އަންނަ އަހަރުގެ ބަޖެޓަކީ 50 ބިލިއަން ރުފިޔާ؟!

big_xcltrKvNchA3CJxOjNb1svByQ.jpeg

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ލަފާކޮށްފި އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ 48 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެކެވެ.

2024 ވަނަ އަހަރު ޚަރަދު ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ 48 ބިލިއަން ރުފިޔާގައެވެ. ރިކަރަންޓު ޚަރަދުގެ ގޮތުގައި 32.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަކީ 14.9 ބިލިއަން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. އަދި ޚަރަދު ކުޑަކުރަން ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވުމުން ޚަރަދުތައް 2025 ވަނަ އަހަރު 44.9 ބިލިއަން ރުފިޔާއަށް ކުޑަވާނެކަމަށާއި މެދުރާސްތާގައި ޚަރަދު އިތުރުވަމުންދާނީ އަހަރަކު އެވަރެޖްކޮށް 0.5 އިންސައްތައިންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ދަރަނި އުޅޭނީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ގައެވެ. ތަރައްގީގެ މަޝްރޫއުތަކަށް 15 ބިލިއަން ރުފިޔާ ވަރު ޚަރަދުކުރުމަށް ނިންމާފައިވެ އެވެ.

ބަޖެޓް ދަރަނި ފޫބެއްދުމަށް 13.4 ބިލިއަން ރުފިޔާ ވަރު ހޯދަންޖެހޭ ކަމަށް އަންދާޒާކޮށްފައިވާއިރު އެ އަދަދު ހޯދަން ސަރުކާރުން ވިސްނާފައިވަނީ މީގެކުރިންވެސް އެކަން ކުރަމުން އައި ގޮތަށެވެ. އެއީ ބޭރުގެ މާލީ އިދާރާތަކުން ލޯނުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރާއި ރާއްޖޭގެ ބާޒާރަށް 6.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމެވެ.

އަންނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ މިއަހަރުވެސް ހުންނާނެ ކަމަށް ލަފާކުރާ 111 ބިލިއަން ރުފިޔާގައި ކަމަށް ބަޔާނުގައިވެ އެވެ. އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ދަރަނި ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ފިނޭންސް މިނިސްޓްރީން ގެންދަނީ އަންނަ މަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ޚާއްސަ ޓީމަކާ އެކު މަސައްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top