އެއްފަޅުގައި ޖެހިޖެހިގެން އޮންނަ ބ.ގޮއިދޫ އާއި ފެހެންދޫ، ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
މިއަދު މަޖިލީހަށް ހުށަހެޅި 2020 ގެ ބަޖެޓުގައި ފެހެންދޫ- ގޮއިދޫ ކޯޒްވޭ ހަދަން ހިމަނައި އެ މަޝްރޫއަށް 210,000 ރުފިޔާ ކަނޑައަޅާފައިވެ އެވެ.
މި މަޝްރޫއަށް 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް 16،200،000 ރުފިޔާ އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައި 9،915،000 ރުފިޔާ ލަފާކޮށްފައިވެއެވެ.
ފެހެންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ފެހެންދޫ ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ލުޔެއް ހޯދައިދިނުމަށް ދެ ރަށް ކޯޒްވޭއަކުން ގުޅާލަ ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ގިނަ ރައްޔިތުން ބޭނުންވަނީ ކޯޒްވޭ އަކުން ދެރަށް ގުޅާލަން ކަމަށް ފެހެންދު ކައުންސިލުން ވަނީ ރައީސް ސޯލިހުއާއެކު ބޭއްވި ބައްދަލުވުމެއްގައި ދަންނަވާފައިކަމަށް ކައުންސިލްގެ ރައީސް މޫސާ ނަސީމު ވަނީ ކުރިން ވިދާޅުވެފައެވެ.
ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން ނިންމި އިރު އިންޑިއާ ސަރުކާރުގެ އެހީގައި ފެހެންދޫގެ ދަރިވަރުން، ދެ ރަށް ދޭތެރޭގައި ދަތުރުކުރުމަށް ފެންވަރު ރަނގަޅު ފެރީއެއް ހޯދުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ފެހެންދޫ ސްކޫލު ބަންދުކުރިފަހުން އެތައް އަހަރެއް ވެފައިވާއިރު، އެރަށު ކުދިން ސްކޫލަށް ދަނީ ޑިންގީއެއްގައި 20 ވަރަކަށް މިނެޓުގެ ދަތުރެއް ކޮށް، ގޮއިދޫއަށެވެ.
ކޯޒްވޭގެ އިތުރުން، ފެހެންދޫ އާއި ގޮއިދޫގެ ފެނާ ނަރުދަމާ ގާއިމުކުރުމާއި، ފެހެންދޫ ސިއްހީ މަރުކަޒު އިމާރާތްކުރުމާއި ފެހެންދޫ ބަނދަރު ހަދައި ގޮއިދޫ ބަނދަރު އަޕްގްރޭޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.