ދިވެހިކުރުން: އަބްދުލް ޣަފޫރު ޢަބްދުއްރަޙިމު ގ. މަންޒިލް
(1 ފެބްރުއަރީއާއި ގުޅޭ ) އެންމެ ފަހުން ހުރިހާ ބޭފުޅުންވެސް ޑޮކްޓަރ އިބުރާހިމުގެ ގެކޮޅަށް ވަޑައިގެންފިއެވެ. މިހުރިހާ ބޭފުޅުންނަށްވެސް ގޭ ދޮރުމަތިން ޑޮކްޓަރ އިބުރާހިމު މަރުހަބާ ދެންނެވިއެވެ. މިބޭފުޅުންގެ ތެރޭގައި ޖުމްލަ ދިހަ ބޭފުޅުން ހިމެނެއެވެ. މިބޭފުޅުންގެ ތެރޭގައި ތިން ލޯޔަރުންނާއި ކުރީގެ ތިންވަޒީރަކާއި ރައްޔިތުންގެ މަޖުލިހުގެ ތިން މެމްބަރުންނާއި އަދި ނޫހެއްގެ ވެރިޔަކުވެސް ހިމެނުނެވެ. މިބޭފުޅުންނަށް ބަލައިލުމުންވެސް މިއީ ވަރަށްވެސް ޚުތޫރަތްތެރިކަން ބޮޑު ބައްދަލުވުމެއްކަން ކިޔުންތެރިންނަށްވެސް ލަފާކޮށްލެވޭނެއެވެ. އެއްދުވަސްވަރެއްގައި މިފަދަ ބައްދަލުވުންތައް ފާޅުގޮތެއްގައި ބޭއްވުނެވެ. ނަމަވެސް މިދުވަސްވަރަކީ ސިޔާސީ ޕާޓީތައް މުޅިން މަނާކުރެވި އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތައް މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެކެވެ. އެހެންވެ މިފަދަ ބައްދަލުވުންތައް ބޭއްވެން އޮންނަނީ ސިއްރިޔާތުގައެވެ. މިފަދަ ބައްދަލުވުންތައް ބޭއްވެނީ ނާދީތަކާއި ކުލަބު ތަކުގައެއް ނޫނެވެ. އަމިއްލަ މީސްމީހުންގެ ގޭގައެވެ. ޖާސޫސަކަށް ނުވަތަ ފާރަވެރިޔަކަށް އޭގެ ޚަބަރު ނުފޯރާނޭ ގޮތެއްގައެވެ. އަދި މިފަދަ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް ލިޔެވި ރެކޯޑުކުރެވެނީ ނޯޓު ފޮތެއްގެ ސަފުހާތަކުގައެއް ނޫނެވެ. މީސްމީހުންގެ ހިތްތަކުގައެވެ. މިފަދަ ޒިޔާރަތްތައް ވެފައި އޮންނަނީ ސަރުކާރު ވައްޓާލުމަށްޓަކައި ސައްލާ ކުރުމަށް ބައްދަލުވާ ބައްދަލުވުމަކަށެވެ. ސިޔާސީ އިދިކޮޅު ހަރަކާތްތައް ހުއްޓުވާލިއރު، ‘ބޮޑު’ ކޮންމެ މީހެއްގެ އަމިއްލަގޭގެ އިސްތިގުބާލުކުރާ ކޮޓަރިއަކީ، އިދިކޮޅު ސިޔާސީ ޕާޓީއެއް ހިންގާ ތަނަކަށް ބަދަލުވެގެން ހިގައިދޭނޭ ތަނެއްކަމެއް، ސަރުކާރަށް އެއިރަކު ވިސްނިފައެއް ނެތެވެ.
މިއަދުވެސް، އެހެން ދުވަސް ދުވަހެކޭވެސް އެއްފަދައިން، ދެކެވުނީ ސިޔާސީ ވާހަކަތަކެވެ. ވާހަކަތައް އަމާޒުވެފައިއޮތީ ސިޔާސީވެރިންނަށެވެ. ސަރުކާރުން ކުރަމުންގެންދާ ކަންކަމާއެވެ. އެކަންކަމުގައި އޮތީ މުޅިންވެސް އައިބުތަކާއި އުނި ކަންތަކެވެ. ސިޔާސީވެރިންގެ ސިޔަރަތުގެ މައްޗަށްވެސް ބަލާލެވުނެވެ. އެ އެންމެންނަކީވެސް މޮޔައިންނެވެ. ނޫނީ ޣަދަރުވެރި ޚާއިނުންނެވެ. ނޫނީ ދޮގުހަދާ ވައްކަން ކުރާވަގުންނެވެ. ނޫނީ ނުލަފާ މުނާފިގުންނެވެ. ނޫނީ ހަމައެކަނި އަމިއްލަ އެދުމައިގެން މަސައްކަތް ކުރާ ލައުނަތް ލިބގެންވާ މީހުންނެވެ. ޖަލްސާގައި ރަށަށް ގެންނަން ބޭނުންވާ އިސްލާހާއި ބެހޭ ގޮތުން ބަހުސު ކުރެވުނު އިރު ހުރިހާ ބޭކަލުންނަށް ވެސް އެއްބަސްވެ ވަޑައިގެންނެވުނީ ގެންނަން ޖެހޭ ހަމައެކަނި އިސްލާހަކީ މިވެނި ވުޒާރާއަކީ އުވާލަން ޖެހިފައިވާ ވުޒާރާއެއްކަމެވެ. އަދި ބޭނުންވާ އިސްލާހު ގެނައުމަށްޓަކައި، އޭގެ ބަދަލުގައި އެހެން ވުޒާރާއެއް އުފައްދަން ޖެހޭކަމެވެ. އަދި މިއިސްލާހު ގެނައުމަށްޓަކައި އެވުޒާރާގައި މަސައްކަތްކުރަން ތިބެން ޖެހޭނީ މި އެންމެ ބޭކަލުން އެދޭ ގޮތަށް ކަންތައްތައް ކުރާ، މިއެންމެ ބޭކަލުންގެ ގާތްތިމާގެ މީހުންނާ ރަހުމަތްތެރިން ކަމެވެ. އަދި އުވާލަން ބޭނުންވާ ވުޒާރާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްވެސް ރާވައި ނިންމިއެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންގެ މެދުގައި، މިގޮތުން ކުރަންވީ ކަންކަން ބަހާލިއެވެ.
ނޫސްވެރިޔާގެ މަސްއޫލިއްޔަތަކަށްވީ އޭނާގެ ނޫހުގެ ސަފުހާތައް، ސަރުކާރަށް ފާޑުކިޔައި ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ސަނާ ކިޔާ ސަފުހާ ތަކަކަށް ހަދާލުމެވެ. އަދި އެހެން ކޮންމެ ބޭކަލެއްވެސް އެބޭކަލެއްގެ އިސްތަށިފުޅުގައި ކޮންމެވެސް ސިފައެއްގައި ސަރުކާރަށް ހަމަލާ ދިނުމުގެ މަސްއޫލިއްޔަތު އެޅުއްވިއެވެ. މިއެންމެންގެ ތެރެއިންވެސް އެންމެ މުހިއްމު ދައުރެއް ހަވާލު ކުރެވުނީ ޑޮކްޓަރ އިބުރާހިމާއެވެ. ޑޮކްޓަރާ ހަވާލުކުރެވުނު ކަންތައްތަކަށް އަމަލީ ސިފައެއް ގެނައުމުގެ މަސައްކަތް، ޖަލްސާގެ ބައިވެރިން ގެއިން ނިކުމެ ވަޑައިގަތުމުން، ހަމަ ވަގުތުން ފެށްޓެވިއެވެ. ނޫހުގައި ޝާއިއު ކުރުމަށް ލިޔުމެއް ލިޔުއްވުމަށެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ކަންކަމަށް ފާޑުކިޔުއްވާފައެވެ. އޭނާ، މިލިޔުން ލިޔުއްވުމުގައި، ރިޕޯޓަކަށް، ނޫނީ ތަފާސް ހިސާބަކަށް ނޫނީ ލިޔެވި ޝާއިއުކުރެވިފައިވާ ބަހުސަކަށް، ބައްލަވާކަށް ނުހައްދަވައެވެ. އަދި ޒާތީ ކަންތައްތަކުން އެއްކިބާވެ ހުންނަވައިގެން ލިޔުއްވުމަކީވެސް މުހިއްމު ކަމެއްކަމުގައި ދެކިއެއް ނުލައްވައެވެ. މިފަދަ ކަންކަމަށް ބެއްލެވުމަށްވުރެ ޑޮކްޓަރ އިބުރާހިމު މާ ބޮޑުވެފައި މޮޅުފުޅެވެ. މިހެން ނުވާނަމަ، އޭނާގެ އަތްޕުޅުގައި އޮތް ސެޓިފިކެޓުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެންމެ މަޒުމޫނެއް ލިޔުއްވައިފައި ޑޮކްޓަރު އިބުރާހިމު ނިންމާލެއްވީކީ ނޫނެވެ. އިތުރު އެހެން މަޒުމޫނެއްވެސް ލިޔުއްވިއެވެ. ކަންކަން ނުކުރެވޭކަމާއި އަދި ކަންކަމާމެދު ފަރުވާކުޑަކުރާކަން ސަރުކާރުގެ މައްޗަށް ތުހުމަތުކުރައްވާފައެވެ. އަދި ހަމައެކަނި އެހެން ނަމެއްގައި ލިޔުއްވުންތައް ލިޔުއްވުމުން ޑޮކްޓަރުގެ މަސައްކަތް ނިމުނީއަކީ ނޫނެވެ. މީގެ އިތުރުން އެކި އެކި ބައްދަލުވުން ތަކުގައި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްގެ ބަހުރުވައިން ސަރުކާރުގެ އުނިކަމާއި ކަންކަން ނުކުރެވޭ ކަމާއި މަތީ ފާސްނަގައިގެން އައިސް ތިބި މީހުންނާ ކަންކަން، ސަރުކާރުން ހަވާލު ނުކުރާކަން ވެސް ފާހަގަކޮށް ވާހަކަވެސް ދައްކަވައެވެ. އަދި އަޑުއަހާމީހާ އޭނާގެ ވާހަކަތައް އަޑުއަހައި އޭނާގެ ވާހަކައިގެ ރީތިކަމާ އޮމާންކަމުގެ އަސަރުގައި ޖެހި، އިރާގުގެ ރަން ޒަމާން ދާދިއަވަހަށް ދެން އަތުވެދާނެ ކަން ގަބޫލުކުރެވިދެއެވެ. އަދި ބައެއް ފަހަރުފަހަރު، އަޑުއަހާ މީހުންގެ ތެރެއިން މީހަކު ފޯރީގައި ޖެހި ވަރަށް އިޚުލާސްތެރިކަމާއެކު ބުނެލައެވެ. “އަހަރުމެންގެ އަމިއްލަ ދަރިން ހުޅަނގުގެ ކޮލެޖުތަކުން އުނގެނުމަށް ފަހު، އެ އުނގެނުމުގެ މޭވާ ހިފައިގެން އަހަރުމެންގެ ރާއްޖެ ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި މިތިބީ އައިހެވެ.”
* * * *
މުވާސަލާތާއި އިގުތިސާދު އާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑޮކްޓަރ އިބުރާހިމު އޭނާގެ ދުވަހުގެ ވާޖިބުތައް އަދާކޮށް ނިންމާލައްވައިފިއެވެ. މިވާޖިބުތަކުގެތެރޭގައި ރަސްމީ ދެތިން ސިޓީއެއްގައި ސޮއި ކޮށްލެއްވުން ނޫންކަމެއް ނޯވެއެވެ. އޭނާގެ ވާޖިބުތައް އަދާކުރައްވައި ނިންމެވުމަށްފަހު ގޮނޑިކޮޅުގައި ރަގަޅަށް ހިންދެމިލެއްވިއެވެ. އަދި ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިވަޑައިގަތެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއި އަދި އަމާންކަމެވެ. ހަތަރުވަރަކަށް މަސް ވެސް ވަޒީފާގައި ހޭދަ ނުކުރައްވައި، ދާދި ކުރުމުއްދަތެއްގެ ތެރޭގައި ވަޒީފާގެ ކުރިއެރުމުގައި ދެހަރުފަތެއް އޭނާވަނީ ގިރާކުރައްވައިފައެވެ. މިހާރު އޭނާ އަކީ ‘ޑިރެކްޓަރ ޖެނެރަލް’ އެކެވެ. ވުޒާރާގައި ވަރަށްވެސް މުހިއްމު ޝަޚުސިއްޔަތެކެވެ. އަދި އޭނާއަކީ، އޭނާއާ އެއް އުމުރުގެ، އަދި ތައުލީމީގޮތުން އެއް ފެންވަރެއްގެ، މީހުންނާ އަޅާބަލާއިރު، އެފަދަ މީހުން ހަސަދަވެރި ވާނޭހާ ބޮޑު މުސާރައެއްގެ ވެރިއެކެވެ. އޭނާ ކިތަންމެ ބޮޑާވެފައި ފޮނިވިޔަސް، އޭނާއަށް މިވަޒީފާގައި ދެމިހުންނެވެނީ ކިހިނެއްކަން، އޭނާގެ ހަނދާނުން ފަހަރެއްގައިވެސް ފޮހެވިގެންނެއް ނުދެއެވެ. އޭނާ މަސައްކަތް ކުރައްވާ ވުޒާރާއެއް އުވި ނުދިޔުމަށްޓަކައި މަސައްކަތް ނުކުރެއްވިނަމަ އޭނާއަށް އޭނާގެ ވަޒީފާ ލިބިވަޑައިގެންފައި ނެތީހެވެ. އެހެންވެ، ޒަމާން ފުރޮޅެމުންދާ ދިއުމާއި ދުވަސްތަކުގެ ކެހިވެރިކަމުން ރައްކާތެރިކަން ހޯދުން އެއީ ހަމަ ނުކޮށްނުވާނޭ ކަމެކެވެ. ދުވަހަކު ކޮޅުންވިޔަސް، ޑޮކްޓަރ އިބުރާހިމުގެ ވުޒާރާ އުވި ހިނގައްޖެނަމަ، އޭނާގެ ވަޒީފާވެސް އުވި ގެއްލިގެންދާނެއެވެ. އަދި ވަޒީފާ ހޯދަން ކުރެއްވި ހުރިހާ މަސައްކަތެއް އޮންނާނީ ވަޔަށް ބުރައިގެން ގޮސްފައެވެ. އެހެންވީމާ މުސްތަގުބަލަށް ޓަކައި ކޮންމެހެންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން ޖެހެއެވެ. އަދި އޭނާ ކިޔަވާ ވިދާޅުވި މަދަރުސާއިން ކިޔަވާ ދަސްވެނިވެ އެއް ސެޓިފިކެޓެއް ހިފައިގެން އައިސް އޭނާއާ ވާދަކުރަން އުޅެފާނެ އެހެންމީހުންނާ ދޭތެރޭ ވިސްނައި ފިޔަވަޅު އަޅަން ޖެހެއެވެ. އަދި ހަމައެހެންމެ، އޭނާގެ އަދާވަތް ތެރީންނާ ދޭތެރޭވެސް ވިސްނާ ސަލާމާތުގެ ފިޔަވަޅު އަޅަންޖެހެއެވެ. މިއަދާވަތް ތެރިންނަކީ، ޑޮކްޓަރ އިބުރާހިމު ކުރިއަރައިގެން ދިޔުމުގެ މަގުމަތީގައި އެމީހުންގެ ވަޒީފާ ޖަހައި ގަންނަވައި، އެމީހުންގެ ހައްގުތަކަށް އޭނާގެ ފައިންޕުޅުން އެރުއްވި މީސްމީހުންނެވެ. އެހެންވެ، ދިމާވެދާނޭ ކުއްލި ނުރައްކަލެއްގެ ބިރުން ސަލާމަތްކަން ހޯދުމުގެގޮތުން ވަރުގަދަ ފިޔަވަޅެއް އެޅުއްވުމާ ދޭތެރޭ ވިސްނާވަޑައިގެން ފިކުރުކުރެއްވުމަކީ ހަމަ އެންމެ ރަގަޅުކަމެކެވެ. އަދި އެ ފިޔަވަޅުތައް ވަރުގަދަކޮށް، އޭގައި ވާނަމަ ވާ އުނިކަމެއް ފޫބެއްދުމަށްޓަކައި، ލިބިވަޑައިގަންވާ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅަށް ކުރައްވަންވެސް ޖެހޭނޭމެއެވެ.
މިގޮތުން ޑޮކްޓަރ އިބުރާހިމު އަޅުއްވާ ސަލާމަތުގެ ފިޔަވަޅުތައް ގުޅިފައިވަނީ ދެކަމަކާއެވެ. ފުރަތަމަކަމަކީ ބޮޑެތި ބޮޑެތި ބޭފުޅުންނާއި ބައްދަލުކޮށް، ތައާރަފުވެ، އެ ބޭބޭފުޅުންނާ ގުޅުން އުފެއްދައި ގިނަގިނައިން އެ ބޭބޭފުޅުންނަށް ޒިޔާރަތްކޮށް އުޅުއްވުމެވެ. އަދި އެފަދަ ބޭބޭފުޅުންގެ ހާޒިރުގައި އެބޭބޭފުޅުން ރުހިވަޑައިގަންނަވާ ގޮތެއްގެ މަތިން ވާހަކަދައްކަވައި އެބޭބޭފުޅުންގެ ހިތާ ސިކުނޑީގެ ރުހުމާއި މަގްބޫލުކަން ހޯއްދެވުމެވެ. ދެވަނަކަމަކީ ރަށުގެ އެކިއެކި ކުލަބުތަކާއި ޖަމިއްޔާތަކުގެ މެމްބަރަކަށް ވެވަޑައިގަތުމެވެ. އެއީ ކޮންމެ ކުލަބަކަށް ނޫނީ ޖަމިއްޔާ އަކަށް ވިޔަސް ވެހެވެ. ވަތަނީ ނޫނީ ދީނީ ނޫނީ އިލްމީ ޖަމިއްޔާއަކަށް ވިޔަސް ވެހެވެ. އަދި މިފަދަ ޖަމިއްޔާތަކުގެ މެމްބަރުން، ނަށާ އުޅެނީ ކޮން ރާގަކަށްތޯއާއި، ވާހަކަދައްކާ އުޅެނީ ކޮން ބަހުރުވައަކުންތޯއާ ދެނެގަތުމެވެ. އަދި ފުރުސަތު ލިބިވަޑައިގަތުމުން، މޮޅު ވާހަކަ ދެއްކުންތެރި އަކަށް ވެވަޑައިގެން، އެ ޖަމިއްޔާތަކުގެ މެމްބަރުންގެ މެދުގައި އެމީހުން އެދޭ ރާގެއް ކުޅެ އެމީހުންގެ ބަހުރުވައިން ވާހަކަދައްކައި އެމީހުންގެ ރުހުން ހޯއްދެވުމެވެ.
މީގެ އިތުރުން، ވަޒީފާ ރައްކާތެރިކުރެއްވުމުގެގޮތުން އެޅުއްވި ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި، ރަށުގެ ނޫސް މަޖައްލާތަކުގެ ވެރިންގެ އިތުބާރު ހޯއްދެވުންވެސް ހިމެނެއެވެ. އެގޮތުން ހުރިހާ ނޫސް މަޖައްލާއެއްގައިވެސް ބައިވެރިވެ ލައްވައި ދިގު ލިޔުންތައް ޝާއިއު ކުރެއްވިއެވެ. އެ ނޫސް މަޖައްލާތަކަށް ހަމަހަމަކޮށް ޑޮކްޓަރު އިބުރާހިމުގެ ވުޒާރާއިން އިއުލާނުތައް ޝާއިއު ކުރުމަށް ދެއްވަމުން ގެންދެއްވިއެވެ. ޑޮކްޓަރ އިބުރާހިމު ނޫސް މަޖައްލާ ތަކަށް އެންމެ ފުރަތަމަ ލިޔުއްވި ލިޔުއްވުމުގެ މައުޟޫއު ގުޅިފައިއޮތީ ސެޓިފިކެޓުގެ ވެރީންނަށް އިހުތިރާމުކޮށް އެފަދަ މީސްމީހުންނަށް ފުރިހަމަ އިތުބާރުކުރުމާ ބެހޭގޮތުންނެވެ. ދެން އެއަށްފަހު، ދަނޑުވެރިކަމުގެ ގޮތުން ފޫބައްދަން ޖެހޭ ކަންކަން ފޫބެއްދުމަށްޓަކައި އޭނާ ކުރައްވަން ނިންމާފައިވާ ބޮޑެތި ބޮޑެތި މަޝްރޫއުތަކާ ބެހޭގޮތުންނެވެ. މިފަދަ މަޝްރޫއުތަކަކީ، ޚުދް އޭނާއަށްވެސް އެނގިވަޑައިގަންނަވާ ފަދައިން، ގިނަބަޔަކަށްވެސް އެއީ ހަމަ އެކަނި ކަރުދާހުގައި ލިޔެލެވޭ އެއްޗެއްކަން އެނގެއެވެ. މިފަދަ ލިޔުންތަކުން ގަސްދުކުރެވެނީ ތަންދޮރު ރަގަޅަށް އޮޅުން ނުފިލާ ތިބި އާދައިގެ މީހުންނަށް، އޭނާއަށް ވަޒީފާ ލިބުމުގެ މާކުރިންވެސް، އޭނާ ވައުދުވެފައިވާ ކަންކަމަށް އަމަލީ ސިފަ ގެންނަމުން ދާކަން ދައްކުވައި ދިނުމެވެ. މިފދަ މަޝްރޫއުތަކަށް އަމަލީ ސިފައެއް ގެނައުމަކީ މުސްތަހީލު ކަމެއްކަމަށް އެންމެ ފުރަތަމަ އިއުތިރާފުވެ ވަޑައިގަންނަވާނީ ހަމަ ޑޮކްޓަރ އިބުރާހިމު އެވެ. ނޫސް މަޖައްލާތަކުގެ ވެރިންނާ މިގޮތުން ގުޅުން އުފައްދަވާފައި ނިންމަވާލެއްވީކީ ނޫނެވެ. މީގެ އިތުރުން، އެމީސްމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޑޮކްޓަރ އިބުރާހިމު އަވަސްވެ ވަޑައިގަނެއެވެ. އެގޮތުން، ފުރުސަތެއް ލިބޭހިނދު ނޫސް މަޖައްލާތަކުގެ ވެރިންގެ ގާތް ތިމާގެ މީހުންނަށް ވަޒީފާދީ ނޫނީ އެފަދަމީސްމީހުންނަށް ވަޒީފާގެ ކުރިއެރުންދީ ހައްދަވައެވެ. މިހެންވެ، ނޫސްމަޖައްލާ ތަކުގެ ވެރިންގެ ގާތުގައި ޑޮކްޓަރު އިބްރާހިމަކީ ވަރަށްވެސް މަގުބޫލު ބޭފުޅެކެވެ. ނޫސް މަޖައްލާތަކުގެ ކޮންމެ އަދަދެއްގައިހެން ޑޮކްޓަރު އިބުރާހިމުއަށް ތައުރީފުކޮށް އޭނާގެ ނަން މަޝްހޫރު ކުރުމުގެ އިޝްތިހާރީ ލިޔުންތައް ޝާއިއު ކުރެވެމުންދެއެވެ.
އޭނާގެ ވަޒީފާ ސަލާމަތްކުރެއްވުމުގެ ގޮތުން ޑޮކްޓަރު އިބުރާހިމު އެޅުއްވި ފިޔަވަޅުގެ ތެރެއިން އެންމެ މުހިއްމު ފިޔަވަޅަކީ ދަނޑުވެރިކަމުގެ ރޮގުން ބޭރަށް ކިޔަވަން ދިއުމަށް ކުދިންނަށް ދެވޭ އިސްކޯލަޝިޕުތައް އޭނާގެ ބާރުގެ ދަށަށް ގެންނެވުމެވެ. އޭނާގެ އެއްބަސްވެޑައިގަތުމަށްފަހު ސޮއިކުރެއްވުމުން މެނުވީ ސަރުކާރުން އެއްވެސް ކުއްޖަކު މިރޮގުން ކިޔަވަން ނުދެވޭގޮތް ހެއްދެވިއެވެ.(ނުނިމޭ )