އޭދަފުށީގައި ދިރިއުޅޭ 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން މިއަދު ފަށައިފިއެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކޮވިޑް އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން މިއަދު ކުރިއަށް ގެންދަނީ 60 އަހަރުން ފެށިގެން 79އަހަރާ ދެމެދުގެ މީހުންނަށް ވެކްސިން ދިނުން ކަމަށެވެ.
“އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް ދައުވަތު މިދެނީ އެދުވަހަކަށް އެކަށީގެންވާ ވަރުގެ އަދަދަކަށް. އެގޮތުން މިއަދު ދައުވަތު ދިނީ މިއުމުރުގެ 60 މީހުންނަށް.”
ހޮސްޕިޓަލުން ވިދާޅުވީ އެ އަދަދަށް މިއަދުގެ ނިޔަލަށް ވެކްސިން ދެވޭނެ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހުވެސް ވެކްސިން ދިނުން ކުރިއަށް ދާނެކަމަށާއި ވެކްސިން ދޭނީ ހަމަ މި އުމުރުގެ މީހުންނަށް ކަމަށް ހޮސްޕިޓަލުން ހާމަ ކުރި އެވެ.
ވެކްސިން ޖަހަން އަންނައިރު އައިޑީކާޑު ހިފައިގެން އައުމަށާއި ރަނގަޅަށް ކައިގެން ފެންފުޅިއެއް ވެސް ގެނައުމަށާއި އެހީތެރިއަކާއެކު އައުމަށް ހޮސްޕިޓަލުން އެދެއެވެ. އަދި ވެކްސިންޖެހުމަށް ފަހު ދިޔާ އެއްޗެތި ގިނައިން ބުއިމަށްވެސް އިލްތިމާސް ކުރެއެވެ.
އޭދަފުށީގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އެ ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅު ހޮސްޕިޓަލުގެ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށެވެ. އޭގެ ފަހުން މިދިޔަ ހަފްތާވަނީ ކޮވިޑުގެ އެންމެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ އުމުރުން 80 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދީފަ އެވެ.
އޭދަފުށީގައި މިހާތަނަށް 141 މީހަކަށް ކޮވިޑް ވެކްސިން ޖަހާފައިވާ އިިރު އެއިން އެއްވެސް މީހަކަށް ވެކްސިންގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.