ތާރުއަޅަން ފެށޭނީ ރޯދައިގެފަހުންކަމަށް އޭދަފުށީ ކައުންސިލުން ބުނެފި

DSCN9146.jpg

އޭދަފުށީގެ ބައެއް މަގުތަކުގެ ޕޭމެންޓްގައި އަތުރަނީ --އީވީ ފައިލް ފޮޓޯ

އޭދަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނީ އަންނަ ރަމަޟާންމަހުގެ ފަހުން ކަމަށް އެމްޓީސީސީއާ ހަވާލާދީ އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

މިމަސައްކަތް ހުއްޓިފައި އޮތުމަށްފަހު މަގުތަކުގައި ތާރުއެޅުމާއި، މަގުބައްތިޖެހުމާއި، ފެންހިންދުމުގެ ނިޒާމް ގާއިމްކުރުމަށް އެމްޓީސީސީއާއި ޕްލޭނިންގް މިނިސްޓްރީން މިމަސައްކަތް ހަވާލުކުރެއްވީ މިމަހުގެ 1 ވަނަ ދުވަހުއެވެެ. މިމަސައްކަތަށް ބޭނުންވާ ތާރުއަޅާ މެޝިނާއި އެހެނިހެން އާލާތްތައް މިދިޔަ ހަފްތާގެ ބަންދުތެރޭގައި އެމްޓީސީސީން އޭދަފުއްޓަށް ވަނީ ގެނެސްފައެވެ.

މަގުހެދުމުގެ މަސައްކަތް ހިނގަމުންދާ ގޮތާ ބެހޭގޮތުން އޭދަފުށީ ކައުންސިލް މެމްބަރ ނައުޝާދު އަހްމަދު އީވީއަށް ވިދާޅުވީ އެމްޓީސީސީގެ ޓީމެއް ވަރަށް އަވަހަށް އޭދަފުއްޓަށް އަންނާނެކަމަށާ، ރޯދައިގެ ކުރިން މަގުތައް ސާވޭކުރުމުގެ މަސައްކަތް ފަށާނޭކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތީ ރަމަޟާންމަސް ކަމުން ސާވޭ ނިންމައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ޖޫންމަހުގެ ތެރޭގައި ކަމަށް އެމްޓީސީސީން ބުނާކަމަށެވެ.

“ސާވޭގެ މަސައްކަތްތައް ވަރަށް އަވަަހަށް ފެށޭނެ. އަންނަ ހަފްތާތެރޭ ޓީމެއް އަންނާނެކަމަށްވޭ އެކަމަށް. ބަލަމާ ހިނގާ ތާރު އެޅުމުގެ މަސައްކަތް ދެން ފެށޭނީ ރޯދައިގެ ފަހުން ކަމަށް. އެމްޓީސީސީންވެސް ބޮޑަށް ވިސްނުން ހުރީ އެގޮތަށް” ކައުންސިލްގެ އެމްޑީޕީ ކައުންސިލަރ ނައުޝާދު ވިދާޅުވިއެވެ.

19 މިލިޔަން ރުފިޔާގެ އަގަކަށް އޭދަފުށީގެ 17 މަގުގައި ތާރުއެޅުމަށާއި، މަގުބައްތިތައް ޖެހުމަށް އަދި ފެންހިންދާ ނިޒާމުގާއިމްކުރުމަށް އެމްޓީސީސީއާއި ޕްލޭނިންގް އިން ހަވާލުކުރީ 8 މަސްތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އޭދަފުށީގެ 15 މަގުގައި (ފަހުން 17 މަގުގައި) ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ 2015 ވަނަ އަހަރު ހަވާލުކުރީ ސާރުކާރު ކުންފުނި އެމްއާރުޑީސީއާއެވެ. އޭރު އެމަސައްކަތް ހަވާލުކުރީ އެއްއަހަރުދުވަސްތެރޭގައި ނިންމާގޮތަށް 33 މިލިޔަން ރުފިޔާއަށެވެ. މިމަސައްކަތް ދިގުލަމުންގޮސް 2018ވަނައަހަރު އެމްއާރުޑީސީ އުވި މިމަސައްކަތް ހުއްޓުމަކަށް އައީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top