ދީނާއި ސައިންސާއި ދެމެދުގެ ގުޅުން: [ސައިންސު ގޮވާލަނީ ކަލަކު ވޮޑިގެންވާކަން ގަބޫލުކޮށް އީމާންވުމަށެވެ!] 2

d344ac66-9d7e-47bc-82a2-2555e8388c43.sized-1000x1000.jpg

ޕރ. ލެނޮކްސްގެ ތަގުރީރުގެ ތެރެއިން

ޕުރޮފެސްރ ޖޯން ލެނޮކްސް

ތަގުރީރުގެ މައްޗަށް ނަޒަރު ހިންގައިލުން: އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

(1 ނޮވެމްބަރާ ގުޅޭ)    ދެން، މިހިސާބުން، ކަލަކު ވޮޑިގެންވާކަމާ ސައިންސާ ދެމެދު އެއްވެސް ފުށުއެރުމެއް ނެތްކަމުގެ ހެކިތައް ހުށަހަޅުއްވާލައްވައެވެ. މިހެކިތައް ތިން ބަޔަކަށް ބައްސަވާލައްވަމުންނެވެ. ފުރަތަމަ ބައި ގުޅެނީ ސައިންސުގެ ތާރީޚާއެވެ. ދެވަނަ ބައިގުޅެނީ ސައިންސާއި ސައިންސުގެ ތަބީއަތާއެވެ. ތިންވަނަ ބައި ގުޅެނީ ސައިންސު ނެރެދޭ ނަތީޖާތަކާއެވެ.

ދީނާއި ސައިންސުގެ ތާރީޚު

މި ބައިގެ ކުރު މުގައްދިމާއެއްގެ ގޮތުން ޕރ.ލެނޮކްސް ވިދާޅުވިއެވެ. ސައިންސުވެރިން ސައިންސުގެ މަސައްކަތް ކުރުމަށް ކުރިމަތިލަނީ އެއީ ކުރެވިދާނޭ ކަމެއްކަން ގަބޫލުކުރެވޭތީއެވެ. އޮކްސްފޯރޑް އާއި ކެމްބްރިޖް ޔުނިވަރސިޓީގައި މަސައްކަތްކުރެއްވި، އިނގިރޭސި އަދަބިއްޔާތާއި އުލޫހިއްޔާތުގެ އިލްމުވެރިޔާ ސީ. އެސް. ލުވިސް [އަވަހާރަވީ 1963ގައި] ވިދާޅުވެފައިވާ ފަދައިން، މިކަން ގަބޫލުކުރެވެނީ ގުދުރަތުގެ ކަންތައްތައް ހިނގަނީ ކަނޑައެޅިފައިވާ ގާނޫނުތަކެއްގެ މަތިންކަމަށް ބެލެވޭތީއެވެ. [މިސާލަކަށް، ދުނިޔެ އޭގެ ވަށައިގެން އެނބުރޭ އެނބުރުން، ނުވަތަ ދުނިޔެ އިރުގެ ވަށައިގެން އެނބުރޭ އެނބުރުން، ނުވަތަ ހަނދު ދުނިޔެ ވަށައިގެން އެނބުރޭ އެނބުރުން، މި ކަންކަން ހިނގާ ހަމަތަކީ، ގާނޫނުތަކަކީ ކޮބައިތޯ ހޯދުމުގެ މަސައްކަތް ކުރެވެން އޮތީ، މިކަންކަން ހިނގަނީ ވަކި ހަމަތަކެއްގެ މަތިންކަން، އެންމެ ފުރަތަމައިން ގަބޫލުކުރެވޭތީއެވެ.]

މިކަން އިތުރަށް ބަޔާންކޮށްދެއްވުމުގެ ގޮތުން މިޒަމާނުގެ ސައިންސުގެ ކުރިއެރުމުގެ ތާރީޚުގެ މައްޗަށް ބައްލަވައި، އެކަމުގެ ރާއިދުންނަކީ، (ޕަޔަނިޔަރުންނަކީ،) ދީން ގަބޫލުކުރެއްވި އިލްމުވެރިންކަމާ އަދި އެބޭކަލުން މިކަމަށް އިޝާރަތްކުރައްވާކަން ފާހަގަކުރެއްވިއެވެ. މި އިލްމުވެރިންގެ ތެރޭގައި ގެލައިލިޔޯ (އަވަހާރަވީ 1642ގައި)، ޔޯހާނަސް ކެޕްލަރ (އަވަހާރަވީ 1630ގައި) އަދި އައިސެކް ނިޔުޓަން  (އަވަހާރަވީ 1727ގައި) ފަދަ އިލްމުވެރިން ހިމެނެއެވެ. ގެލައިލިއޯ ވިދާޅުވެފައިވަނީ މާތްކަލާނގެ އިންސާނުންނަށް ދެއްވި، ބުއްދިއާއި ވިސްނުމުގެ ބާރުތައް ބޭނުންކުރުން އެކަލާނގެ މަނާ ނުކުރައްވާކަމެވެ. އަދި ކެޕްލަރ ވިދާޅުވަނީ ދުނިޔޭގައި ތަބީއީ ކަންކަން ހިނގަނީ މާތްކަލާނގެ ލައްވަވާފައިވާ ވަކި ނިޒާމެއްގެ މަތިންކަމާއި ސައިންސުގެ އަމާޒަކަށް ވާން ޖެހޭނީ މި ނިޒާމު ދެނެގަތުމަށް މަސައްކަތްކުރުމެވެ. މިދެބޭކަލުންގެ އިތުރުން، ނިޔުޓަން ވިދާޅުވެފައިވަނީ ޚާލިގުވަންތަ މާތްކަލާނގެ ވޮޑިގެންވުމާ ދޭތެރޭ ޝައްކުނުކުރުމަށެވެ. އަދި، ދުނިޔޭގައި ކަންކަން ހަމަ ހުރެފައި އަމިއްލައަށް ހިނގާފާނެކަމީ، ހިތުގެ އަޑިން ގަބޫލުކުރެއްވޭނޭ ކަމެއްނޫންކަން ވެސް ނިޔުޓަން ވިދާޅުވެފައިވެއެވެ. މިވާހަކަތަކުން އެނގެނީ ސައިންސުގެ މި ނަންގަތް އިހުގެ އިލްމުވެރިންނަކީ ދީން ގަބޫލުކުރެއްވި ބަޔެއްކަމެވެ. އެމީހުންގެ މި އިއުތިގާދު ސައިންސުގެ މަސައްކަތްކުރުމަށް ކުޑަވެސް ހުރަހެއް ނާޅާކަމެވެ. އަދިކިއެއް ހެއްޔެވެ؟ އެބޭކަލުންގެ އިލްމީ މަސައްކަތް ކުރުމަށް، ކައުނުގައި އިލާހީ ގާނޫނުތަކެއް ލެއްވިފައިވާކަން ފަދަ، އެބޭކަލުންގެ ދީނީ ގަބޫލުކުރުންތައް ބާރުއަޅައި ހިތްވަރުދިންކަން ވެސް، އެބޭކަލުންގެ ވާހަކަތަކުން، ދޭހަވޭމެއެވެ.

ޕރ. ހޯކިންގެ ‘ދަގްރޭންޑް ޑިސައިން’. އިލާހީ މެދުވެރިވުމެއް ނެތި ކައުނު ވުޖޫދަށްއައުން އޮޅުންފިލުވައިދޭން މަސަކައްކަތްކޮށްފައިވާ ފޮތެއް

ދެން ޕރ. ލެނޮކްސް ފާހަގަކޮށްލައްވަނީ ކުރިންވެސް ނަންގަނެވުނު، ވިހިވަނަ ގަރުނާއި އެކާވީސްވަނަ ގަރުނުގައި އެންމެ ފާހަގަކޮށްލެވޭ އެއް ސައިންސުވެރިޔާ ކަމުގައިވާ ޕރ. ސްޓީވަން ހޯކިން ދީނާ ބެހޭ ގޮތުން ވިދާޅުވެފައިވާ ވާހަކައެކެވެ. ޚާލިގުވަންތަ ފަރާތެއްވާކަން އޭނާ ގަބޫލުނުކުރައްވާކަން ޓައިމްސް މަޖައްލާގައި ލިޔެފައި އޮތްވާހަކައެވެ. ދެން، ޕރ. ހޯކިންގެ ލާއިލާހިއްޔަތު ބިނާވަނީ ކޮންކަމެއްގެ މައްޗަށްތޯ ތަހުލީލީ ނަޒަރަކުން ޕރ. ލެނޮކްސް ބައްލަވާލައްވައެވެ. ޕރ. ހޯކިންގެ ވާހަކަ ގެންނަން މުނާސިބުވަނީ އޭނާއަކީ ކެމްބްރިޖް ޔުނިވަރސިޓީގެ ނިޔުޓަންގެ އިލްމީ ގޮނޑިކޮޅު ފުރުއްވި އިލްމުވެރިޔަކަށްވާތީއެވެ. އެއްކޮޅުން ނިޔުޓަންއަކީ ޖާޒުބިއްޔަތުގެ ގާނޫނު ހޯއްދެވި އިލްމުވެރިޔާއެވެ. އަދި އޭނާގެ އިލްމީ މަސައްކަތްކުރެއްވުމަށާއި، ޖާޒުބިއްޔާތުގެ ގާނޫނު ފަދަ، އޭނާގެ އިލްމީ ހޯއްދެވުންތައް، ކަލަކު ވޮޑިގެންވާކަން ހިތުގެ އަޑިން ގަބޫލުކުރެއްވުމަށް، އޭނާއަށް ހިތްވަރުދީ ބާރުއެޅިއެވެ. އަނެއްކޮޅުން، ޕރ. ހޯކިންއަކީ ނިޔުޓަންގެ އިލްމީ ގޮނޑި ދުވަސްތަކެއް ވަންދެން ފުރުއްވި ބޭކަލެކެވެ. މީގެ އިތުރުން، ނިޔުޓަންގެ ޖާޒުބިއްޔަތުގެ ގާނޫނު ޕރ. ހޯކިން، ބޭނުންކުރެއްވީ ޚާލިގުވަންތަ ކަލަކު ވޮޑިގެންނުވާކަން ސާބިތުކޮށްދެއްވުމުގެ ގޮތުންނެވެ.

ޕރ. ހޯކިންގެ މިވާހަކައަކީ އޭނާގެ، ‘ދަ ގްރޭންޑް ޑިސައިން’ މި ފޮތުގެ މައިގަނޑު މައުޟޫއުކަމުގައި ޕރ. ލެނޮކްސް ވިދާޅުވިއެވެ. އެ ފޮތުގައި ލިޔެވިފައިވެއެވެ. “ޖާޒުބިއްޔަތުގެ ގާނޫނެއް އޮތުމުން، އެއްވެސް އެއްޗަކާ ނުލައި، ނެތުމުގެ ތެރެއިން، އެ އަމިއްލައަށް އުފެއްދުމުގެ ގާބިލުކަން ލިބި، ކައުނު އަމިއްލައަށް  ކައުނު އުފައްދާނެއެވެ.” ދެން، ޕރ. ލެނޮކްސް މި ބުނުމުގެ މައްޗަށް ތަންގީދީ ނަޒަރެއް ހިންގަވާލައްވައި ވިދާޅުވެއެވެ. މީހެއްގެ އަތުގައި އެއްޗެއް އޮވެއްޖެނަމަ، އެހެން އެއްޗެއް އޭނައަށް ލިބިދާނޭކަމެވެ. [މިސާލަކަށް އޭނާ އަތުގައި ފައިސާ ހުރެއްޖެނަމަ އޭނާއަށް ފޮތެއް ގަނެވިދާނެއެވެ.] ނަމަވެސް އޭނާ އަތުގައި އެއްޗެއް އޮތްނަމަ ހަމަ އޭނާ އަތުގައި އޮތް އެތި އޭނާއަށް ހަމަ ހުރެފައި ލިބޭ ވާހަކައަކީ އެއްވެސް މާނައެއް ނެތް ވާހަކައެވެ. [މިސާލަކަށް މީހެއްގެ އަތުގައި ފައިސާ ހުރެއްޖެނަމަ، ހަމަ ހުރެފައި، އެ ފައިސާއިން ފައިސާ އުފައްދާނެ ހެއްޔެވެ؟] ޕރ. ލެނޮކްސް ފާހަގަކޮށްދެއްވަނީ ތަބީއަތުގެ ގާނޫނުތައް ކޮށްދޭކަމަކީ ކަންކަން ހިނގާގޮތް އޮޅުންފިލުވައިދީ ބަޔާންކޮށްދިނުމެވެ. ކަންކަން އުފެއްދުމެއް ނޫނެވެ. މިސާލެއްގެ ގޮތުން ވިދާޅުވިއެވެ. [ޖިސްމުތައް ހަރަކާތްކުރަނީ ކިހިނެއްކަން، ނިޔުޓަންގެ ޖާޒުބިއްޔަތުގެ ގާނޫނު ބަޔާންކޮށްދިންކަމުގައި ވިޔަސް،] ދުވަހެއްގައިވެސް އެ ގާނޫނު، ބިލިޔަޑު ބޯޅައެއް އެ އޮތްތަނުން ގުޑުވާލާފައެއް ނެތެވެ. އެކަން ކުރަނީ އިންސާނުންނެވެ. ބިލިޔަޑު ކުޅޭ ދަނޑި ބޭނުންކޮށްގެންނެވެ. ޕރ. ލެނޮކްސް ފާހަގަކުރައްވައި ބަޔާންކުރައްވާ ގޮތުގައި ޕރ. ހޯކިންގެ މި ބުނުން، ތިން ގޮތަކުން ފުށުއަރައެވެ. ފުރަތަމަ ކަމަކީ ގާނޫނުތަކަކީ އެއްޗެހި އުފައްދާއެއްޗެއް ކަމުގައި ވިދާޅުވުމެވެ. ދެވަނަ ކަމަކީ އެއްޗެއް އޮތުމުން، އެ އެއްޗެއް ހަމަ ހުރެފައި، ލިބޭނޭކަމަށް ވިދާޅުވުމެވެ. ތިންވަނަ ކަމަކީ ނިޔުޓަންގެ ހަރަކާތުގެ ގާނޫނުތައް އެއްޗެހި ގުޑުވާ ވާހަކަ ދޭހަވާ ގޮތަށް ލިޔުއްވާފައި އޮތްކަމެވެ.

ދެން ޕރ. ލެނޮކްސް ތަހުލީލީ ނަޒަރެއް ހިންގަވާލައްވަނީ ޕރ. ހޯކިންގެ ލާއިލާހިއްޔަތުގެ މައްޗަށެވެ. ޕރ. ލެނޮކްސް ފާހަގަކުރައްވަނީ، ޕރ. ހޯކިންގެ ލާއިލާހިއްޔަތު ދެކަމަކާ ގުޅޭކަމެވެ. ފުރަތަމަ ކަމަކީ ޕރ. ހޯކިންގެ އިލާހީ ތަސައްވުރެވެ. މާތްކަލާނގެ ޒާތުފުޅާ ބެހޭ ގޮތުން އޭނާ ދެކިލައްވާ ގޮތެވެ. ދެވަނަ ވާހަކަ ގުޅެނީ ސައިންސުގެ އޮޅުންފިލުވައިދިނުމުގެ ތަބީއަތާއެވެ. އެއީ ކިހިނެއް އޮންނަ ކަމެއްގެ ގޮތާއެވެ.

ޕރ. ލެނޮކްސް ފާހަގަކުރައްވާ ގޮތުގައި ޕރ. ހޯކިން އެއިލާހަކަށް އިންކާރުކުރާ އިލާހުގެ ތަސައްވުރު ގުޅެނީ ޔޫނާނީ އިލާހީ ތަސައްވުރާއެވެ. ކަމެއް ހިނގާ ގޮތް ނޭނގުމުން، އެކަން ކުރަނީ މިވެނި އިލާހެކޭ ބުނާ ބުނުމުގެ އިލާހީ ތަސައްވުރާއެވެ. ސާދާ އިބާރާތަކުން ބުނާނަމަ ‘ދޭތެރޭ ބައްދާ އިލާހުގެ’ ތަސައްވުރަކާއެވެ. ވިދަނީ ކިހިނެއްކަން ނޭނގުމުން، އެކަމަށް އިލާހެއް ހަދައި، އެކަން ކުރަނީ އެ އެއިލާހޭ ބުނާ ތަސައްވުރާއެވެ. ދެން ވިދަނީ ކިހިނެއްކަން އެނގުމުން، ވިދުން ގެނެސްދޭ އިލާހުގެ ބޭނުން ނެތެނީއެވެ. ނަމަވެސް ސަމާވީ ފޮތްތަކުގެ އިލާހީ ތަސައްވުރު މިއާ މުޅިން ތަފާތެވެ. އެ ތަސައްވުރުގައި ކަލާނގެއަކީ ހުރިހާ އެއްޗެއްމެ ޚަލްގުކުރައްވައި އުފެއްދެވި ކަލާނގެއެވެ. ނަމަވެސް މި ދެ ތަސައްވުރު އޮޅުވާލައި، ސައިންސުގެ ހޯދުންތައް ޔޫނާނީ އިލާހީ ތަސައްވުރާ ގުޅުވައިފި ނަމަ، ސައިންސުގެ ހޯދުންތައް ބާތިލުކޮށް ނެތިކޮށްލާނީ މިބުނި ޔޫނާނީ އިލާހީ ތަސައްވުރެވެ. ސަމާވީ ފޮތްތަކުގެ އިލާހީ ތަސައްވުރެއްނޫނެވެ.

ޕރ. ޑޯކިންސްގެ ‘ގޯޑް ޑިލޫޝަން’. މިފޮތަކީ ދީނަކީ އަދި ދީނީ އިއުތިގާދުތަކަކީ ބާތިލުކަމެއް ކަން ދައްކައިދޭން ވޭތުވެ ދިޔަ 15ވަރަކަށް އަހަރު ދުވަހުތެރޭގައި ލިޔެވުނު އެންމެ މަޝްހޫރު އެއް ފޮތް

ކަލަކު ވޮޑިގެން ނުވާކަން ދެއްކުމަށްޓަކައި، ޕރ. ރިޗަރޑް ޑޯކިންސްގެ ‘ގޯޑް ޑިލޫޝަން’ގައި ގެނެވިފައިވާ މައިގަނޑު ހުއްޖަތް ވެސް ގުޅެނީ ހަމަ މި ޔޫނާނީ އިލާހީ ތަސައްވުރާކަން ޕރ. ލެނޮކްސަ ފާހަގަކުރެއްވިއެވެ. އަދި، އިލާހީ މި ދެތަސައްވުރު – ޔޫނާނީ އިލާހީ ތަސައްވުރާއި ސަމާވީ ފޮތްތަކުގެ އިލާހީ ތަސައްވުރު – ވަކިކޮށްލުމުން ޕރ. ޑޯކިންސްގެ ސުއާލަށްވެސް ޖަވާބު ދެވެއެވެ. އޭނާގެ ސުއާލަކީ ހުރިހާ އެއްޗަކީ މާތްކަލާނގެ އުފެއްދެވި އެއްޗެހި ކަމަށް ވަންޏާ މާތްކަލާނގެ އުފެއްދެވީ ކާކުތޯއެވެ. ޕރ. ލެނޮކްސް ވިދާޅުވަނީ މިސުއާލަކީ ރަނގަޅު ނޫން ފަރުލުކޮށްލުމެއްގެ، ހީކޮށްލުމެއްގެ، މައްޗަށް ބިނާކޮށް ކުރެވޭ ސުއާލެއްކަމަށެވެ. މިވެނި އެއްޗެއް ހެއްދީ ކާކުހޭ އަހައި ސުއާލުކުރާ ނަމަ، އެ އެއްޗަކީ ހެއްދިފައިވާ އެއްޗެއްކަން ފަރުލުކޮށްލެވެއެވެ. ހަމަ އެހެންމެ މާތްކަލާނގެ ހެއްދެވީ ކާކުތޯ ބުނެ ސުއާލުކުރާ ނަމަ އެ ސުއާލު ކުރެވެނީ އެކަލާނގެއީ ހެއްދެވިގެންވާ ކަލާނގެއެއް ކަމަށް ބެލިގެންނެވެ. ނަމަވެސް ސަމާވީ ފޮތްތަކުގެ އިލާހީ ތަސައްވުރު މިއާ މުޅިން ތަފާތެވެ. އެ ތަސައްވުރުގައި މާތްކަލާނގެއީ އަޒަލީ ކަލާނގެއެވެ. ހެއްދެވުމެއް، އުފެދުމެއް ނެތި ވޮޑިގެންވާ ކަލާނގެއެވެ. މިކަން ގަބޫލުކުރުމުގެ ދަތިކަން ގުޅެނީ އުފެދުމެއް ނެތި ވޮޑިގެންވުމުގެ މައްސަލައަކާ ނޫނެވެ. އެހެނީ ކައުނަކީ އަބަދުމެ ވުޖޫދުގައި އޮތް އެއްޗެއްކަމަށް ބުނާ މީހުން، އަޒަލުގެ ސިފަ ކައުނަށް ނިސްބަތްކޮށް، ކައުނަކީ އަޒަލީ އެއްޗެއްކަން، އުފެދުމެއް ނެތި ވުޖޫދުގައިވާ އެއްޗެއްކަން، ގަބޫލުކުރާކަށް ދަތިކަމަކަށް ނުވެއެވެ! އެހެންވީމާ މައްސަލައަކީ އަޒަލުގެ ސިފަލިބިގެންވާ އެއްޗެއް ވުޖޫދުގައި ވުމެއް ނޫނެވެ. މާތްކަލާނގެއަށް އެސިފަ ނިސްބަތްކުރާތީއެވެ. (ނުނިމޭ)

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top