ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް އުފައްދަނީ

b_ezOGdsx2gEeSOHYWhEVYZ3xMJ.jpg

މިއަދު އޮތް ކެބިނެޓްގެ ބައްދަލު ވުމުގެ ތެރެއިން --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ، ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާ އިރު އެފަދަ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް، މަތީ ފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

އެ ޓާސްކް ފޯހަކީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށާއި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ އުސޫލުގެ ތެރެއިން އުފައްދަވާ ޓާސްކް ފޯހެކެވެ.

އެ އުސޫލަށް އަމަލުކުރައްވަން ރައީސް ނިންމެވީ މިއަދު ބޭއްވެވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

“ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް”ގެ ނަމުގައި އުފައްދާ މި ޓާސްކް ފޯހުގެ މަސައްކަތަކީ ގާނޫނާ ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި ރާއްޖޭގައި ގެންގުޅުމާއި ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ގާއިމުކުރުމުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން ކަމަށް ރައީސް އޮފީހުން ހާމަ ކުރެއެވެ.

މީގެ އިތުރުން ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ގާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި “ރެގިއުލަރައިޒޭޝަން” ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ. ހަމަ އެއާއެކު ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށާއި އިގްތިސޯދީ މަސައްކަތްތަކަށް ބިދޭސީން ރާއްޖެ ގެނައުމުގައި ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުމެދާނެ ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށް ވެސް ކެބިނެޓްގެ ލަފާގެ މަތިން ރައީސް ވަނީ ނިންމަވައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top