެވެސް ވަރަކަށް ނަމަވެސް އެނގި ސާފުވެގެން ދެއެވެ. މީގެ އިތުރުން، މައްކީ އަފްރާދުންގެ އަޚުލާގީ ގޮތްތަކާއި އަދި މައްކީ މުޖުތަމައުގެ ހާލަތާ މެދު ވެސް ވިސްނާ ފިކުރުކުރެއްވިކަމާއި އަދި އެކަލޭގެފާނުންގެ ފިކުރުފުޅުގެ އެންމެ ބޮޑު ބައެއް ގުޅިފައި އޮތީ މިކަމާކަން ވެސް، ކީރިތި ގުރުއާނުގެ ސޫރަތްތަކުންނާއި އާޔަތްތަކުން އެނގެއެވެ. އެހެނީ ކީރީތި ގުރުއާނުގެ މައިގަނޑު އަމާޒަކަށް ވެފައި އޮތީ ފަރުދީ އަދި މުޖުތަމައީ އިސްލާހެވެ. މީގެ އިތުރު ތަފްސީލު ފަހުން ގެނެވޭނެއެވެ. ކޮންމެއަކަސް މިތަނުގައި ފާހަގަކޮށްލަން ޖެހެނީ، ހިރާ ފަރުބަދައިގެ ހޮހޮޅާއިގައި ގިނިކަންޏާ އިންނަވައިގެން ވިސްނާ ފިކުރުކުރައްވަމުން ގެންދެވިކަމެވެ. މަތީގައި ނަންގަނެވުނު ކަންކަމާ މެދުގައެވެ. ޚާއްސަ ގޮތެއްގައި މައްކީ ފަރުދީ އަދި މުޖުތަމައީ އިސްލާހާ މެދުގައެވެ. މައްކީ ފަރުދީ އަޚުލާގާއި މުޖުތަމައުގައި ހުރި މައްސަލަތަކާއި އަދި އެކަމުގެ ހައްލަކީ ކޮބައިކަމާ މެދުގައެވެ.

ސަލާމަތް ސަލަވާލެއްވި އިތުރު އެކަލޭގެފާނުގެ ސިކުނޑިފުޅުގައި މިކަން  ދައުރަވަމުން ދިޔަ މިންވަރާއި، މިކަމާ މެދު ވިސްނާ ފިކުރުކުރައްވަމުން ގެންދެވި ދަރަޖަ ކީރީތި ގުރުއާނުގެ އަލަމް ނަޝްރަޙު ސޫރަތުން ފެނިގެންދެއެވެ. ألم نشرح لك صدرك ووضعنا عنك وزرك الذي أنقض ظهرك، [ތިމަން ރަސްކަލާނގެ، ކަލާގެފާނުގެ ހިތްޕުޅު ތަނަވަސްކޮށް ނުދެއްވަމު ހެއްޔެވެ؟ ކަލާގެފާނުން (އުފުއްލަވަމުން ގެންދެވި) ‘ބުރަ’ ލުއިކޮށްދެއްވައެވެ. ކަލޭގެފާނުގެ ބުރިކަށިފުޅަށް ބަރުކަންދީ (ބުރަކަށިފުޅު ބިންދައިގެންދާ ވަރަށް، އޭގެ ބަރު ބޮޑުވި) ބުރައެވެ.]، މި ތިން އާޔަތުންނެވެ. މި ތިން އާޔަތުގެ މައްޗަށް އިތުރަށް ފުންކޮށް ވިސްނާލަން ޖެހެއެވެ. މި އާޔަތްތަކާއި އެކަލޭގެފާނު ހިރާ ފަރުބަދައިގެ ހޮހޮޅައިގައި އިންނަވައި ވިސްނައި ފިކުރުކުރެއްވި ކަންތައްތަކާއި ގުޅުވާލުމަށްޓަކައެވެ.

އެންމެ ފުރަތަމަ، އަލަމް ނަޝްރަހު ސޫރަތް ފެށުމުގައި އޮތް ‘މޭ’ ނުވަތަ ‘ހިތް ތަނަވަސްވުން’، މި އިބާރާތުގެ މައްޗަށް ވިސްނާލަމާތޯއެވެ. މިއިން ދޭހަކޮށްދެނީ ބޮޑު ކަމެއް ހައްލުވެގެން ދިޔުމެވެ. ކަމަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް، އޭގެ ހައްލުގެ އިލްހާމު ލިބި، ހިތަށް އެކަން ވެރިވުމާއެވެ. އަޅުގަނޑުމެން ގިނައިން އަޑުއަހާ، އަދި ދުއާއެއްގެ ގޮތުގައި ކިޔާ، އެހެން އާޔަތެއްގައި ވެސް ހަމަ މި އިބާރަތް އައިސްފައި އޮވެއެވެ. ފިރުއައުނު ގާތަށް، މޫސާގެފާނު  ފޮނުއްވުމަށް މާތްކަލާނގެ އިރާދަފުޅުކުރެއްވި ހިނދު، އެކަލޭގެފާނު އެކަލާނގެ ކިބަފުޅަށް ދެންނެވި ދުއާއެކެވެ. رب اشرح لي صدري (ހައްދަވާ ބޮޑުކުރެއްވި އަޅުގެ ރަސްކަލާކޮ! އަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ!) [ތާހާ ސޫރަތުގެ 25 ވަނަ އާޔަތް]، މި ދުއާއެވެ. މާތްކަލާނގެ ކިބަފުޅުން، މޫސާގެފާނު އެދިވަޑައިގަތީ، ފިރުއައުނާ މުގާބަލާކޮށް އޭނާގެ ސުވާލުތަކަށް ޖަވާބުދީ އޭނާއަށް ޒުވާބުދިނުމުގު ކުޅަދާނަކަން އެކަލޭގެފާނަށް ދެއްވުމެވެ. އާދެ، ފިރުއަނުގެ ސުއާލުތަކުގެ ޖަވާބުތައް އެކަލޭގެފާނަށް އިލްހާމުކޮށްދެއްވައި އެކަލޭގެފާނުގެ ހިތްޕުޅުގައި މިކަން ހަރުކޮށްލެއްވުމެވެ.

އަލަމް ނަޝްރަޙު ސޫރަތް ވެސް ފެށިފައި ވަނީ ހަމަ މި ނަންގަތް އިބާރަތުންނެވެ. އެކަންކަމާ މެދު، ކީރިތި ރަސޫލާ ފިކުރުކުރައްވަމުން ގެންދެވި ކަންތައްތަކުގެ ހައްލު، އެކަލޭގެފާނުންގެ ހިތްޕުޅަށް އައުން މެދުވެރިކޮށްދެއްވައި، އެގޮތުގެ މަތިން، އެކަލޭގެފާނުންގެ ހިތްޕުޅު މާތްކަލާނގެ ‘ތަނަވަސްކޮށްދެއްވި’ ވާހަކައެވެ. ދެން އޮތް ދެއާޔަތުގައި ބަޔާންކުރެވިފައި އޮތީ އެކަލޭގެފާނުންގެ ހިތްޕުޅުގައި ލައްވައިގެން އުޅުއްވި ކަންތައްތައް އެކަލޭގެފާނު ހިތްޕުޅަށް ދަތިކުރެއްވި މިންވަރެވެ. އެކަމަކީ ‘ބޮޑު ބަރެއްކަމުގައި’ (ވިޒްރެއްކަމުގައި) ސިފަކުރެވި ނަންގަނެވިފައި ވެއެވެ. އަދި މި ‘ބަރު’ގެ ބުރަކަން ބޮޑުވެ، އެކަލޭގެފާނުންގެ ބުރަކަށިފުޅު ‘ބިންދައިގެންދާ’ ދަރަޖައަށް ވެސް ދިޔަކަމެވެ. މިތަނުގައި އެކަމެއްގެ މައްޗަށް އެކަލޭގެފާނުން ވިސްނާ ފިކުރުކުރެއްވިކަން، އެކަލޭގެފާނުންގެ ބުރަކަށިފުޅު މައްޗަށް ބަރު ސާމާނުތަކެއް އަރުއްވައިގެން އުޅުއްވުމާއި އެއްގޮތްކުރެވި ތަމްސީލު ކުރެވިފައި ވެއެވެ. އަދި މިކަމާ މެދު އެކަލޭގެފާނުން ވިސްނަވަމުން ގެންދެވިލެއް ބޮޑުކަމާއި އެކަން، އެކަލޭގެފާނުންގެ ހިތްޕުޅަށް އުނދަގޫކުރި މިންވަރު ހިއްސީގޮތެއްގައި ދެނެގަނެ އިހުސާސުވެދިޔުމަށްޓަކައި އެއްޗެހި އުފުލާ ޖަނަވާރެއް، އޭގެ ބުރަކަށި މައްޗަށް އެއްޗެހި އަރުވައި ބަރުކޮށް، އޭގެ ސަބަބުން، އެ ޖަނަވާރު ބިމަށް ތިރިވެ، ގުޑާނުލެވޭވަރުވުމުގެ މިސާލު މެދުވެރިކޮށް އެކަލޭގެފާނުގެ ހާލަތް ތަސްވީރުކުރެވިފައިވެއެވެ. އާދެ، އެހާ ވެސް ބޮޑަށް އެކަލޭގެފާނު، މައްކީ ފަރުދީ އަދި މައްކީ މުޖުތަމައީ އިސްލާހުގެ މައްޗަށް ވިސްނާ ފިކުރުކުރެއްވިއެވެ. އަދި، އެކަމުގެ ހައްލު އެކަލޭގެފާނަށް މާތްކަލާނގެ ވިސްނައިދެއްވެވިއެވެ. ކީރިތި ގުރުއާނުގެ ހިދާޔަތް މެދުވެރިކޮށެވެ.

ކީރިތި ރަސޫލާގެ ސީރަތުން ލިބޭ ފުރަތަމަ ފިލާވަޅަކީ މިއެވެ. ކަމެއް ކުރަން ގަސްދުކުރާ އިރު، އެކަމާ މެދު ރަނގަޅަށް ވިސްނައި ފިކުރުކޮށް، އެކަމަށް ހުރިހާގޮތަކުން ތައްޔާރުވުމެވެ. އެންމެ ފުރަތަމަ ކުރަން ބޭނުންވާ ކަމަކީ ކޮބައިކަން ތިމާއަށް ރަނގަޅަށް އެނގެން ޖެހެއެވެ. މައްކީ ފަރުދީ އަދި މުޖުތަމައީ އިސްލާހުގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން، ވިސްނާ ފިކުރުކުރެއްވުމަށްޓަކައި، ހިރާފަބަދައަށް ވަޑައިގެން އިންނެވުމުގައި، ކުރިން ވެސް ނަންގަނެވުނު ފަދައިން، އަށެއްކަ ވަރަކަށް އަހަރު ހޭދަކުރެއްވިއެވެ. މީގެ މާނައަކީ ކަމެއް ކުރުމަށްޓަކައި ވަކި އަދަދެއްގެ މުއްދަތެއް ހޭދަކުރުމެއް ނޫނެވެ. ނަމަވެސް، ކުރަން ގަސްދުކުރާ ކަންތައް ރަނގަޅަށް ސާފުވެދަންދެން، އެކަމާ ދޭތެރޭ ވިސްނައި ފިކުރުކުރުމެވެ. އެކަމަށް ރަނގަޅަށް ތައްޔާރުވުމެވެ. (ނުނިމޭ)

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top