ދަރަނީގެ މައްޗަށް ދަރަނި ނަގަމުން ގޮސް، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ހިސާބަށް ހިނގައްޖެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން، ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ދަރަނި 100 ބިލިއަނާއި ގާތްކޮށްފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް ނަގާފައިވަނީ އިންޑިއާއިންނެވެ.
މިހިސާބަށް ކަންތައްތައް ގޮސްފައިވާ އިރު ދަރަނީގެ ވިހަ ބުރުން މިންޖު ނުވެއްޖެނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ހުސެއިން މިފަދައިން ވިދާޅުވެފައި ވާއިރު ސަރުކާރުން ވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އިތުރު 4.8 ބިލިއަން ރުފިޔާގެ ލޯނު ނަގާފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދައުލަތުގެ ދަރަނި ވަނީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދަރަނި އިތުރުވެފައިވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު ލޯނު ނެގުމުންނެވެ.
އެގޮތުން ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. އެއީ ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 33 ބިލިއަން ރުފިޔާގެ އިތުރުން، އެތެރޭގެ ދަރަނީގެ ގޮތުގައި ހިމެނޭ 52 ބިލިއަން ރުފިޔާއެވެ.
ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނީގެ އަދަދު ހުރީ 46 ބިލިއަން ރުފިޔާގައި ކަމަށް ދައްކާއިރު، އޭގެ ތެރޭގައި އެތެރޭގެ ދަރަނި ހުރީ 56 ބިލިއަން ރުފިޔާގައެވެ.
ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލެމުންދާއިރު ދުނިޔޭގެ މަސްރަހަށް މިހާރު އަންނަމުންދާ އިޤްތިޞާދީ ލޮޅުންތަކާއިއެކު އަންނަ 2023 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު އެބަ އޮތް އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ، ޖޭޕީމޯގަން އިން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން %122 އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.