ތައުލީމުގެ ބިލު ކޮމިޓީން ފާސްކޮށްފި

C5fPxQxUwAEhPUR.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންޖެހޭނެކަމަށް ކަނޑައަޅައި ތައުލީމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފި އެވެ.

ޕްރީސްކޫލް ތައުލީމާއި ފަށާ ތައުލީމާއި، ސާނަވީ ތައުލީމާއި، މަތީ ސާނަވީ ތައުލީމު، އުގަންނައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހިރައްޔިތެއް ކަމަށް ވާނަމަ ކޮންމެ ކުއްޖަކަށް އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދޭންވާނެ ކަމަށާއި، ދިވެހި ބަސް ކިޔަވއިދޭން ވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ އެއްމަސްދުވަހުގެ ތެރޭގައި، މުދައްރިސުން ރަޖިސްޓްރީ ކުރުމާގުޅޭ އެންމެހައި، ކަންތައްތައް ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މިގާނޫނަށް އަމަލު ކުރާއިރު ހިދުމަތުގައި ތިބި މުދައްރިސުން، ގާނޫނަށް އަމަލުކުރަންފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި، އެ ބޯޑުގައި ރަޖިސްޓްރީކޮށް، ލައިސަންސް ހޯދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތް ކޮށްގެންނުވާމެ ކަަށާއި، އެ ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ތައުލީމީ ނިޒާމުގެ ފެންވަރު ހިފަހައްޓައި، ކަށަވަރު ކުރުމަށް ސްކޫލްތަކާއި، ކިޔަވައިދޭ ތަންތަން ހިންގަނީ، ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ފިޔަވަޅު އެޅުމާއި، ތައުލިމީ ނިޒާމުގެ ފެންވަރު ހިފޭއްޓުމުގެ ނިޒާމެއް ގާއިމްކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

ޕްރިންސިޕަލުންގެ ޒިންމާ ތަކާއި، މުދައްރިސުންގެ ޒިންމާ ތަކާއި، މުދައްރިސުންގެ ފެންވަރާއި މުދައްރިސުންގެ ހައްގުތައްވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ.

ކުޑަކުދިންނަށް އުނގައްނައި ދިނުމާގުޅޭގޮތުން މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާތައް ވެސް ވަނީ ބިލުގައި ބަޔާންކޮށްފައެވެ.

ރާއްޖޭގައި އުޅޭ، ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމު ލާޒިމުވާ ކުއްޖެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ސަރުކާރުން ކަނޑައަޅާ ވަކި ސިޔާސަތެއްގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް ހިލޭ ތައުލީމު ހަމަޖައްސަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް، އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންނާއި، ސްކޫލްގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކި ބޭނުންތަކުގައި ސްކޫލަށް ހާޒިރުވާ ފަރާތްތަކުން އަމަލު ކުރަންޖެހޭ ރައްކާތެރިކަމުގެ، އަދި ސުލޫކީ ގަވާއިދެއް އެކުލަވާލައި އާއްމުކޮށްފައި އޮންނަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޕްރީސްކޫލް ހިންގުމުގެ ގާނޫނު އުވޭނެ ކަމަށްވެސް ބިލުގައި ވެއެވެ.

ދެން އޮންނާނީ މި ބިލުގެ ރިޕޯޓު، މަޖިލިސް ތަޅުމަށް ހުށަހެޅުމަށްފަހު ބަހުސްކޮށް ވޯޓަށް އެހުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top