ޝައިޚް މަޖީދުގެ ދަރެސް : ދޮގުހެކި ދިނުމަކީ އެންމެ ބޮޑު އެއްފާފަ

day2-703x422.jpg

ދޮގުހެކި ދިނުމަކީ ދުނިޔެމަތީގައި އަނެކުންނަށް ނުޙައްޤުން އަދަބު ލިބުމަށް މެދުވެރިވާ ސަބަބެކެވެ. އެއީ މީހަކަށްދެވޭ ވަރަށްބޮޑު އަނިޔާއެކެވެ. މިކަމުގެ ސަބަބުން އެ އަނިޔާލިބޭ މީހާއަށާއި އޭނާގެ ޢާއިލާ އަށް ދިރިއުޅުމުގައި ވަރަށްބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެކެވެ. އަދި ހަމަ އެހެންމެ އެއީ ދޮގުހެކި ދިން މީހާގެ އަމިއްލަ ނަފްސަށްވެސް އޭނާ އަމިއްލައަށް ދިން ބޮޑު އަނިޔާއެކެވެ. މިހެން މި ދެންނެވީ، ފަނާވެ ދަނިވި ވަގުތީ އުފަލެއް ޙާޞިލުކުރުމަށްޓަކައި، އަބަދަށް ދެމިގެންދާނެ އުޚުރަވީޙަޔާތުގެ ނިޢުމަތްތަކުން މަޙްރޫމްވާވަރުގެ ބޮޑުގެއްލުމެއް އަމިއްލަ ނަފްސަށް ދިނީތީއެވެ. އުޚްރަވީޙަޔާތާމެދު ވިސްނާ ފިކުރުކުރާ އެއްވެސް މީހަކު މިފަދަ ބޮޑު އަނިޔާއެއް އަމިއްލަ ނަފުސަށް ދޭނެތޯއެވެ؟ ނުދޭނެކަން ކަށަވަރެވެ.  

ޝައްކެއްވެސް ނެތްގޮތުގައި  ދޮގުހެކި ދިނުމަކީ އެންމެ ބޮޑެތި ހަތް ފާފައިގެތެރެއިން އެއްފާފައެވެ. އެއީ މާތް ﷲގެ ޢަޛާބު އެމީހަކަށް ޙައްޤުވެގެންވާ ޢަމަލެކެވެ.

އަލްއިމާމުލް ބުޚާރީއާއި އިމާމު މުސްލިމު ރިވާކުރެއްވި، ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޙަދީޘެއްގެ މާނައިގައިވަނީ “މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫބަކްރަތަ (ނުފައިޢު ބްނުލްޙާރިޘް)ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވިދާޅުވެދެއްވަންހެއްޔެވެ؟ ތިމަންމެން (އަޞްޙާބުން) ދެންނެވީމެވެ.   

ވިދާޅުވެދެއްވާށެވެ! އޭ ﷲގެ ރަސޫލާއެވެ. ޙަދީޘްކުރެއްވިއެވެ. (އެއީ) ﷲ އަށް ޝަރީކު ކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ.) މިހެން ޙަދީޘްކުރެއްވި އިރު އެކަލޭގެފާނު އިންނެވީ (ތަނެއްގައި) ލެނގިވަޑައިގެންނެވެ. ފަހެ، އެކަލޭގެފާނު ރަނގަޅަށް އިށީދެވަޑައިގަތުމަށްފަހު، ޙަދީޘްކުރެއްވިއެވެ. (ދަންނާށެވެ! އަދި ދޮގު ބުހުތާން ވާހަކަދެއްކުމެވެ. އަދި ދޮގުހެކި ދިނުމެވެ.) ފަހެ އެކަލޭގެފާނު މި ބަސްފުޅު ހުއްޓަވައި ނުލައްވައި ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. އެއީ (އެކަމުގެ ސަބަބުން އެކަލޭގެފާނަށް އުނދަގޫފުޅެއް ވެދާނެކަމަށްޓަކައި) ދެން ހުއްޓަވައިލައަވާނެނަމަ ކޮންފަދަ ހެއްޔޭ ތިމަންމެން ހިތައިފުމަށް ދާނދެނެވެ.”

އިސްވެދިޔަ ބަސްފުޅުން އެނގޭގޮތުގައި، ދޮގުވާހަކަ ދެއްކުމާއި ދޮގުހެކި ދިނުމަކީ، އެންމެ ބޮޑެތި ފާފައިގެތެރޭގައި ހިމެނޭ ދެ ކަންތަކެވެ. އަދި ވަކިން ޚާއްޞަކޮށް މި ދެކަންތައް ތަކުރާރުކުރައްވައި ޙަދީޘްކުރެއްވުމުންދޭހަވަނީ އެ ދެ ފާފައިގެ ނުރައްކާތެރިކަމެވެ.

ހަމަކަށަވަރުން އޭނާ އެކުޅަ ބޮޑުފާފަ ﷲ ސުބްޙާނަހޫވަތަޢާލާ ބައްލަވާވޮޑިގެންވެއެވެ. އަލްފަޖްރު ސޫރަތުގެ 14 ވަނަ އާޔަތުގެ މާނައިގައިވަނީ، “ހަމަ ކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ (އެއުރެން ކުރާ ކަންތައް) ބެއްލެވުމުގައި ވޮޑިގެންވާކަން ކަށަވަރެވެ.”  އަދި ހަމައެހެންމެ ޤިޔާމަތްދުވަހު އޭނާގެ ގުނަވަންތައް އެކަމަށް ހެކިވާނެކަމާއި ހުރިހާ ޢަމަލުތަކެއް މަލާއިކަތުން ލިޔުއްވާނެކަން ކީރިތިޤުރްއާނުންނާއި ކީރިތިމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މިއީ ތޯތޯ ވާހަކަ ތަކެއްނޫނެވެ. މިކަންކަމާމެދު ވިސްނާ ފިކުރުކޮށް ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި ﷲއާއި އެކަލާނގެ ރަސޫލާގެ ސުންނަތަށް ތަބާވުކީ އެއްވެސް މީހަކު މަގުފުރެދިގެން ނުދާނޭ ގޮތެވެ.

ދޮގުހެކި ދިނުމަކީ މުޅި މުޖުތަމައަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭ ކަމެކެވެ. އެހެންކަމުން ވަގުތީ އުފަލެއް ޙާޞިލުކުރުމަށްޓަކައި މުޅި މުޖުތަމަޢު ފަސާދަކުރާ މީހަކު ކަމުގައި ނުވަމާތޯއެވެ. ކާފިރެއްގެ މައްޗަށް ހެކިބަހެއް ދޭންޖެހުނުކަމުގައި ވިޔަސް، ތެދުވެރިކަމާއެކު ﷲ އަށް ޓަކައި ހެކިބަސް އަދާކުރާ މީހަކުކަމުގައި ވަމާތޯއެވެ.

އަޅުގަނޑުމެން މުސްލިމުންނަކީ ހެޔޮބަސްއަހައި ހެޔޮބަސް ޤަބޫލުކޮށް މުޅި އިސްލާމީ އުންމަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ ހެޔޮލަފާ ޞާލިޙު އަޅުވެރި ބަޔަކުކަމުގައި ލައްވާށީއެވެ. އާމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top