ގައުމު ހަމައަކަށް އެޅުވުމަށް ސަލީމު ކުރެއްވި ދަތުރު، ދާއިރާގެ ތަރައްގީއާ ހަމައަށް

ސަލީމް ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި ވަކާލާތު ކުރައްވަނީ / ފޮޓޯ: އީވީ ފައިލް

ސަލީމް ރައްޔިތުންގެ މަޖިލީހުގެ ފްލޯގައި ވަކާލާތު ކުރައްވަނީ / ފޮޓޯ: އީވީ ފައިލް

ބ. އޭދަފުށީ ދެވިނަގޭ އަލްމަރްހޫމް އަބްދުއްރަހްމާން ހަސަން އާއި އައިޝަތު އަލީގެ ދަރިފުޅު، އަހުމަދު ސަލީމަކީ އޭދަފުށްޓަށް އުފަން، އަދި ވަރަށް އާދައިގެ އުޅުއްވުމެއްގައި ހަޔާތުގެ ދުވަސްތައް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމު މާލެ ދުރުވެ ތައުލީމު ހާސިލްކުރެއްވުމަށް ފަހު އަވަސްވެވަޑައިގަތީ ސަރުކާރުގެ ވަޒީފާ އެއް އަދާކުރެއްވުމަށެވެ. އެހިސާބުން ފެށިގެން ސަލީމަކީ އޭނާގެ ތަނަވަސްކަން ހުރި މިންވަރަކުން އޭދަފުށީގެ ތަރައްގީއަށް ޚާއްސަކޮށް ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އަދާކުރެއްވި ވަޒީފާތަކުގައި އުޅުއްވިއިރު، އޭރުގެ އެޓޯލްސް މިނިސްޓްރީން އަތޮޅުތަކުގައި ހިންގި ބޮޑެތި މަޝްރޫޢުތައް ހިންގެވުމުގައާއި، އެޑިޔުކޭޝަން މިނިސްޓްރީ ގައި މަސައްކަތްކުރެއްވި އިރު އަތޮޅުތަކުގެ ސްކޫލްތަކުގެ ހާލަތު ރަގަޅުކުރެއްވުމަށް ގިނަ މަސައްކަތްތައް ކުރައްވާފައި ވެއެވެ. މިފަދަ ޒިންމާދާރު މަސައްކަތުގައިއުޅުއްވަމުންވެސް އޭނާ ގެންދެވީ އޭނާގެ އަމިއްލަ ވިޔަފާރިވެސް ފުޅާ ކުރައްވަމުންނެވެ. މިގޮތުން މިހާރު ސަލީމަކީ ވިޔަފާރީގެ ރޮގުން އެންމެ މަތީގައި އުޅުއްވާ އެއް ފަރާތެވެ.

ރަށަށް ކޮށްދެއްވި ޚިދުމަތްތަކާއި، އަދާކުރެއްވި ވަޒީފާތަކާއި، ފެއްޓެވި ވިޔަފާރިން ކާމިޔާބު ހޯއްދަވާފައިވާ ސަލީމު ސިޔާސީ މަސައްކަތަށް ނުކުންނެވީ އެދުވަސްވަރު ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންގަނޑުން ގައުމު ހަމައަކަށް އެޅުމުގެނިޔަތުގައެވެ. ރާއްޖޭގައި ސިޔާސީޕާޓީތައް އުފެދި ސިޔާސީ ކޯޅުންތަކުން ގައުމުގެ އިޖުތިމާއީ ފޭރާން ވީދިގެން ދާއިރުވެސް މަޖިލީހުގެ ތެރެއިން، ޚާއްސަކޮށް ބ. އަތޮޅު ގޮނޑިފުރުއްވާ މެމްބަރުންގެ އަޑު މަޖލީހުން ނީވޭތީއެވެ. އެހިސާބުން ސަލީމު ނިންމެވީ މަޖްލިސް ތެރެއިން މަސައްކަތް ފެއްޓެވުމަށެވެ. ސަލީމު ވިދާޅުވިގޮތުގައި އޭނާ މަޖިލީހަށް ކުރިމަތިލީ މެމްބަރުކަން މުހިންމުވެގެން ނޫންކަމަށާއި، އެއީ ވިސްނުމުގައިވެސް އޭރު ނެތް ކަމެއް ކަމަށެވެ.

” އޭރު މަޖިލިސްގެ މެމްބަރުކަމަކީ އަޅުގަނޑުގެ ޚިޔާލަށްވެސް، އަދި ވިސްނުމެއްގައިވެސް ހުރިކަމެއް ނޫން. އެންމެ ބޮޑު ބޭނުމަކީ މަޖިލިސް ތެރެއިން ބައެއް މެމްބަރުން، އަޅުގަނޑުމެންގެ މީހުންނާ ދިމާލަށް ވަރަށް ހަޑިހުތުރުބަހުން ހަޅޭލަވާތަން ފެނުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް (ބ. އަތޮޅުގެ މެމްބަރަކަށް) އެއަށް ޖަވާބުދާރީއެއް ނުވެވޭ. ޚާއްސަކޮށް ކުރީގެ ބ. އަތޮޅު ދެ މެމްބަރުންނަކީ (އަންބަރީ އަބްދުއްސައްތާރް އާއި، ތަސްމީން) ވޭތުވެދިޔަ ފަނަރަވަރަކަށް ނުވަތަ ވިއްސަކަށް އަހަރު މަޖިލީހުގައި އެއްވެސް ކަހަލަ ވަކާލާތެއް ކޮށްފައި ތިބި ބައެއް ނޫން” ޕީޕީއެމް (އޭދަފުށި) ޖަލްސާ އެއްގައިސަލީމު ވިދާޅުވިއެވެ.

ސަލީމްއޭދަފުށީ ދާއިރާ އަށް ކުރިމަތިލުމާއެކު އޭނާގެ އަތުގައި ރަށުގެ ގިނަ ބަޔަކު ހިފިއެވެ. ރާއްޖޭގައި އޭރު އޮތް އެންމެ ބޮޑު ޕާޓީ އަދި ސަރުކާރު ހިންގާ ޕާޓީން ނުކުންނެވި ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ މެމްބަރެއްގެ ގޮތުގައި ސަލީމު މަޖިލީހުގެ ގޮނޑި ހޯއްދެވިއެވެ. ސަބަބަކަށްވީ ސަލީމު ވިދާޅުވިހެން ސަލީމަކީ ދާއިރާގެ މީހަކަށް ވެފައި، މަޖިލީހުގައި ވަކާލާތުކުރާނެ މެމްބަރަކު ދާއިރާގެ ގޮޑިގައި ބޭންދުމެވެ.

”އޭދަފުށީ ދާއިރާގެ އެއްވެސް މީހަކަށް ނުކެރުނު (މަޖިލީހަށް)  ނުކުންނާކަށް. ނުކުތް ދަރިއަކީ މި ނިކަމެތި އޭދަފުށީ މަސްވެރި އާއިލާއަކުން ނުކުތް މީހާ. އެހެންވީމަ މާތްﷲގެ ރަހުމަތްފުޅާއެކު (ގޮނޑި) ވަނީ ކާމިޔާބުކޮށްފަ. ދެނެއް އެގޮނޑި، މަޑުޖެހިފައި ހުރި މީހަކަށް، މަޖިލީހުގައި ވަކާލާތުކުރެވޭނެ ފެންވަރު ނެތް މީހަކަށް، ފާޚާނާއަށްވެސް ދާން ނުކެރޭ ފެންވަރުގެ މީހަކަށް، މަޖިލީހުގައި އަނގައިންވެސް ބުނަން ނުކެރޭމީހަކަށް ދެނެއް އަޅުގަނޑުމެން ބޭނުމެއް ނޫން މަޖިލީހަކަށް އަންނާކަށެއް.” ޗެނަލް 13 ގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވިއެވެ.

ސަލީމު މަޖިލީހަށް ހޮވުމާއެކު ފުރަތަމަ އިސްކަން ދެއްވީ ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތެވެ. އެއީ ސަލީމު ވިދާޅުވިގޮތުގައި ގައުމު ހަމަ މަގަށް އެޅުވެން އޮތީ ޕީ.ޕީ.އެމް. ވެރިކަމަށް ގެނައުމެވެ. އަދި ގައުމުގެ ރައީސަކަށް ޕީޕީއެމް ގެ ރައީސް ޢަބްދުﷲ ޔާމީން އިންތިޚާބުކުރުމެވެ. އެ މަސައްކަތްވެސް ކާމިޔާބު ކުރެއްވުމަށް ސަލީމު ވަނީ 2011 ވަނަ އަހަރު އަމިއްލަ ޕާޓީވެސް ދޫކޮށްލައްވާފައެވެ.

”ލޭބަރ ޕާޓީއަކީ ކުޑަ ޕާޓިއެއްކަމަށްވާތީ ސަރުކާރު ޒިންމާދާރު ކުރުމަށް އެކަށީގެންވާގޮތެއްގައި މަސައްކަތް ނުކުރެވޭތީ، އަދި މިޒާޖާ ގުލޭ މެމްބަރުން ޕީޕީއެމްގައި ތިބުމުން (ޕީޕީއެމް)ޚިޔާރު ކުރީ. އޭރުން މާރަގަޅަށް މި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރެވޭނެ. ”އަޅުގަނޑު ޕީޕީއެމް އަށް ގުޅުނީ ފައިސާއަކަށް ނޫން. ފްލެޓަކަށް ނޫން. ރައްޔިތުންނަށް ރަގަޅަށް ޚިދުމަތް ކޮށްދޭން.” ޕީޕީއެމް އަށް ސަލީމު ގުޅުނު ސަބަބު ބަޔާންކޮށްދިނެވެ.

ޕީޕީއެމް ވެރިކަމަށް ގެންނަންޖެހޭ ސަބަބުތައްވެސް ސަލީމު ވަނި މަޖިލީހުގައި ވަރަށް ސާބިތުކަމާއެކު ހާމަކޮށްދީފައެވެ. އެމް.ޑީ.ޕީ.ގެ ވެރިކަމަށް އަހަރުދުވަސް ނުވަނީސް ރައްޔިތުން ކުރި އުއްމީދުތައް ފެނަށްވެގެން ދިއުމާއި، އެމް.ޑީ.ޕީ. ސަރުކާރުން ޖެއްސުމުގެ އަމަލުތައް ހިންގުމާއި، އިސްލާމް ދީނުގެ ހުކުމްތަކާ އެއްގޮތަށް އަމަލުކުރުމަށް މަޖިލީހަށް ހުށަހަޅާ ބިލްތައް ބޭރުކޮށްލުމަށް މަސައްކަތްކުރުމާއި، ރައީސް ނަޝީދަށް ބާރުތައް ދިނުމުން ބޭނުންގޮތަކަށް ކަންތައް ކުރައްވާނަމޭ ވިދާޅުވުމާއި، ގައުމުގެ އިގްތިޞާދު އިނދަޖައްސާލާފައި ވުމަކީވެސް ސަލީމަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ.

“މިއަދު މި ގައުމު މިއޮތީ ދަރަނިވެރިވެފައި. މިއަދު ގައުމު ނެތް ސަލާމަތްވާކަށެއް. 32 މިލިއަން ރުފިޔާއަށް ރައީސް ނަޝީދުގެ ތިން އަހަރުދުވަހުގެ ތެރޭގައި ދިވެހި ދައުލަތްވަނީ ދަރާފައި. އޭގެ ތެރެއިން މިހާރު އޮޑިޓް ރިޕޯޓްތަކުން ދައްކާގޮތުން 4.7 ބިލިއަން ރުފިޔާ ވީގޮތެއް ނޭނގި ވަގަށް ނަގާފައިވެއްޖެ.” އޭދަފުށީގައި އޮތް ޔާމީންގެ ކެންޕެއިން ޖަލްސާގައި ސަލީމް ވިދާޅުވި އެވެ.

މިފަދަ އެތައް ކަމެއް އިސްލާޙުކުރުމަށް ކެނޑި ނޭޅި ސަލީމު ވަނީ ކެމްޕޭން ޖަލްސާތަކާއި،މަޖިލީހުގައި ވާހަކަ ދައްކަވާފައެވެ.

ސަލީމުގެ ބުރަ މަސައްކަތާއެކު އެމްޑީޕީގެ ވެރިކަން ބަދަލުވެ ތަރައްގީ ޔަގީން ކުރައްވާނެކަމުގެ ވައުދާއެކު ޢަބްދުﷲ އާއެކު ދެން ނުކުންނެވީ ދާއިރާ ތަރައްގީ ކުރުމަށެވެ. ނަތީޖާއަކަށްވީ އޭދަފުށީގެ ތަރައްގީ ފަހަތަށް ގޮސްފައިވާ 5 އަހަރު އަނބުރާ ގެނައުމެވެ. މިކަމަށްވެސް ސަލީމަށް ޖެހުނީ ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާށެވެ. މަޖިލީހުގެ ސަލީމުގެ ފުރަތަމަ ދައުރު ނިމުނުކަމުގައިވިޔަސް ސަލީމު ދެން ގަސްތުކުރެއްވީ ދެވަނަ ދައުރަކަށްވެސް ކުރިމަތިލައްވައިގެން ރަށާއި ރައްޔިތުންނަށް ތަރައްގީ ޔަގީންކުރުމަށެވެ. އެގޮތުން ޕީޕީއެމް ގެ ފުރަތަމަ 5 އަހަރު ސަރުކާރުތެރެއިން އޭދަފުށްޓަށް ތަރައްގީގެ ގިނަ ކަންތައްތަކެއް ހާސިލްކޮށްދެއްވުމަށް ސަލީމިވަނީ ރައްޔިތުންނަށް ވައުދުވެފައެވެ.

” އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ދާއިރާއަށް ކުރިއެރުމާއި ތަރައްގީ އެންމެ ފަސޭހައިން ގެނެސްދެވޭނީ ހަމަ އަޅުގަނޑަށްކަމަށް ގަބޫލުކުރެވޭތީ ކުރިމަތިލާން މި ނިންމީ. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުކޮށް ދާއިރާގެ ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭނަން.” ދެވަނަ ދައުރަކަށް ކުރިމަތިލާކަން ހާމަކުރުމުގެ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވިއެވެ.

ކޮންމެއަކަސް ސަލީމު މިގައުމުގެ އަދި ދާއިރާއާއި އުފަން ރަށުގެ ތަރައްގީއަށް ކުރިމަތިލެއްވި ކޮންމެ ކަމެއް ވަނީ ކާމިޔާބާ ހަމައަށް ވާސިލުވެފައެވެ. ދެން އޮތީ ވޭތުވެދިޔަ 5 އަހަރަށް ނުކުރެވުނު އެހެނަސް މިއަދު އޭދަފުށި ވަރަށް ބޮޑަށް ބޭނުންވެފައިވާ ބޮޑެތި މަޝްރޫއުތަކެވެ. ރަށުގެ ބިން ހިއްކުމެވެ. މަގުތައް ހެދުމެވެ. ގޭގެއަށް ބޯފެން ފޯރުކޮށްދިނުމެވެ. ފެންވަރު ރަގަޅު ފުޓްބޯޅަދަނޑެއް ތަރައްގީކުރުމެވެ. އަދި ރަށުގެ ކަރަންޓުގެ ޚިދުމަތް ތަރައްގީކުރުމެވެ. މީގެ ތެރެއިން ބައެއް ކަންކަން ސަރުކާރުގެ ތެރެއިން ނުކޮށްދެވުނުކަމުގައި ވިޔަސް ސަލީމުގެ އަމިއްލަޖީބުންނާއި ހެޔޮ އެދޭފަރާތްތަކުން ސަލީމަށްޓަކައި ރަށަށް ކޮށްދޭން ތިބީ ތައްޔާރަށެވެ. އެކަން އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.  އޭދަފުއްޓަށް ނިސްބަތްވާ ކަމުވޮށިގެންވާ އަދި ފައިސާވެރިންވެސް މިހާރު ވަނީ ސަލީމުގެ އަތުގައި ހިފާފައެވެ. ބޭނުމަކީ ރަށް ތަރައްގީކުރުމެވެ. ރައްޔިތުންނަށް ތަނަވަސްދިރިއުޅުމެއް ހޯދައިދިނުމެވެ. އެކަމަށްޓަކައި ސަލީމުވަނީ ބޮޑު ގުރްބާނީއެއް ވުމަށް ތައްޔާރުގައެވެ. ރަށުގައި ހިންގޭ އެންމެ ބިޔަ ޕްރޮޖެކްޓް ކަމުގައިވާ ބިން ހިއްކުމަކީ އެކަމެއްގައި ސަލީމު އެންމެ ބޮޑު ގުރްބާނީއެއްވި ޕްރޮޖެކްޓެވެ. މިޕްރޮޖެކްޓް  މިހާރުމިވަނީ އޭދަފުށިގައި ފެށުމުގެ މަގުމަތީގައެވެ.

” އަޅުގަނޑުމެންނަކީ ހުސް ވައުދުތަކެއް ވާބައެއް ނޫން. އަޅުގަނޑުމެން ދައްކާނީ އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތަކުގެ ވާހަކަ. ބިން ހިއްކާ ނިމޭއިރަށް 20 މިލިއަން ޑޮލަރުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށޭނެ. އަދި ފެނުގެ ނިޒާމުގެ މަސައްކަތްވެސް ފެށޭނެ” އޭދަފުށީގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ސަލީމު ވިދާޅުވިއެވެ.

ސަލީމުގެ ވިސްނުން ހުރީ ހަމައެކަނި ރަށް ތަރައްގީކުރާކަށް ނޫނެވެ. ދާއިރާގެ ތަރައްގީއަށް އެހެނިހެން ފަރާތްތަކުން ކުރާ މަސައްކަތްތަކާއި،  އަމިއްލަ ފަރުދުންގެ ފަރުދީ ކަންކަމަށް އެހީތެރިވުމަށް ވެސް ސަލީމު ހުންނެވީ ތައްޔާރަށެވެ. މިގޮތުން ދާއިރާގެ މިފަދަ ފަރާތްތަކަށް އެހީވުމަށް ޓްރަސްޓް ފަންޑެއް ގާއިމުކޮށްދެއްވުމުގެ މަސައްކަތް ސަލީމު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ސަލީމުގެ ޚިދުމަތްތަކުގެ ވާހަކަ ކިތަންމެ ދިގުކޮށްވެސް ލިޔެވިދާނެއެވެ. އަދި އޮތީ ސަލީމުގެ މަޖިލީހުގެ ދެވަނަ ދައުރުގެ 5 އަހަރެވެ. ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ގައުމާއި، ދީނާއި، ވަޒަނަށް އަދި އަމިއްލަ ފަރުދުންގެ ހަމަޖެހުމާއި ތަރައްގީއަށް ސަލީމު ކުރެއްވި ވަރުގެ ޚިދުމަތްކުރެއްވި މެމްބަރަކު މަޖިލީހުގެތެރެއިން ނުފެންނާނެކަމީ އަޅުގަނޑަށް ޔަގީންވާކަމެކެވެ. ޚާއްސަކޮށް މުޅި އޭދަފުށީގައިވެސް މިފަދަ ޚިދުމަތްތެރި ދަރިއަކު ފަހުގެ ތާރީޚަކުން ފެންނާކަށް ނެތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top