އަތޮޅުކައުންސިލް ކޮބާ؟ މިނިވަން 50 ފާހަގަނުކުރަނީތަ؟

Maldives1.jpg

މިނިވަންދުވަހަކީ ގައުމީ އީދުދުވަހެވެ. ގައުމަކަށް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. “ދިނިގެން އަދުގައުމު މިދާހިދުގާ، މިނިވަން ދިދައެއްގެ ހިޔާދަށުގައި “ތިބެގެން މިނިވަންކަމާއެކު އުފާކުރަންޖެހޭ ދުވަހެވެ. އަޅުވެތިކަމުގެ ސުންޕާކަމާއި އަނިޔާވެރިކަމުން ގައުމު ސަލާމަތްކުރެއްވީތީވެ ﷲކިބަފުޅަށް ޝުކުރު އަދާކުރަންޖެހޭދުވަހެވެ.

މި އަހަރަކީ މިގައުމަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރޭއަހަރެވެ. މި ޖުލައިމަހުގެ 26 ވަނަ ދުވަހަކީ އެތާރީޚީ ދުވަހެވެ. އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ގިނަކަންތަކެއްކުރުމަށާއި ގިނަޙަރަކާތްތަކެއް ހިންގުމަށްރާވަމުން އެބަގެންދެއެވެ. މާލެއާއި އަތޮޅުތެރޭގައިވެސް ގައުމީ ރޫޙްގައި ގައުމީ މި އީދު ފާހަގަކުރުމަށް ވަރަށްގިނަ ކަންތައްތަކެއް ކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. މި ރޫޙް ނެތީ މިއަތޮޅުގައެވެ. މިނިވަންދުވަސް ބޯމަތިވެގެން އަންނައިރު މި އަތޮޅުގެ ރަށްތަކުގައި މިކަމަށް ޝައުގުވެރިކަން ހުރި ތަނެއް ނުފެނެއެވެ.. ކީއްވެގެންހެއްޔެވެ.؟ މި ކަމަކީ މުހިއްމުކަމަކަށް ނުވަނީކަމަށްވެދާނެއެވެ. ނުވަތަ ސަރުކާރުން މިދުވަސް ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާތީވެ އެކަމާ ދެކޮޅުހަދަނީކަމަށްވެސް ވެދާނެއެވެ. އެކަމަކު މިއީ މިކަން ވާންޖެހޭނގޮތް ހެއްޔެވެ.؟މިނިވަން 50 ފާހަގަކުރުމަކީ ކުލައަކަށް މީހަކަށް ބެލުމެއް ނެތި ގައުމީ ރޫޙްގައި ކުރެވެންޖެހޭނެ ކަމެކެވެ. މިއީ ސީދާ ގައުމުގެ މާޒީއާ މިހާރާއި އަދި ކުރިމަގާ ގުޅިފައިވާ ކަމަކަށް ވާތީއެވެ. ކޮންމެ ގައުމެއްގައިވެސް އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއްދުވަހަކީ އެގައުމަކަށް މިނިވަންކަން ލިބުނު ދުވަސްކަމަށްވާތީއެވެ.ކޮންމެ ބަޔަކު ވެރިކަމުގައި ތިބިކަމުގައި ވިޔަސް މިމުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަކީ މިނިވަންކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި ބަތަލުންގެ ޒިކްރާ އާކުރުމުގެ ގޮތުން ކުރަންޖެހޭނެ ކަމެކެވެ.

އޭދަފުއްޓަކީ މިފަދަ ގައުމީކަންކަމުގައި ވަރަށް އިސްކަންދޭ ރަށަކަށްވާއިރު މިކަމުގައި އެ ރޫޙްނެތީ ކީއްވެތޯ އޭދަފުށީ ކައުންސިލްގެ ރައީސް ވިދާޅުވަނީ މިނިވަން 50 ފާހަގަކުރުމަށްް އެއްބާރުލުން ލިބެންޖެހޭ ފަރާތްތަކުން އެއްބާރުލުން ނުލިބޭ ވާހަކައެވެ. ރައީސް އަމިއްލަގޮތުން ކިތަންމެ ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވިޔަސް އެކަން ނުކުރެވޭނެވާހަކައެވެ. ރައީސް އެ އިޝާރާތްކުރައްވަނީ އަތޮޅު ކައުންސިލަށްކަމަށް ވެދާނެއެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލުން މިކަމަކާ އެއްބަހެއްނުވެއެވެ. އަތޮޅު ކައުންސިލްގެ މެންބަރަކު ވިދާޅުވަނީ އެކައުންސިލްގެ ފަރާތުން ރަށްރަށަށްސިޓީ ފޮނުވައިގެންނާއި އެހެނިހެން ގޮތްގޮތުންވެސް މި މުނާސަބާ ފާހަގަކުރުމަށް މަސައްކަތްކުރެއްވިކަމުގައެވެ. އެކަމަކު މިކަމަށް ތަރުހީބު ނުލިބުނީއެވެ.

އަތޮޅުކައުންސިލްގެ އެމެންބަރުގެ ޒިންމާދާރުކަންކުޑަވާހަކައަށް އިންސާފުކުރާކަށްނެތީމެވެ.. އެކަމަކު ބ.އަތޮޅުގެ ކަނޑުފަޅާ ބ.އަތޮޅުގެ ރަށްތަކުގެ ހާލަތު އެނގޭ އެކަކުވެސް މިވާހަކަ ގަބޫލެއް ނުކުރާނެއެވެ. ކީއްވެގެން ހެއްޔެވެ؟ ބ. އަތޮޅަކީ އެއަށްވުރެ ބޮޑަށް ތަސައްރަފް ފުދިފައިވާ ބަޔަކު ދިރިއުޅޭ އަތޮޅަކަށްވާތީއެވެ. ގައުމީ ކޮންމެ ކަމެއްގައިވެސް އެންމެ ކުރިއަށް ނުކުމެ އެހެން އަތޮޅުތަކަށް ނަމޫނާ ދައްކާފައިވާ އަތޮޅަކަށް ވާތީއެވެ. ގައުމީ ކޮންމެ ގޮވާލުމަކަށް އެންމެ ފުރިހަމައަށް އިޖާބަވީފައިވާ އަތޮޅަށް ވާތީއެވެ. މީގެހެއްކަކީ މިހާރު ބ.އަތޮޅުކައުންސިލްގެ އޮފީހުގެ މަތާރަންފިލާމަތީގައި ހުރި ތަށިތަކެވެ. އެތަށިތަކާ އެހަނދާނީ ފިލާތަކާ އެމެޑެލްތައް އެކިޔައިދެނީ ގައުމީއެކިއެކި ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ބާއްވާފައިވާ މުބާރާތްތަކުންނާ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާފައިވާ އެކިއެކި މައުރަޒުތަކާ މުބާރާތްތަކުން އެއްވަނަ އާއި ދެވަނަ ހޯދުމުން ލިބިފައިވާ ކާމިޔާބީގެ ވާހަކަތަކެވެ. މިއަދުވެސް ތިބީ ހަމަ އެމީހުންނެވެ. ނުވަތަ އެމީހުންގެ ލެއިން އުފެދިފައިތިބި އަތޮޅުގެ ދަރިންނެވެ.

މިފަދަ ބައެއްގެ ގާތަށް މިނިވަން 50 ފާހަގަކުރުމުގެ ވާހަކަ ދައްކަން ކައުންސިލުން ދިއުމުން އެކަންކުރާކަށް އެއްބަހެއްނުވިއޭ ބުނުމަކީ ކާކު ގަބޫލުކުރާނެ ވާހަކައެއްހެއްޔެވެ؟ އެއިން އެނގޭ އެއްޗަކީ ކައުންސިލްގެ ނުކުޅެދުން ތެރިކަމެވެ. އެހެންނޫނީ އަތޮޅު ކައުންސިލުން މިނިވަން 50 ފާހަގަކުރަން ބޭނުންނުވާތީވެ އެކަން އަތޮޅު ރައްޔިތުންގެ ބޮލަށް ކަނޑާލަނީއެވެ.

މިނިވަން 50 ކުލަގަދަކޮށް ބޭއްވުމުގެ ބޭނުމަކީ އެއީމިދުނިޔޭގެ ހަޔާތުގައި އެއްވެސް މީހަކަށް މިފަދަ ދެވަނަ ފުރުސަތެއްނުލިބޭނެތީވެ ކުރަންޖެހޭކަމެކެވެ. އެއީގައުމުގެ މިއަދާއި މާދަމާގެ ދަރިންނަށް މި ގައުމު މިނިވަންކުރުމަށް ކާބަފައިން ކުރެއްވި މަތިވެރި ޖިހާދުގެ ސަފްހާތައް ކިޔައިދެވޭނެ އެންމެ ރީތި ގޮތަކީ މިއީކަމަށްވާތީއެވެ. މިނިވަންކަން ހޯދުމަށް ގައުމީ އަބްތާލުން ލެއިން ގުރުބާންވެ ދިޔަގޮތާ މިނިވަަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް ކާބައިން ކުރެއްވި ޖިހާދުގެ ވާހަކައިން އިލްމީ ބަހުސް ކުރުމާ ޖަލްސާތަކާ އެކިއެކި ކުޅިވަރު އިވެންޓްތައްވެސް ބާއްވައިގެންނެވެ. މިނިވަންކަމުގެ އުފަލުގައި މުޅި ގައުމު ބައިވެރިވެ “ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގާ ދިވެހީންގެ މުބާރަކު ފެހި ދަނޑުގައި ” ތިބެގެން  ގައުމުގައި އުފެދިފައިވާ ދެކޮޅުވެރިކަމާ ނޭއްގާނިކަމަށް ފަރުވާ ކުރުމަށް މިއަށްވުރެ ވަކިން ރަނގަޅު މުނާސަބަތެއް ނޯންނާނެއެވެ.

އެހެންނަމަވެސް ހިތާމައަކީ މިކަމުގައި އަތޮޅުކައުންސިލްގެ ވާޖިބު އަދާކުރުމުގައި އިހުމާލްވެފައިވުމެވެ.  އެމެންބަރުން އިންތިޚާބުކޮށްފަ ރައްޔިތުންގެ ފައިސާ އިން މުސާރަދީފައި ތިބެނީ އެހެންއެއްވެސް ކަމެއްކުރާކަށްނޫނެވެ. ރައްޔިތުންނަށް ޚިދުމަތްކުރާށެވެ. ރައްޔިތުންގެ ބޭނުންތަކާ އިހްސާސްތައް ދެނެގަނެ ރައްޔިތުންނާ ގުޅިގެން ފައިދާހުރި ކަންތައްތަކެއް ކުރާށެވެ. އޭގެ އިތުރުން ކައުންސިލްގެ މެންޑޭޓްގައި ހިމެނުނަސް ނުހިމެނުނަސް އަތޮޅުގެ ރަށްރަށުގެ އަހުލުވެރިންގެ ކިބައިގާ ގައުމިއްޔަތުގެ ރޫޙު އުފެއްދުމާއި ގައުމީކަންކަމާއި ގައުމީ ދުވަސްތައް ފާހަގަކުރަން މަސައްކަތްކުރަންޖެހޭނެއެވެ. އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭނެއެވެ.

ގައުމެއް ގައުމެއްގެ ގޮތުގައި ބޭއްވުމަށް އެގައުމުގައި ފާހަގަ ކުރެވޭ ޚާއްޞަދުވަސްތަކެއް އޮވެއެވެ. އެދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ގައުމިއްޔަތުގެ ރުކުނެކެވެ. މިނިވަންދުވަހާ ނަސްރުގެ ދުވަހާ ޖުމްހޫރީދުވަސްފަދަ ދުވަސްތަކަކީ މިގޮތުން ފާހަގަކުރެވޭ ދުވަސްތަކެވެ. އަތޮޅުތެރޭގައިނަމަ މިފަދަދުވަސްތައް އަތޮޅުފެންވަރުގައި ފާހަގަކުރުމަށް އިސްނެގުމާ އެހަރަކާތް ހިންގުމަކީ އެއަތޮޅެއްގެ ކައުންސިލްގެ ޒިންމާއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top