ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލް ކުރަން އަންގައިފި

379673_3_6352bd465df9ba2baddc55799a305c9a9f092d41_large.jpeg

ފެލިދޫ ކައުންސިލް އިދާރާ.-- ފޮޓޯ: އައިލްސް

އިސާ ނުދެއްކުމުން ކައުންސިލުން އެއްވެސް ޚިދުމަތެއް ނުދިނުމަށް ނިންމި ނިންމުން ބާތިލް ކުރުމަށް ވ. ފެލިދޫ ކައުންސިލަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އަންގައިފިއެވެ.

މިދިޔަ ބުދަ ދުވަހު ފެލިދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާތީ، އެ ފައިސާ ނުދައްކާ ފަރާތްތަކަށާއި އެމީހުންގެ އަބިންނާއި ފިރިން އަދި ދަރީންނަށް އެ ކައުންސިލުގެ އެއްވެސް ހިދުމަތެއް ނުދިނުމަށް ނިންމައިފައެވެ. އެ ކައުންސިލުގެ 29 ވަނަ އާންމު ޖަލްސާގައި އެ ނިންމުން ނިންމީ އޭގެ ކުރިން އެ ފައިސާ ދެއްކުމަށް ފަސް ދުވަސް ދީ، އެ މުއްދަތު ހަމަވި އިރުވެސް ފައިސާ ނުދައްކާތީއެވެ.

މިމައްސަލައާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެއްވެސް ރައްޔިތެއްގެ އަސާސީ ހައްޤެއް ހިފެހެއްޓެނީ އެކަމަށް ޤާނޫނު އަސާސީއާއި ޤާނޫނުގެ ތެރެއިން ކަމަށެވެ. އަދި އެގޮތުން އިދާރީ ދައިރާތައް ހިންގުމުގެ ޤާނޫނުގައި ކައުންސިލުތަކުން ދޭ އެއްވެސް ޚިދުމަތެއް ހިފެހެއްޓޭނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން އެހެން އެއްވެސް ޤާނޫނަކުންވެސް މިފަދަ ޚިދުމަތެއް ހިފެހެއްޓިދާނެ އެއްވެސް ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މިއާއެކު ކައުންސިލުގެ ނިންމުމަކީ ޤާނޫނުން ބާރު ލިބިދޭ ނިންމުމެއް ނޫން ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކާއި ޢައިލާއަށް ޚިދުމަތް ނުދޭން ނިންމުމަކީ ކޮމިޝަނުން ވަރަށް ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކޮމިޝަނަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން އީއްޔެ މި ނިންމުން ބާތިލް ކުރުމަށް ފެލިދޫ ކައުންސިލަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމުން ބުނީ، ފެލިދޫގެ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި ކައުންސިލުތަކަކީ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ އިދާރާތަކަށް ވާއިރު، އެ ނިންމުންތައް ވާން ޖެހޭނީ އެ މަގުސަދު ހާސިލުވާ ނިންމުންތަކަށް ކަމަށް އެކޮމިޝަނުން ފާހަގަ ކުރެއެވެ.

”ހުރިހާ ކައުންސިލަކުންވެސް އިންސާނީ ހައްގުތަކަށް އިހުތިރާމުކޮށް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވާ އަދި ކައުންސިލުތަކުން ނިންމަވާ ކަންކަމަކީ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ލިބިދެވޭ ހައްގުތަކަށް އުނިކަން ނާންނަނެ ގޮތަށް ނިންމަވާ ނިންމެވުންތަކެއްކަން ކަށަވަރުކުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.” ބަޔާނުގައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top