ރައްޔިތުންގެ އަޑު: ހޮސްޕިޓަލްގެ ހިދްމަތްތައް ކުރިނާރަނީ މެނޭޖްމަންޓް ކަމުނުދާތީތޯ؟

11986988_532647573555889_4465425278447803679_n.jpg

ބ. އަތޮޅު ހޮސްޕިޓަލްގެ ސީނިއާ މެނޭޖްމަންޓްގެ ބައެއް ބޭފުޅުންނާއި، މުވައްޒަފުން. / ފޮޓޯ: ހޮސްޕިޓަލް އެފްބީ ޕޭޖް

މިއީ ބ. އަތޮޅުގެ އާންމު ރައްޔިތުންގެ ފަރާތުން މިނޫހަށް ލިބޭ ސުވާލުތަކުގެ ތެރެއިން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ކޮންމެ ހޮނިހިރު ދުވަހަކު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކޮލަމެކެވެ. މިހަފްތާގެ ސުވާލުތައް ހާއްސަ ކޮށްލަނީ ބ. އަތޮޅު ހޮސްޕިޓަލަށެވެ.

ސުވާލު: ބ. އަތޮޅު ހޮސްޕިޓަލްގެ ހިދްމަތްތައް އަހަރުން އަހަރަށް އިތުރުވަމުންދާތަނެއް ނުފެނެއެވެ. އިތުރު ހާއްސަ ހިދްމަތެއް ނުފެށިވަނީ މިނިސްޓްރީން އެކަމާ އަޅާނުލާތީތޯ ނުވަތަ ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ އިހްމާލަކުންތޯ. އަދި މިއަހަރު އެއްވެސް ހިދްމަތެއް ފެށުމަށް މަސައްކަތް ކުރެވެންދޭތޯ؟

ޖަވާބު: ސިއްހީ ހިދްމަތްދޭ ތަންތަނަކީ ގްރޭޑް ކުރެވިގެން ހިދްމަތްދެވޭ ތަންތަނެވެ. އެގޮތުން މިހޮސްޕިޓަލަކީ ހޮސްޕިޓަލްގެ ލެވެލްގައި ގްރޭޑް 3 ގެ ތަނަކަށްވާތީ، އެގްރޭޑްގައި ހިމެނޭ ހުރިހާ ހިދްމަތެއް މިހާރު ދެވެއެވެ. އިތުރު ހިދްމަތެއް ފެށޭނީ ގްރޭޑް ބަދަލުވުމުން ކަމަށްވާތީ، އިތުރު ޚާއްސަ ދާއިރާތަކުގެ ޚިދްމަތް ނުފެށިވަނީ މެނޭޖްމަންޓްގެ އިހްމާލުންކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ހިދްމަތް ތަރައްޤީކުރުމަށް ފިޒިޝަނުންނާއި، ސާޖަނުން ހޯދުމަށް ކޮންމެ އަހަރަކުވެސް އެދެމުންދާކަމުގައި ދަންނަވަމެވެ.

މިއަހަރު ދަތުގެ ހިދްމަތް ފެށުމަށް ޑެންޓަލް ޗެއާއެއް ލިބޭނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި ޑެންޓަލް ޗެއަރ ބަހައްޓާނޭ ތަނުގެ ކުރެހުން މިނިސްްޓްރީ އޮފް ހެލްތުން އެދިލެއްވުމާ ގުޅިގެން އެކުރެހުން ވަނީ ހެލްތަށް ފޮނުވިފައެވެ. (ހިދްމަތް ފެށޭނެތާރީހެއް އަދި އެނގިފައެއް ނުވޭ)

ސުވާލު: ބ. އަތޮޅު ހޮސްޕިޓަލްގެ އުމްރާނީ ތަރައްޤީއަށް އެއްވެސް ޕްރޮޖެކްޓެއް މިއަހަރު ބަޖެޓް ކުރެވިފައި ވޭތޯ؟

ޖަވާބު: މިހޮސްޕިޓަލްގެ އުމްރާނީ ތަރައްޤީއަށް މިއަހަރު އެއްވެސްކަމެއް ބަޖެޓް ކުރެވިފައެއް ނުވެއެވެ. އިމާރާތުގެ ދަތިކަން ހުރިގޮތުން (ޚާއްސަކޮށް ވޯޑުގެ ދަތިކަމާހުރެ) އާއިމާރާތެއް އަޅައިދިނުމަށް ވޭތުވެދިޔަ 3 އަހަރުވެސް ޕީއެސްޕީ ބަޖެޓްގައި ހިމަނާފައިވާނެއެވެ. މިގޮތުން 4 ބުރީގެ އިމާރާތެއް އަޅައިދިނުމަށް 2016 ވަނައަހަރު ބަޖެޓްގައި ހަމަޖެހި ފިނޭންސް މިނިސްޓްރީން އިޢްލާން ކޮށްފައިވެއެވެ. އެހެންނަމަވެސް މިއަހަރުގެ ބަޖެޓްގައި މިކަން ހިމަނާފައިނުވާތީ، އެޕްރޮޖެކްޓްވެސް ވަނީ ހުއްޓިފައެވެ.

ޖަވާބު ދެއްވީ: ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދު

ސުވާލުތައް މެއިލް ކުރައްވާނީ: [email protected] އަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top