އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ފާސްކުރީ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ދައުރުން ބޭރު ޚާއްސަ ޖަލްސާގައެވެ.
އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި ބިލުގެ މަގުސަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ.
ބިލުގައި ވާގޮތުން މި ބިލު ހިނގާނީ މިހާރު ދައުލަތުގެ ވަޒީފާގައި ތިއްބެވި ބޭފުޅުންނާއި ކުރިން ވަޒީފާ އަދާކުރެއްވި ބޭފުޅުންގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންގެ އިތުރުން ގާނޫނުއަސާސީއާއި ގާނޫނެއްގެ ދަށުން އައްޔަންކުރާ މަގާމެއްގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭނެއެވެ.
އެހެންވެ، މި ބިލާ އެކު 65 އަހަރު ފުރުމުން ވެސް 75 އަހަރާ ހަމައަށް ޚިދުމަތުގައި ދެމިހުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ ހަތް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ބޭފުޅުންނަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް ހުށަހަޅުއްވާފައިވަނީ 65 އަހަރު ވިޔަސް، ކޮންޓްރެކްޓް އުސޫލުން 75 އަހަރު ވަންދެން ވަޒީފާ ދޭނެ ސިޔާސަތެއް އެކުލަވާލުމަށެވެ. އެ ސިޔާސަތުގެ ދަށުން ހަދާ ކޮންޓްރެކްޓަކީ އަހަރުން އަހަރަށް އާކުރެވޭ ކޮންޓްރެކްޓަކަށް ވާން ޖެހޭނެ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.
މި ބިލަށް އަމަލުކުރާނީ މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚު ކަމަށްވާ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.







