ތިން ޓެކްސްއެއް ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

big_Idz2EZ0eT1aP7YD9zyVmAL4Nk.jpeg

ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަންދަށް ފަހު މާދަމާ މަޖިލިސް ހުޅުވާއިރު މި ތިން ބިލުގެ މަސައްކަތް ވެސް ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފަ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

މި ބިލް ހުށަހެޅި މަގުސަދެއް ކަމަށް ބުނެފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމެވެ. މި ބަދަލާ އެކު އަންނަ އަހަރު މި ޓެކްސްއިން ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެއެވެ.

ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާއިރު، އެކަމާ ގުޅޭ އިސްލާހުގައިވާ ގޮތުން 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގަން ވަނީ ނިންމާފަ އެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މިއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

މި ބަދަލާއެކު އަންނަ އަހަރު މި ޓެކްސްއިން ލިބޭ އާމްދަނީ 963.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ދެން އިސްލާހު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅި އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފައެވެ.

މިހާރު އިކޮނޮމީ ކުލާހުން ފުރާ ދިވެހިން އަތުން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނަގާއިރު އާ އިސްލާހުގައި އެ އަދަދު ބޮޑު ކުރަން ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް، އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި ދެން 50 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން މިހާރު ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ޓެކްސްއެއް ނަގާއިރު އެ މުއްދަތުން ފެށިގެން ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.

މި ބަދަލާ އެކު އަންނަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 796.5 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާއިރު އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 809.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ޓެކްސްތަކަކަށް ސަރުކާރުން ބަދަލު މި ގެންނަނީ ދަރަނި މެނޭޖުކުރަން ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ވޯލްޑް ބޭންކުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭން އިސްލާހީ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top