ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                                              1ފެބްރުވަރީ އާއި ގުޅޭ

ޙާދިސާތައް ހިނގަނީ ކީއްވެގެން؟

ރޭލު ފުރަން ކައިރިވެފައިވުމާއެކު ކަށިގަނޑެއްގެ އަޑު އިވެއެވެ. މި ކަށިގަނޑުގެ ބޭނުމަކީ ދަތުރުވެރިންނަށް އެންގުމެވެ. ކަށިގަނޑުގެ އަޑު އިވުމުން ރޭލަށް ނާރާ ތިބި މީހުން އައިސް އަރާނެއެވެ. ވުމާއެކު މި ކަށިގަނޑު ވެގެން ދަނީ އެންގުމަކަށެވެ. ހޭލެއްވުމަކަށެވެ. އެއީ ހަމައެކަނި އަޑެއް  (Noise pollution) ކަމަށް ވިސްނާ މީހަކަށް އެ ކަށިގަނޑުގެ ސަބަބުން ވާނީ އުނދަގުލެކެވެ. އެކަމަކު އެއީ ނުރައްކަލުގެ ރަނގަބީލެއް ކަމަށް ހީކުރާ މީހަކަށް މި ކަށިގަނޑުގެ އަޑުން ލިބޭނީ މުޅިން އެހެން މެސެޖެކެވެ.

ފިޠުރަތުގެ ޙާދިސާތަކަކީވެސް މިފަދަ ޙާދިސާތަކެކެވެ. ފިޠުރަތުގެ ޙާދިސާތަކަށް ނަޒަރު ހިންގައިލައްވާށެވެ. ބިންހެލުމާއި، ޠޫފާނާއި، ރާޅު އެރުން ފަދަ ޙާދިސާތައް ހުންނަނީ ހިނގަހިނގައެވެ. މިހާރުގެ ފަލްސަފާވެރިން މި ބާވަތުގެ ޙާދިސާ ތަކާ މެދު ދެކެނީ މުޅީން ތަފާތު ގޮތަކަށެވެ. އެމީހުން ދެކޭ ގޮތުގައި އެއީ، ފަސާދައިގެ މައްސަލައެކެވެ. ނުވަތަ ޝައިޠާނާގެ ސަބަބުން ކުރިމަތިވާ މައްސަލަ  (Problem of evil) އެކެވެ.

އެހެންނަމަވެސް ރަސޫލު ބޭކަލުން މިބާވަތުގެ ޙާދިސާތައް މާނަ ކުރައްވަނީ ތަފާރު ގޮތަކަށެވެ. އެ ބޭކަލުން ބައްލަވަނީ ނަޞޭޙަތާއި، ޢިބްރަތުގެ ޙާދިސާ ތަކެއްގެ ގޮތުގައެވެ. ވުމާއެކު އެ ޙާދިސާތައް ވެގެން ދަނީ ފިޠުރަތުގެ ސިގްނަލަކަށެވެ.

މި ޙާދިސާ ތަކަކީ އަންނަން އޮތް ބިރުވެރި ދުވަހެއްގެ ޚަބަރުކުރެއްވުމެކެވެ. އެ ދުވަހަށް މީސްތަކުން ހޭ ލެއްވުމެވެ. އެއީ ބޮޑު ދުވަހެކެވެ. އެދުވަހު ހުރިހާ ބާރަކާއި، އިޚްތިޔާރަކާއެކު ﷲ މީސްތަކުންގެ ކުރިމައްޗަށް ފާޅުވެ ވޮޑިގަންނަވާނެއެވެ. ހުރިހާ އިންސީންނާއި، ޖިންނީން ތިބޭނީ އާރެއް ބާރެއް ނެތް ނިކަމެތި ބައެއްގެ ގޮތުގައެވެ. ބައެއް މީހުން ބޭނުންވާނީ ފިލާށެވެ. އެކަމަކު ފިލަންދާނޭ ތަނެއް ނޯންނާނެއެވެ. އެހީއަށް އެދި ގޮވާނެއެވެ. އެކަމަކު އެހީވާނޭ މީހަކު ނުހުންނާނެއެވެ.

ޤިޔާމަތް ދުވަހު މެދުވެރިވާނޭ ފަދަ ކަންތައްތައް އެތައް ގުނައެއް ކުޑަކޮށް މި ދުނިޔެ މަތިން ފެންނަމުން އެބަދެއެވެ. އެއީ ޤިޔާމަތް ދުވަސް އައުމުގެ ކުރިން އެދުވަހުގެ މަތިން ހަނދާން ކޮށް ދެއްވުމުގެ ގޮތުންނެވެ. ފަރުދާ މުޅިން ކަހާލެވޭ ދުވަހު ފެންނާނޭ ބައެއް މަންޒަރު ތަކުގެ މިސާލު މިހާރުވެސް ދަނީ ފެންނަމުންނެވެ.

ބުއްދި ވެރިއަކަށް ވާނީ މި ފަދަ މަންޒަރުތަކަކީ ފިޠުރަތުގެ މުޞީބާތް ކަމުގައި ބެލުމުގެ ބަދަލުގައި ޤުދުރަތީ އިންޒާރެއް ކަމަށް ދެކޭ މީހާއެވެ. މި ފަދަ ގޮތަކަށް ދެކޭމީހާގެ އުޅުމަށް އަންނާނީ ހެޔޮ ބަދަލެވެ. އޭނާގެ ހިތުގައި އުފެދޭނީ އިޞްލާޙުވުމުގެ ޖަޒުބާއެވެ. މިޔާ ޚިލާފަށް އެ ޙާދިސާ ތަކަކީ ފިޠުރަތުގެ މުޞީބާތްތަކެއެ ކަމަށް ދެކޭ މީހާގެ ހިތުގައި އުފެދޭނީ ރުޅިވެރި ކަމާއި، ބަދަލު ހިފުމުގެ ޝުޢޫރެވެ.

ފުރަތަމަ ބުނެވުނު ގޮތަށް ވިސްނާމީހާ ދަތުރު ކުރާނީ ސުވަރުގެއާ ދިމާއަށެވެ. ދެވަނަ އަށް ބުނެވުނު ގޮތަށް ވިސްނާ މީހާ ދަތުރު ކުރާނީ ނަރަކައާ ދިމާއަށެވެ.

ހަމަގޮތުގައި ބޭނުން ކުރުން

ޖޫން 1984 ގައި އަމްރިތްސަރްގެ ސަވްރަން މަންދިރާ (ފައްޅިއެއް) ޚިލާފަށް ސިފައިންގެ ކޯޓްގައި ޝަރީޢަތެއް ފެށުނެވެ. އިންޑިއާގެ ސިފައިން ހިންގި މި ތަޙުޤީޤު ގެނަމަކަށް ކިޔާފައިވަނީ އޮޕަރޭޝަން ބްލޫސްޓަރ އެވެ. ސަވްރަން މަންދިރަކީ ސިކުންގެ ވަރަށް މުޤައްދަސް ތަނެކެވެ. މި ޙާދިސާގެ ސަބަބުން ސިކުންގެ ތެރޭގައި “ޝަހީދު” ވުމުގެ ފޯރި އުތުރު އަރައިގެންފިއެވެ. އެންމެ ފަހުން ގޮސް 31 އޮކްޓޯބަރ 1984 ގައި އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ގައިކޮޅަށް ބަޑިޖަހާ އަވަހާރަކޮށްލައިފިއެވެ. މިކަމެއް ކުރީ އެކަމަނާގެ ބޮޑީގާޑަކަށް ހުރި ސިކުންގެ މީހެކެވެ.

އޭގެ ފަހުން އޮތީ ޝަރީޢަތެވެ. 11 ފެބްރުއަރީ 1985 ގައި ޗީފް މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް އެސް. އެލް. ކަންނާގެ ކޯޓަށް ޤާތިލާ ދެކޮޅަށް 20 ޞަފްޙާގެ ޗާޖްޝީޓެއް ހުށަހެޅުނެވެ. މި މައްސަލަޔާ ގުޅިގެން ނޫހުގައި ލިޔުނު ރިޕޯޓްތަކުގެ ތެރެއިން އެއް ރިޕޯޓެއްގައި ލިޔެފައިވެއެވެ.

“ހަތިޔާރާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ޤާތިލް ސަތުވަންތް ސިންގ ގެ މައްޗަށް ކުރެވޭ ދަޢުވާގެ ތެރޭގައި ޖާއިޒު ގޮތުގައި އޭނާއަށް ލިބިފައިވާ ހަތިޔާރެއްގެ ބޭނުން ކޮށްގެން މީހަކު މަރާލުން ހިމެނެއެވެ.” (ޓައިމްސް އޮފް އިންޑިއާ – 12 ފެބްރުއަރީ 1985)

ސަތުވަންތަ ސިންގާ ޙަވާލު ކުރެވުނު އޮޓަމެޓިކް ބަޑިއަކީ ބޮޑުވަޒީރު ޙިމާޔަތް ކުރަން ޙަވާލު ކުރެވުނު އެއްޗެކެވެ. ބޮޑުވަޒީރު އަވަހާރަ ކޮށްލަން ދިން އެއްޗެއް ނޫނެވެ. ވުމާއެކު އެ ބަޑިވެގެން ދިޔައީ ޖާއިޒު ގޮތުގައި ލިބިފައިވާ ހަތިޔާރަކަށެވެ. އެހެންނަމަވެސް އެ ހަތިޔާރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ޤާނޫނުގެ ކުރިމަތީގައި އޭނާ ކުށްވެރި އަކަށް ވެގެން ދިޔައީއެވެ. އެ ހަތިޔާރެއް ބޭނުން ކުރުމުގެ ސަބަބުން އޭނާއަށް އިނާމެއް ލިބިދާނޭ ފަދަ ހަތިޔާރެއް އޭނާ ބޭނުން ކުރި ގޮތް ނުބައިވުމުގެ ސަބަބުން އަދަބު ލިބެން ޖެހޭ މީހަކަށް އޭނާ ވެގެން ދިޔައީއެވެ.

ހަމަ މި ބީދައިން ﷲ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކަކީ އޭނާގެ ޖާއިޒު ޙައްޤެކެވެ. އެއީ އޭގެ ބޭނުން ޖާއިޒު ގޮތުގައި ކުރާނަމައެވެ. އެ ނިޢުމަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުންދާނަމަ ﷲ ގެ ޙަޟްރަތުގައި އެމީހަކު ވެގެން ދާނީ ކުށްވެރި އަކަށެވެ. އާޚިރަތުގެ ޢަދާލަތުގައި އޭނާއަށް ލިބޭނީ ދުވަހަކުވެސް ސަލާމަތް ނުވެވޭ ވަރުގެ ބޮޑު އަދަބެކެވެ.

އިމްތިޙާން

އިންސާނާގެ ލޮލަކީ ޢަޖާއިބެއް ކަހަލަ އެއްޗެކެވެ. ލޯ މަރާލީމާ އެއްވެސް އެއްޗެއް ނުފެނެއެވެ. އަނދިރިކަން ފެތުރިދެއެވެ. ދުނިޔެ ހަމަ އޮތް ގޮތަށް އޮވެއެވެ. އެކަމަކު ލޯ މަރާލައިގެން ހުންނަ މީހާއަކަށް އެ ދުނިޔެ އެއް ނުފެނެއެވެ. ކައިރީގައި ހުރި ހުރިހާ އެއްޗެއް ހުރެއެވެ. އެކަމަކު ނުފެންނާތީ ހުންނަކަން ނޭނގެނީއެވެ.

ލޯ ހުޅުވާލުމާ އެކު ހުރިހާ ތަނަކާއި، ތަކެއްޗެއް ފެންނަން ފަށައެވެ. ކަޅު އަނދިރި ގަނޑެއްގެ ސިފައިގައި ފެނުނުތަން ސާފުކޮށް ފެންނާން ފަށައެވެ. އިންސާނުން އިންސާނުންގެ ސިފައިގައި ފެންނަން ފަށައެވެ. ޖަނަވާރު، ޖަނަވާރުގެ ސިފައިގައި ފެންނަން ފަށައެވެ.

މިއީ އިންސްނާއަށް ލިބިފައިވާ ޚާއްޞަ އިމްތިޔާޒެކެވެ. އޭނާއަށް ހުރިހާ އެއްޗެއް ވަކިކޮށް ދެނެ ގަންނާން އެނގެއެވެ. ހެވާއި، ނުބައި ވަކި ކުރަން އެނގެއެވެ. އައްޔާއި، އަނދިރީގެ ތަފާތު ބުނެދޭން އެނގެއެވެ. ހައްޤާއި، ބާޠިލް ވަކިކޮށް ދެނެ ގަތުމުގެ ޤާބިލްކަން އިންސާނާއަށް ލިބިފައިވެއެވެ. ހެއްކާ އެކު ސާބިތުވެފައިވާ ކަންތައްތަކާއި، ސާބިތު ނުވާ ކަންތައްތައް ވަކި ކުރުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައިވ ވެއެވެ.

އިންސާނާއަށް ލިބިފައިވާ މި ޙުޞޫޞިއްޔަތަކީ އޭނާގެ އިމްތިޙާން ކަރުދާހެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާ އިމްތިޙާން ކުރައްވާ ދަނޑިވަޅެވެ. އިންސާނާއަށް ކުރަންޖެހޭ ކަމަކީ ހެވާއި، ނުބައި ވަކި ކުރަން އެނގޭކަން ދައްކައި ދިނުމެވެ. އަނިޔާއާއި، އިންޞާފުގެ ތަފާތު އެނގޭކަން ކަށަވަރު ކޮށް ދިނުމެވެ. ކުރިމައްޗަށް މައްސަލައެއް ހުށަހެޅުމުން އޭގެ ހެއްކަކީ ކޮބައިތޯ ސުވާލު ކޮށް، ބުއްދި ޤަބޫލު ކުރާ ހެއްކެއް ނުދެއްކިއްޖެ ނަމަ އެ މައްސަލަ އަނބުރާ ރައްދު ކުރާކަން ދައްކައި ދިނުމެވެ. އަދި ހެކި ދެއްކިއްޖެ ނަމަ އެ މައްސަލައެއް ޤަބޫލު ކުރަން ޖެހިލުން ނުވާކަން ޔަޤީން ކޮށް ދިނުމެވެ.

މިއީ ފެންނަ ފެނުމުގައި ވަރަށް ފަސޭހަ އިމްތިޙާނެކެވެ. މި އިމްތިޙާން ގެ އަގެއް އޮވެއެވެ. އެ އަގަކީ ތިމާގެ އަމިއްލަ ނަފްސު ހަނދާން ނައްތާލުމެވެ. ޙައްޤު ގޮތް ހާސިލު ކުރެވޭނީ ތިމާގެ އެދުން ތަކުގެ ކަރުގައި ހިފައިގެންނެވެ. މި އަގު އަދާ ނުކުރެވޭ މީހުން އިމްތިޙާނުން ފޭލް ވަނީއެވެ.

އިންސާނާގެ ކުރިމަތީގައި ޙައްޤު ފާޅުވަނީއެވެ. އެކަމަކު އޭނާއަކަށް ނޭނގެއެވެ. ޙައްޤު އޭނާއަށް ހަރު އަޑުން ގޮވަނީއެވެ. އޭނާއަކަށް އެ އަޑެއް ނީވެއެވެ. ޙައްޤު އޭނާގެ ކުރިމައްޗަށް އައިސް ހުއްޓެނީއެވެ. އެކަމަކު އޭނާއަކާ ބައްދަލެއް ނުވެއެވެ.

އިންސާނާގެ ޙާލަކީ މިއީއެވެ. އެންމެ ބޮޑު ކާމިޔާބީ އެއް ހޯދަން ޖެހޭ ތާނގައި ނާކާމިޔާބީ އާ ކުރިމަތިލައި، އިނދަ ޖެހެނީއެވެ.

ކުރިޔަށް އޮތް ޕެރެގްރާފް

ވާހަކަ ލިޔާ މީހަކު ވަރަށް ދިގު ވާހަކައެއް ލިޔުނެވެ. މިވާހަކަ ފެނިފައި އޭނާގެ ރަޙުމަތްތެރިޔަކު ބުނެލިއެވެ. “އަސްތާ- ހާދަހާ ދިގު ވާހަކައެކޭ-! މި ވާހަކަ ލިޔަމުންގޮސް ފޫހިވާ ގޮތެއް ނުވޭތަ-؟”

ލިޔުންތެރިޔާ އެއްވެސް ޖެހިލުމެއްނެތި ޖަވާބު ދިނެވެ. “އެއްގޮތަކަށްވެސް ނުވޭ– އަހަރެންގެ ވިސްނުމުގައި އަބަދުވެސް އޮންނަނީ ކުރިއަށް އޮތް ޕެރެގްރާފް-”

އިންސާނާގެ ޙަޔާތަކީވެސް ދިގު ވާހަކައެކެވެ. ކާމިޔާބީއާއި، ނާކާމިޔާބީގެ ޙާދިޘާ ތަކުން ފުރިފައިވާ ވަރުގަދަ ދާސްތާނެކެވެ. މިވާހަކަޔާ ގަޔާވެގެން ފޫހިނުވެ ކުރިޔަށް ދެވޭނޭ އޮންނާނީ އެންމެ ގޮތެކެވެ. އެއީ އަބަދުވެސް ކުރިއަށް އޮތް ޕެރެގްރާފާމެދު ވިސްނުމެވެ.

އާޚިރަތަށް ބަލާއިރުވެސް ކަންތައް އޮތީ މިހެންނެވެ. މި ދުނިޔޭގައި ޙައްޤާ އެއްގޮތަށް ދިރިއުޅެން ކަނޑައަޅާ މީހާ އޭނާ ހިނގައިގެން ނުވާނޭ އެއްވެސް މަގަކުން ނުހިނގާނެއެވެ. އޭނާ ބަލާނީ އަބަދުވެސް ޙައްޤު ގޮތުގައި ހުރެވޭތޯއެވެ. އޭނާ އިޚްތިޔާރު ކުރި މަގަކީ އެއްޗެއް ލިބުމުގެ ބަދަލުގައި، ހުރި އެއްޗެތި އަތުން ބީވެގެންދާފަދަ މަގެއްކަން އެނގުނަސް ހެޔޮ މަގު ދޫކޮށެއް ނުލާނެއެވެ. މި ދުނިޔޭގައި އޭނާގެ މަސައްކަތާއި، ޤުރުބާނީގެ އަގު ނުލިބޭނެކަން އޭނާ ދަންނާނެއެވެ.

މިފަދަ މީހަކު ބަޔަކު ގުޅުވައިދޭން އުޅުމުން ޝަކުވާގެ ލިސްޓެއް ހުށަހެޅުމަށްފަހު އޭނާޔާ ދުރަށް ޖެހިލާނެއެވެ. ރަޙްމަތްތެރިންކަމަށް ބެލި މީހުން ދެކޮޅުވެރިކަމާއެކު މޫނު އަނބުރާލާނެއެވެ. އެބަޔަކަށްޓަކައި މުޅި ދިރިއުޅުން ނަގާލި މީހުންގެ ފަރާތުން އޭނާއަށް ލިބޭނީ ހަމައެކަނި ހުތުރު އިލްޒާމެވެ. އޭނާގެ މަސައްކަތުން ފައިދާ ނަގާނީ އެހެން މީހުންނެވެ. އޭނާގެ މަސައްކަތުން ހޯދި ތަކެތިން ގަނޑުވަރު އަޅާނީ އެހެން މީހުންނެވެ. ބުރަ އެތައް މަސައްކަތަކަށްފަހުވެސް އޭނާ އުޅޭނީ ދެރަ ޖިފުޓިއެއްގައެވެ.

މިފަދަ ޙާލަތެއްގައި ޙައްޤުގެ މަގުގައި ސާބިތުވެ ހުރެވޭނީ ތިމާގެ ވިސްނުން އާޚިރަތާ ދިމާއަށް އެނބުރުވިގެންނެވެ. ވިސްނުމުގައި “ކުރިއަށް އޮތް ޕެރެގްރާފް” ބާއްވައިގެންނެވެ.

މޮޅު ކާމިޔާބީއެއް ލިބޭނީ “މިއަދު” ގެ ގެއްލުންތަކުގެ ބަދަލުގައި “މާދަމާ” ގެ އިނާމުތަކަށް ނަޒަރު ހިންގާ މީހުންނަށެވެ. މާދަމާ ލިބެންއޮތް އެއްޗެއްގެ އެދުމުގައި މިއަދުގެ މަތިން ހަނދާން ނައްތާލާ މީހުންނަށެވެ.(ނިމުނީ )

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު