ހުރިހާ އެންމެންނަށް އެއް ހަމައަކުން ބޭސް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް އެކަނި އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި މިއަދު ލަފާ ދީފިއެވެ.
އާސަންދައާއި އެންސްޕާއިން ބޭސް ފަރުވާއަށް ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
އެ ފަދަ އެހީތައް ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ދޭން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް މީގެ ކުރިން ލަފާ ދީފައިވެއެވެ. އެކަމަކު، އެ ބަދަލުތައް ސަރުކާރުން ނުގެނެ އެވެ.
އޮޑިޓް އޮފީހުން މިއަދު އާންމުކުރި 2019 އިން 2024އަށް އާސަންދައާއި އެންސްޕާގެ ޕާފޯމަންސާ ބެހޭ އޮޑިޓުން އެނގޭ ގޮތުގައި އެ މުއްދަތުގައި ބޭސް ފަރުވާއަށް 35.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 16 ބިލިއަން ރުފިޔާއަކީ އާސަންދަ ސްކީމަށް ކުރި ޚަރަދެވެ.
އޮޑިޓް ރިޕޯޓުގައި ވާގޮތުން އެ މުއްދަތުގައި ސްކީމުން ކުރި ޚަރަދު 32 އިންސައްތަ އިތުރުވިއިރު ޚިދުމަތް ހޯދި މީހުންގެ އަދަދުން އިތުރުވީ އެންމެ ހަތް އިންސައްތައެވެ.
އެހެންވެ، ބައެއް އިސްލާހީ ފިޔަވަޅުތައް އަޅަން އޮޑިޓް ރިޕޯޓުގައި ލަފާދީފައިވެއެވެ. އެ ގޮތުން، ސިއްހީ ޚިދުމަތް ހޯދަން ދައުލަތުގެ އެހީތެރިކަން ބޭނުންވާ ހާލަތުގައިވާ މީހުންނަށް އެކަނި އަމާޒުކޮށްގެން ޓާގެޓެޑް ސަބްސިޑީގެ ނިޒާމެއް ތައާރަފުކުރަން ވަނީ ލަފާދީފައެވެ. އަދި، އެންމެ ބޮޑުކޮށް ބޭސް ވިއްކޭނެ އަގުތަކެއް ކަނޑައެޅުމަށާއި ރާއްޖޭން ބޭރުން ފަރުވާ ހޯދާ މީހުންގެ އަތުން ކޮންމެ ވެސް އަދަދެއްގެ ފައިސާ ނެގޭނެ ކޯ ޕޭމަންޓް ނިޒާމެއް ތައާރަފުކުރުމަށް ވެސް ލަފާ ދީފައިވެއެވެ.
މީގެ އިތުރުން، ދިގު މުއްދަތެއްގައި ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރަން ޕްރިވެންޓިވް ހެލްތު ކެއާ ނުވަތަ ބަލިވުމުގެ ކުރިން ރައްކާތެރިވާން މަސައްކަތްކުރަން ވެސް ވަނީ ލަފާ ދީފައެވެ.
އާސަންދައާއި އެންސްޕާއިން އެހީއަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ވެސް ކުރެއެވެ. އެ ގޮތުން، މިދިޔަ އަހަރު ވެސް ބަޖެޓުގައި ޖެހި 1.8 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރިއެވެ.






