ނަމޫނާ ބ.އަތޮޅު މަޝްރޫއުގެ ދަށުން ބ.މާޅޮހާއި ކިހާދޫއާއި ދަރަވަންދޫގައި ހާމައަށް ކުނިއެންދުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ނަމޫނާ ބ. އަތޮޅު މަޝްރޫއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް، ދެމެހެއްޓެނިވި އުސޫލުން ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްކުރުމަށް ރަށު ކައުންސިލްތަކެއްގެ މެދުގައި ވެވުނު އެއްބަސްވުމެކެވެ.
މި ތިންރަށުގެ ކައުންސިލްގެ ފަރާތުން ރަށު ކައުންސިލްތަކުގެ އިސްނެގުމުގެ މަތީން މިގަރާރު އެކުލަވާލައި އެއްބަސްވެފައި ވަނީ، މިދިޔަ މަހު ފަހަކުން އަށަކަށް ސޮނެވާފުށީގައި ކުނި ނައްތާލުމާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގަ އެވެ.
ހާމައަށް ކުނިއެންދުމަކީ އެކަމުގެ ސަބަބުން ސިއްހަތަށާއި ތިމާވެށީގެ އިތުރުން ފަތުރުވެރިކަމަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އެހެންކަމުން މިތިން ރަށުގައި ހާމައަށް ކުނިއެންދުން ހުއްޓާލުމުގެ ގޮތުން ‘އީކޯ-ސެންޓްރޯ’ ގާއިމްކުރެވި މިސެންޓަރުތަކުގައި އެ ރަށްރަށުން އުފައްދާ ކުނި ޖަމާކޮށް، ރީސައިކަލް ކުރުމާއި އަދި ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެހިގެން ދާނެ އެވެ.
އީކޯ-ސެންޓްރޯގެ މޮޑެލް އެންމެ ފުރަތަމަ ގާއިމްކުރެވިފައި ވަނީ ސޮނެވާފުށި ރިސޯޓުގަ އެވެ. ސޮނެވާފުށީގައި ކާނާއިން އުފެދޭ ކުންޏާއި، ލަކުޑި، ބިއްލޫރިފަދަ ކުނި ފުނޑުކުރުމަށްފަހު އެއިން ބޭނުންތެރި ތަކެތި އުފައްދައެވެ. ސޮނެވާފުށީގައި އުފެދޭ ހުރިހާ ޕްލާސްޓިކް ކުނި ރިސައިކްލް ކޮށްގެން އަގުހުރި ތަކެތި އުފައްދައެވެ.
މިދިޔަ ޖެނުއަރީގައި ބޭއްވި ބައްދަލުވުމުގައި، ދަރަވަންދޫ، މާޅޮސް އަދި ކިހާދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން، އެ ތިން ރަށާއި ސޮނެވާފުއްޓާއި އަދި ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމަށް ޓަކައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމަޢިއްޔާއެއްކަމުގައިވާ، ކޮމަން ސީސްގެ މެދުގައި “ކްލީން ބްލޫ މޯލްޑިވްސް”ގެ ނަމުގައި ޕާޓްނަރޝިޕެއް ވަނީ އުފައްދައިފަ އެވެ.
ކްލީން ބްލޫ މޯލްޑިވްސްގެ އަމާޒަކީ ބ. އަތޮޅު އަދި ދިވެހި ރާއްޖެއަކީ ކަނޑަށް އަޅާ ޕްލާސްޓިކް މަދުކުރުމަށް ކުރެވޭ މަސައްކަތުގައި ބައިނަލްއަގްވާމީ ގޮތުން ނަމޫނާ ގައުމެއް ކަމުގައި ވެގެންދިއުމެވެ.
ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ، މި މަޝްރޫއާ ބެހޭ ގޮތުން ވިދާޅުވީ އެންމެން އެކުއެކީގައި މަސައްކަތްކޮށްފި ނަމަ ރާއްޖެއިން ސިންގްލް ޔޫސް ޕްލާސްޓިކް އާ ދެކޮޅަށް ކުރާމަސައްކަތް ބައިނަލްއަގުވާމީ ގޮތުން މިސާލަކަށް ވެގެންދާނެ ކަމަށެވެ.