ކެންދޫ ކައުންސިލުވެސް ރައްޔިތުންގެ ބޭނުންތައް ހިއްސާކުރެއްވުމަށް ރައީސް އަރިހަށް

b_OKQPPVkwqoZDs5qFqCdggcjIr.jpg

ކެންދޫ ކައުންސިލު މެމްބަރުން ރައީސް އާއި ބައްދަލުކުރެއްވުން - ފޮޓޯ :ރައީސް އޮފީސް

ކެންދޫ ކައުންސިލުވެސް ރައްޔިތުންގެ ބޭނުންތައް ހިއްސާކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި ކައުންސިލްގެ މެންބަރުން ވަނީ ކެންދޫ ރައްޔިތުންނަށް އެރަށުގައި ދިރިއުޅުމަަށް ދިމާވެފައިވާ ދަތިތަކާ ކަންބޮޑުވުންތަކުގެ ވާހަކަ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ކެންދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުވެފައި ނެތުންކަން ރައީސް އަށް ދެންނެވިއެވެ.

އަދި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާ ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ އިތުރުން މަސްވެރިން ބާނާ މަސް ވިއްކޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުން މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސް އާއި ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ވެސް މިބައްދަލުކޮށްލެއްވުމުގައި ކައުންސިލު މެންބަރުން ވަނީ ރަށުގައި އެކަށީގެންވާ މިސްކިތެއް ގާއިމްކޮށްދެއްވުމަށާއި، ރަށުގެ އަންހެނުންނަށް އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ޒުވާނުންނަށް ހާއްސަކޮށް، ރަށުގައި ޒަމާނީ ފުޓްބޯޅަ ދަނޑެއްގެ ބޭނުން ބޮޑުވެފައިވާތީ އެފަދަ ދަނޑެއް ތަރައްގީ ކޮށްދެއްވުމަށްވެސް ރައީސް އަށް ދެންނެވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި މިގޮތަށް ބައްދަލުކޮށްލެއްވުމުގެ މައިގަނޑު ބޭނުންފުޅަކީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އައްސަވައި ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުއްވުން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކެންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top