21 އަހަރުން ދަށުގެ ގައުމީ ޔުރު ޗެމްޕިއަންޝިޕް މުބާރާތުގައި ކުޅުނު ތިންވަނަ މެޗުން ކްލަބް އޭދަފުށި މޮޅުވެ ކުޅުންތެރިންގެ އުއްމީދު އާކޮށްފިއެވެ. މި މުބާރާތުގައި މީގެ ކުރިން ކުޅުނު ދެމެޗުވެސް އޭދަފުއްޓަށް ވަނީ ގެއްލިފައެވެ.
އިއްޔެ ހަވީރު ގަދަފަދަ މާޒިޔާއާ ވާދަކޮށް އޭދަފުށި މޮޅުވެފައިވަނީ 1-0 އިންނެވެ.
މި މުބާރާތުގައި އޭދަފުށި ފުރަތަމަ ބަލިވެފައިވަނީ ކްލަބް އީގަލްސް އަތުން 3-1 އިންނެވެ. ދެ ވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވީ 4-1 އިންނެވެ. މާޒިޔާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެ ވަނަ މެޗުން ބަލިވެފައެވެ.
އިއްޔެގެ މެޗުން އޭދަފުށި މޮޅުވުމުން މި ގްރޫޕުގެ ކޮންމެ ޓީމަކަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ސެމީ އަށް ދިއުމުގެ ފުރުސަތު ފަސް ޓީމަށްވެސް އޮތްއިރު ގޯލުގެ ތަފާތުން އެއް ވަނައިގައި އޮތީ ގްރީން ސްޓްރީޓްސް އެވެ. ދެ ވަނަ ކްލަބް އީގަލްސް އަށް ލިބޭއިރު ތިން ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީ އެވެ. ހަތަރުވަނައިގާ މާޒިޔާ އޮތްއިރު އެންމެ ފަހަތުގައި އޮތީ އޭދަފުއްޓެވެ.