ކާށިދޫގައި ނާރުގެ ބައްޔެއް ފެތުރޭތީ، ދިރާސާއެއް ހަދަނީ

large_158702969010t7OW.jpg

ކ.ކާށިދޫ ------ ފޮޓޯ: ސަން

ކ.ކާށިދޫގައި ނާރުގެ ބައްޔެއް ފެތުރެމުން ދާތީ އެ ރަށު ކައުންސިލުން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވުމާއެކު މިނިސްޓްރީން އެ މައްސަލަ ބަލައި ދިރާސާކުރަން ފަށައިފިއެވެ.

ކާށިދޫ އިން ފާހަގަވެފައިވަނީ ގޮތް ނޭނގޭ ބައްޔެއް ނޫން ކަމަށާއި އެއީ ނިއުރޮލޮޖިކަލް ސިއްހީ މައްސަލައެއް ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވެއެވެ.

އާމިރު މިހެން ވިދާޅުވެފައި މިވަނީ ކާށިދޫގެ ބައެއް މީހުންނަށް ގޮތް ނޭނގޭ ބައްޔެއް ޖެހި ބައެއް ހާސްވެފައިވާ ކަމަށް ބުނެ މިއަދު ބައެއް ނޫސްތަކުގައި ޝާއިއު ކުރި ހަބަރަކާ ގުޅިގެންނެވެ.

އާމިރު ވިދާޅުވީ އެ ރަށުން ފާހަގަވެފައިވާ އަތްފައިގެ ވަރު ދޫވެ ހިނގާބިނގާވެ ނޫޅެވޭ ހާލަތަށް ދާ ބައްޔަކީ ވަރަށް ކުރީއްސުރެ އެއް އާއިލާއެއްގެ ތެރޭގައި އާއިލީ ގޮތުން ވާރުތަވަމުން އައިސްފައިވާ ބައްޔެއް ކަމަށެވެ.

“މިއީ ގައިން ގަޔަށް އަރާ ބަޔެއް ނޫން. އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެވެސް އެއާއިލާތަކުގައި އެ ބަލި އުޅޭ. މިހާރު އެ ބަލި ޖެހެމުންދަނީ އެ އާއިލާތަކުގެ މީހުން މީހުންނާ އިނދެ އެމީހުންނަށް ލިބޭ ދަރިންނަށް،” އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށު ތެރޭގައި ބަލި ފެތުރޭކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނާނީ ދަރިންގެ ދަރިންނަށް ބަލި ވާރުތަވަމުން ދާތީ ކަމަށެވެ. އެކަމަކު މިބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށް ނުވާތީ މިއީ އެހެން މީހުން ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މި ބަލި ފާހަގަކުރެވިގެން ކާށިދޫ ހެލްތު ސެންޓަރާއި ހެލްތް މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ސާވޭ އެއްވެސް ހަދާފައިވެ އެވެ. ސާވޭ އިން ދެއްކި ގޮތުގައި ހަތެއް ނުވަތަ އަށް އާއިލާގެ 35 މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ އާސަންދަ، އެންސްޕާ، އައިޖީއެމްއެޗު އަދި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ދިރާސާއެއް ކުރަން މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.

އަތްފައިގެ ވަރު ދޫވެ، އަމިއްލައަށް ނޫޅެވޭ ހާލަތަށް ވެސް ބައެއް މީހުން ގޮސްފައިވާ މި ބަލި، ރަށުގެ ބައެއް އާއިލާތަކުން ވަނީ ފެނިފައެވެ. އެކަމަކު، ކާށިދޫ ހެލްތު ސެންޓަރުން ފޯނަށް ޖަވާބު ނުދޭތީ ބައްޔާއި ރަށުގެ ހާލަތާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ލިބިފައެއް ނުވެއެވެ.

މި މައްސަލައަކީ ރަށު ރައްޔިތުންނާއި، ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ މައްސަލައެއް ކަމަށާއި، މިކަން ދިރާސާ ކުރުމަށް ހެލްތު މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top