
ކަމަދުއަށް ގެނާ ޖަނަރޭޓަރު އިންޖީނުގެއަށް ވެއްދުމުގެ މަސައްކަތް ކުރާއިރު ފެނަކައަށް މަރުހަބާ ލިޔެފައިވާ ބޯޑެއް ހިފައިގެން އެރަށުމީހަކު މަޑުކޮށްލައިގެން. / ފޮޓޯ: އީވީ ކިއުންތެރިއެއް
ކަމަދޫ އިންޖީނުގޭގައި ބޭނުންކުރަމުންދިޔަ ޖަނަރޭޓަރުތައް މައްސަލަޖެހި އެރަށުން ކަރަންޓް ކަނޑަންޖެހުމާގުޅިގެން ކުއްލިގޮތަކަށް ފެނަކަ ކޯޕަރޭޝަނުން އެރަށަށް 180 ކިލޯވޮޓްގެ އާޖަނަރޭޓަރެއް ގެންގޮސްފިއެވެ.
ކަމަދޫ އިންޖީނުގޭގައި ބޭނުންކުރާ ބޮޑު ޖަނަރޭޓަރު ކަމުގައިވާ 80 ކިލޯވޮޓް ޖަނަރޭޓަރަށް މައްސަލަދިމާވުމާގުޅިގެން އެރަށުގެ ބޮޑުބަޔަކުން ފުރަތަމަ ކަރަންޓް ކެނޑުނީ ހޯމަދުވަހު ހަވީރުއެވެ. އާޖަނަރޭޓަރެއް ކަމަދުއަށް ގެނައީ އިންޖިނިއަރުން 3 ދުވަހު ކުރި މަސައްކަތުންވެސް އެދެވޭ ހައްލެއް ނުލިބި ރައްޔިތުން ނުކުމު އިންޖީނުގޭގައި ޓިނުޖަހައި ބެއްދިފަހުންނެވެ.
ކަމަދޫ އިންޖީނުގެއާ ހަވާލާދީ އެރަށު ކައުންސިލުން ބުނީ އާޖަނަރޭޓަރު ހޮނިހިރު ދުވަހު ހިންގައި އެރަށަށް ކަރަންޓްދިނީ މާލެއިން އިތުރު އިންޖިނިއަރުންގެ ޓީމެއްވެސް އައުމަށްފަހު ކަމަށެވެ. އަދި މިހާރު ކަރަންޓްގެ މައްސަލަ މުޅިން ހައްލުވެފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.
ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއްއޮތް ކަމަދޫ އިންޖީނުގޭގައި މިވަގުތު 180 ކިލޯވޮޓްގެ ޖަނަރޭޓަރެއްގެ އިތުރުން 80، 64، އަދި 68 ކިލޯވޮޓްގެ ޖަނަރޭޓަރެއް އެބަހުއްޓެވެ. ޕީކް ގަޑިތަކުގައި އެރަށުގެ ލޯޑް 80 އާ 100 ކިލޯވޮޓާ ދެމެދަށް މަތިވާކަމަށް ކައުންސިލުން ބުނެއެވެ. ކަމަދޫގެ ކަރަންޓްގެ ހިދްމަތް ރަނގަޅުކުރުމަށް ވަރަށް ފަހުން އެރަށުގައިވަނީ އާއިންޖީނުގެއެއްވެސް އަޅާފައެވެ. އަދި އެއިންޖީނުގެއަށް ބަދަލުވުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ފެނަކައިންވަނީ ބުނެއެފައެވެ.
ކިޔުންތެރިންގެ ޚިޔާލު