ބިންހިއްކި ފަހުން 8 އަހަރު. ގޯތިދޭން އަދި ކިތައް އަހަރު؟ !

Dhookurumah-hama-jehifaivaa-goathi-thakuge-chart_Page_2-1024x724.jpg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި 2018ވަނަ އަހަރު ޖުލައި 29 ވަނަދުވަހު އޭދަފުއްޓަށް ވަޑައިގެން އެމްޑީޕީ ޖަޒީރާ އޮފީސް ހުޅުއްވައި ދެއްވުމަށްފަހު އެއްވެތިބި މީހުންނާ މުހާތަބު ކުރައްވައި ވިދާޅުވި އެވެ.

”އަޅުގަނޑުމެންގެ އިއްތިހާދު ސަރުކާރުގެ ވެރިކަމުގައި އޭދަފުށީގެ ތައުލީމީ ނިޒާމް މިހާރަށްވުރެ ހަރުދަނާ ކޮށް އޭދަފުށިން ހިއްކާފައިވާ 27 ހެކްޓަރުގެ ބިމުން ވެރިކަމުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ގޯތި ދޫކުރާނަން.“

އެވާހަކަފުޅާއެކު އެއްވެ ތިބި މީހުންގެ ތަރުހީބުގެ އަތްތިލަބަޑީގެ އަޑުން މާހައުލު ގުގުމާލިއެވެ

އެހެންނަމަވެސް އެވައުދުގެ މަތިން ހަނދުމަފުޅު ނައްތާލައްވައި ނުވަތަ އެ ވައުދު ނުފުއްދަވައި ދުވަސްކޮޅަކަށް ފަހު އޭދަފުށިން ވަރަށް އަވަހަށް ގޯތި ދޭނެކަމަށް އިއުލާނު ކުރެއްވިއެވެ. 2019ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޕޭން ޖަލްސާއެއް ގައެވެ. ނ. ހެނބަދޫގައި އޮތް އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ދަތިވެފައިވާ މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަ ކަމަށާ، އެކަން ހައްލުކުރުމަށްޓަކައި ބ. އޭދަފުއްޓާއި، ތުޅާދޫން ވަރަށް އަވަހަށް ގޯތި ދޫކުރައްވަން ތައްޔާރުވަމުން ދާ ކަމަށެވެ.

”އަޅުގަނޑުމެން މިދަނީ އެރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައި އަދި ގެންނަންޖެހޭ ބަދަލުތައް ގެނެސް ރައްޔިތުންނަށް ގޯތި ދޫކުރަން ފެށުމަށް. އެގޮތުން ބ. އޭދަފުއްޓާ، ތުޅާދޫއާ، ވެލިދޫއާ އަދިވެސް ހިންނަވަރާ އަދިވެސް އެބަހުރި މިހެން ހިއްކިފައިހުރި. އެރަށްރަށުން ރައްޔިތުންނަށް ބޭނުންވާ ގޯތި ލަހެއްނުވެ އަޅުގަނޑުމެން ދޫކުރާނަން“ ރައީސް ވިދާޅުވިއެވެ.

އޭގެ ފަހުން ވީ ދުވަހެއް ވީއެވެ. އެކަމަކު އޭދަފުށީ މީހުން ބުނާހެން ވީކަމެއް ހަރާމެވެ. އޭދަފުށީ ރައްޔިތުން ތިބީ ގައުމުގެ ވަލިއްޔުލްއަމްރު، އޭދަފުށިން ވަރަށް އަވަހަށް ގޯތި ދެއްވާނެ ކަމަށް ވިދާޅުވުމުން ގޯތީގެ އިން ވަކިކުރަން ކަޑަ ހަދައިގެން ތައްޔާރުގައެވެ.

އޭދަފުށީގެ ބިން ހިއްކަން ޖެހުނީ ގޯތި ބޭނުން ވެފައިވާ އެތައް ބަޔަކު މަގުމަތި ވުމުންނެވެ. އެއް ގެއެއްގައި އެތައް އާއިލާއެއް އުޅެން ޖެހުމުން އިޖްތިމާއީ އެތައް ބަލިމަޑުކަމާއި އާއިލާތައް ރޫޅި ހައްލު ނުކުރެވޭ މައްސަލަތަކެއް މެދުވެރިވެ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނެސްގެންނެވެ.

އެންމެ ރަނގަޅެވެ. ސަރުކާރުން އެއޮތީ އޭދަފުށީގެ ބިން ހިއްކައިދީފަ އެވެ. އެކަމަކު އަށް އަހަރުވެގެން ދިޔައިރު ރައްޔިތުންނަށް ގޯތި ނުދެވުނީ ކީއްވެގެން ހެއްޔެވެ. ކިތަންމެ މައްސަލަ ތަކެއް ހުރިނަމަވެސް އަށް އަހަރަކީ އެކަންކަން ހައްލު ކުރަން އުޅޭ ބަޔަކަށް އެކަށީީގެންވާ މުއްދަތެކެވެ. މުޅިންވެސް ބަހަނާއެވެ. ފުރަތަމަ ދެއްކީ ލޭންޑް ޔޫސް ޕްލޭނެއްގެ ވާހަކައަކާއި ރަށު ކައުންސިލުން ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރާތީ ގެވަޅު ދެވެންނެތް ވާހަކައެވެ. ސުވާލަކީ މިކަންކަން މިހެން އޮއްވައި ގައުމުގެ ރައީސް، ދުވަސް ކަނޑައަޅުއްވައި އެދުވަހުގެ ކުރިިން ގޯތިދޭނެ ކަމަށް ވިދާޅުވީ ކީއްވެގެން ހެއްޔެވެ؟ އެއީ މައްސަލައެކެވެ. ތަންކޮޅެއް ފުންކޮށް ވިސްނާލުމުން ހީވަނީ މިއީ ރައްޔިތުން މޮޔަހައްދަން ސަރުކާރުން ޖައްސާ ސިޔާސީ ގޭމެއް ހެންނެވެ. ކޮންމެ އިންތިހާބެއް ކައިރިވާއިރު މިގޭމް ޖައްސައެވެ. ރައްޔިތުންނަށް ދޮންކަޅުމިން އަންގާނުލައި ސަރުކާރުގެ އެންމެ މަތިން ފެށިގެން މުވައްސަސާ ތަކުގެ ވެރިންނާ ހަމައަށް ރައްޔިތުންގާތަށް ވަޑައިގެން މިގޭމް ކުޅެމުން ގެންދާތާ އަށްއަހަރު ވަނީއެވެ.

މިކަމުގައި ކުރީސަރުކާރެއް މިސަރުކާރެއް ކިޔާނެކަމެއް ނެތެވެ. މިނަމުން ގެންދިޔައީ އެއް ނާޅިއަކުންނެވެ.

ބިން ހިއްކުމުގެ ރަސްމިއްޔާތަށް އޭދަފުށީ ދެކުނު ފަރާތުގައި އެޅި ދަރުބާރުގެ އަށް ރައީސް ޔާމީން ވަޑައިގެން މަޝްރޫއު ފެށުމުގެ ގޮތުން ބިސްމީގެ ބަރަކާތުން ފަޅަށް އަޅައިލި ފުރަތަމަ ފަސްކޮޅާއެކު ރައްޔިތުން އެއް އަޑުން އެއްފަހަރާ ތަރުހީބުގެ އަތްތިލަބަޑި ޖެހީ އާ ކަމަކަށް ވެގެން ނޫނެވެ. ބިން ފުރިފައިވާ އޭދަފުއްޓަށް އިތުރުކުރެވޭ 25 ހެކްޓަރުގެ ބިމުގައި މުޅިން އާ ރީތި އޭދަފުއްޓެއް ނުވަތަ އަވަށެއް އުފެދޭތީ އެކަމުގެ އުފަލުގަ އެވެ. ގޯއްޗަށް ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެ ކަމުގެ ޔަގީންކަމުގެ އުފަލާ އެކުގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ޔާމީން، އެންމެ ބޮޑު ހިތްވަރެއް ދެއްވީވެސް ގޯތި ބޭނުންވެފައިވާ މީހުންނަށެވެ. ލަހެއްނުވެ ގޯތި ލިބޭނެ ކަމުގެ އުފާވެރި ހަބަރު ދެއްވިއިރު ސަތޭކައިން ގުނާލެވޭ މިއެންމެންގެ ލޮލުން ހިލިގަތީ އޭގެ ކުރިން ދުވަހަކުވެސް ތަޖްރިބާ ކުރެވިފައިނެތް އުފަލުގެ ކަރުނަ އެވެ. އެމަންޒަރު އެމަނިކުފާނު ދެކެވަޑައިގަންނަވާނެ އެވެ. ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއާއި ދާއިރާގެ މެންބަރު ސަލީމުވެސް މެއެވެ.

ރައީސް ޔާމީންގެ ރޮކެޓް ސްޕީޑްގައި އަތޮޅުތެރެއަށް ގެނައި ތަރައްގީގެ އިންގިލާބު މި ޕްރޮޖެކްޓަށްވެސް އައެވެ. ސަރުކާރުން 169.6 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އޭދަފުށީގެ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކާ ނިންމާލިއިރު އެބިމުން ގޯތި ދިނުން ވެސް ހަމަ މިސްޕީޑްގައި ކުރިއަށް ދާނެ ކަމަށް ރައްޔިތުން ތިބީ ޝައްކު ގައެއް ނޫނެވެ.

އެކަމަކު ގޯތި ދިނުމުގެ މަސައްކަތަށް ސްޕީޑެއް ނުލިބުނެވެ. ސަރުކާރުގެ ވިސްނުން ބަދަލު ވީއެވެ.  ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ޑިޒައިންކޮށް އިމާރާތްކުރާ އުސޫލުން އެބިމުގައި 100 ހައުސިން ޔުނިޓް އެޅުމަށް ބީލަމަށް ހުޅުވައިލިއެވެ. ބިން ހިއްކިތާ ދެ އަހަރުވާން އުޅެނިކޮށެވެ. ވާއެއް ނުވާއެއް ރައްޔިތުންނަށް ނޭނގި ތިއްބާ އަނެއްކާވެސް ހަމަ އެޕްރޮޖެކްޓު 19މާޗް 2018 ގައި ބީލަމަށް ހުޅުވައިލީއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެގެން އައިއިރު އިދިކޮޅަށް އަދި ސަރުކާރަށް އޭދަފުށީގެ ހިއްކި ބިން ފެނުނީ ބައިވަރު ވޯޓުތަކެއްގެ ގޮތުގައެވެ. އެހެންކަމުން ދެކޮޅުންވެސް ވާން ކުރަމުން ގެންދިޔައީ މި ސިޔާސީ ގޭމް ޖައްސައިގެންނެވެ.

ރިޔާސީ އިންތިހާބު ނިމި މަޖިލިސް އިންތިހާބުވެސް ނިމުމުން ދެން އައީ ހިމޭން ދުވަސްތަކެކެވެ. ސަރުކާރުން ގައިކޮޅު ގައިދުރު ކިޔާފައި ގޯތިދިނުމުގެ ކަންތައް ރަށު ކައުންސިލުގެ ބޮލަށް ކަނޑާލީ އޭދަފުށީ ކައުންސިލާއި ހައުސިން މިނިސްޓްރީގެ ދެމެދަށް އޭދަފުށީގެ ލޭންޑް ޔޫސް ޕްލޭން ހުރަސް ކޮށްފަ އެވެ.

އެ ހުރަސް ގިރާކޮށް އޭދަފުށީ ކައުންސިލަށް އޭދަފުށިން 1400 އަކަފޫޓުގެ 158 ގޯތި ދޫކުރަން ޕްލޭނިން މިނިސްޓްރީން ހުއްދަ ދިނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މަސްރަހު ސާފުވީއެވެ. މޮހޮނަށް އޮޑިދިން ގޮތަށް ގޯތީގެ ކަންކަންކުރިއަށް ގެންދިއުމަށް ޕްލޭނިންގ މިނިސްޓްރީން ހުއްދަ ދިނުމާއެކު ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް އިއުލާނު ކުރުމުން ކައުންސިލު ކުރިމަތީގައި ދިގުކިޔުއެއް ދަމާލާފައި އޮތެވެ. އެކަމަކު ފޯމުތައް ޗެކްކުރުމަށްފަހު ހައްގުވެރިންނަށް ގޯތި ދިނުމުގެ މަސައްކަތް ފަށަށް ތައްޔާރުވީތަނާ އެކަން ހުއްޓާލުމުގެ އަމުރު މިފަހަރު އައީ ކޯޓުންނެވެ.

މިދިޔަ އަހަރުގެ އެޕްރީލް 5 ވަނަ ދުވަހު އޭދަފުށީ ކޯޓުން މި އަމުރު ނެރެފައިވަނީ އޭދަފުށިން ގޯއްޗަށް އެދި ހުށަހެޅި ފޯމުގައިވާ ކަންކަމަށް ޕޮއިންޓް ދިނުމުގައި ހައްގުވާ ޕޮއިންޓް ދީފައިނުވާތީ ކަމަށް ބުނެ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ވަގުތީ އަމުރަށް ދިހަމަސް ވެގެން ދިޔައީއެވެ. ރަށު ކައުންސިލު ކޮބާ ހެއްޔެވެ؟ މައްސަލަ އަވަސް ކުރަން ކުރީ ކޮންކަމެއް ހެއްޔެވެ. އެންމެ މީހެއްގެ ހައްގުގައި އެތައް ބައެއްގެ ހައްގު ނިގުޅައި ގަތުމުގެ އަމުރު ކޯޓުން ނެރުނުއިރު އެކަން ކައުންސިލުން ބަލައިގަތުން އުނދަގޫ ކަމަށް ހަމައެކަނި ވިދާޅުވުމަކުން ނުފުދެއެވެ. އިތުރު މަގެއް ނުހޯދުމަކީ ރަށު ކައުންސިލުން ރައްޔިތުންނާމެދު ވެވުނު ވަރަށް ބޮޑު އިހުމާލެކެވެ. އިސްތިއުނާފުގެ މުއްދަތުގައި އެކަން ނުކޮށް ދޫކޮށްލީ ކީއްވެގެންހެޔެވެ. ރައްޔިތުންނަށް އެވަރުގެ ކަމެއް ނުކޮށްދެވޭ ބަޔަކު ކައުންސިލުގައި ތިބުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ.

ރަށު ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ހުންނެވީ ޝަރީއަތުގެ މަރުހަލާގައި އޮތް ކަމަކަށް ވާތީވެ ކުރެވޭނެ އިތުރުކަމެއް ނެތް ކަމަށް ވިދާޅުވެ އެކަމުން ބަރީއަ ވެފައެވެ. އެކަމަކު މި މައްސަލަ ވަރަށް އަވަހަށް ނިމޭނެ ކަމުގެ އުއްމީދު ފާޅުކުރެއްވިއެވެ.

”އަޑުއެހުން ތަކެއް ކުރިއަށް ހިނގައްޖެ. އުއްމީދު ކުރަނީ މި މަސް ނިމުމުގެ ކުރިން މި މައްސަލަ ނިމޭނެ ކަމަށް.“ފާތިހު ވިދާޅުވި އެވެ.

މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ކަމަށް ވިޔަސް އޭދަފުށިން ގޯތި ދިނުމުގެ ކަންތައް އަނެއްކާވެސް ޖެހޭނީ އަލުން ފަށާށެވެ. ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ޝަރުތުހަމަވާ ބަޔަކު އިތުރުވެސް ވާނެއެވެ. ހުޅުމާލެއިން ނޫނީ އެހެން ގޮތަކުން ވިޔަސް ގޯއްޗެއް ލިބިފައި ތިބި މީހުން ތިބެދާނެ އެވެ. ރައީސް ފާތިހުވެސް ވިދާޅުވީ އެހެންނެވެ. ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިވުމާއެކު އަނެއްކާވެސް ޖެހޭނީ އަލުން ފަށާށެވެ.

ނޭނގެނީ އަނެއްކާވެސް ފޯމު ހުށަހަޅައިގެން އެކަމަށް ނަގާނެ މުއްދަތެކެވެ. ރަށު ކައުންސިލުގެ މަސައްކަތުގެ ސްޕީޑަށް ބަލާއިރު އެއީ ރައްޔިތުންނަށް ކުރިމަތިވާނެ ކެތްތެރިކަމުގެ އިމްތިހާނެކެވެ.

އެކަމަކު ކުރިމަތީގައި އޮތީ ރައްޔިތުންނަށް ތިޔާގި ފޯވައްސެކެވެ. 2023 އެވެ. އިދިކޮޅުންނާއި އެއްކޮޅުން މި ފަހަރުގެ އިންތިހާބަށް އޭދަފުއްޓަށް އައިސް ގޯތި ދިނުމަށް އަނެއްކާވެސް ސިޔާސީ ގޭމް ކުޅޭނެއެވެ. އެހެންނަމަވެސް އޭދަފުށީ ރައްޔިތުންނަކީ ބަޔަކު އައިސް ސިޔާސީ ގޮތުން ޖަހާހައި ބެރަކަށް ނަށާނެ ބައެއް ނޫންކަން ހާމަ ކޮށްދިނުމަށް މިއީ ލިބޭނެ ރަނުގެ ފުރުސަތެކެވެ.

އަދި އެއްވާހަކަ އެވެ. ގޯތި ދިނުމަކީ ކައުންސިލުގެ ބާރުގައި އޮތްކަމެއް ކަމަށް ކަޅާއި ހުދުން ލިޔެފައި އޮތަސް ކައުންސިލު ތަކުގެ ރިމޯޓު އަދިވެސް އޮތީ ސަރުކާރުގައެވެ. ނަންވާނީ ކުރީސަރުކާރެވެ. ބަލަން ތިބެމާ ހިނގާށެވެ.!

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު