ރައީސުލްޖުމްހޫރިއްޔާއަށް އޮޅުވާލާކަށް ނުވާނެ !

53121_72bf414c-c_.jpg

ރައީސުލްޖުމްހޫރިއްޔާ އޭދަފުއްޓަށް 2014 ވަނައަހަރު ކުރެއްވި ދަތުރުފުޅުގައި ދެކުނުފަރާތު އަތިރިމަތީ ސަރަހައްދުގައި މަޑުކޮށްލައްވައިގެން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަކީ ގައުމުގެ އެންމެމަތީވެރިޔާއެވެ. ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކޮށްފައިވަނީ ރައްޔިތުންގެ ބޭނުންތަކާއި ނުފުދިފައިވާ އެދުންތައް ފުއްދައިދޭނެކަމުގެ ޔަގީންކަމާއެކުގައެވެ. އެމަނިކުފާނާއި އެމަނިކުފާނުގެ ކެބިނެޓް މަސައްކަތް ކުރައްވަނީ އެމަގުންކަމަށް މީގެ ދެދުވަސްކުރިން ހޯމް މިނިސްޓަރުވެސް ވަނީ ހަނދާން ކޮށްދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ ކެބިނެޓް މަސައްކަތް ކުރައްވަނީ ފިނިކުރި ކޮޓަރިއެއްގައި ތިއްބަވައިގެން ނޫންކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާޖިބާއި މަސްއޫލިއްޔަތާ އެއްގޮތަށް ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމާއި އާއްމު ހާލަތު ދެނެގަތުމުގެ ގޮތުން ރައްޔިތުންގެ ގާތަށް ވަޑައިގަތުމަކީ ކުރަން ޖެހޭ ކަމެކެވެ. އަތޮޅުތެރެއަށް ވަޑައިގަންނަވަނީ އެބޭނުމުގައެވެ.

އެގޮތުން އެމަނިކުފާނު މި މަހު އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން އޭދަފުށީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ސަމާލުކަމަށް މި ދަތުރުފުޅު ގެނައުމުގެ ގޮތުން ރޭ ވަނީ ކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކޮށްފައެވެ. ރައީސަށް މަރުހަބާ ދެންނެވުމަށް ކުރަން ހުރި ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރުމަކީ މި ބައްދަލު ވުމުގެ އެންމެ ބޮޑު ބޭނުމެވެ.

ރައީސް ވަޑައިގަތުމަކީ ރައްޔިތުންނަށް ލިބޭ އުފަލެކެވެ. ހަމައެއާއެކު ކުލަގަދަކޮށް އެމަނިކުފާނަށް މަރުހަބާ ކިޔަން ޖެހެއެވެ. ވަކި ކުލައެއްގެ ބައެއް ނޫނެވެ. ހުރިހާ ކުލައެއްގެ ހުރިހާ މީހުންވެސް އެކަމުގައި ބައިވެރިވުން އެއީ އަޅުގަނޑު ދެކޭ ގޮތެވެ. އެމަނިކުފާނު އެވަޑައިގަންނަވަނީ ރައްޔިތުންގެ ހާލު ގާތުން ބައްލަވާލެއްވުމަށާއި އުފާވެރި ޚަބަރު ތަކާއިގެން ކަމަށް ވާތީއެވެ. އެ ވަޑައިގަތުމުގެ ބޭނުމަކީ ރިޔާސީ އިންތިޚާބު ކައިރިވާތީ ރައްޔިތުންގެ ގާތަށް ނުފުއްދޭނެ ވައުދުތަކަކާ އެކު ވޯޓު ހޯއްދަވަންކަމަށް ގަބޫލު ކުރާ ހިތެއް ނުވެއެވެ.

އެކަމަކު ރައީސް ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމުގެ ގޮތުން ރަށުގެ އާއްމު ހާލަތު ފޮރުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ އެމަނިކުފާނަށް އޮޅުވާލުމެވެ. މިސާލަކަށް ރައީސް ވަޑައިގަންނަވާތީ ބޮޑު ޚަރަދުކޮށް ބޮޑު ދަރުބާރުގެ އެޅުމާއި ސީދާ މިކަމާ ގުޅުވައިގެން މަގުމަތީގެ ފާރުތައް އާބާތުރަ ފިލުވައި ވެއްޓިފައިހުންނަ ފާރުތައް ނަގާ ކޮޅަށް ޖަހައި އަލުން ފާރު ރޭނުމާއި މުޅި ރަށް ކާނިވަލެއްހެން ދިއްލާ އަޅާފައި ބޭއްވުމީ ރަށުގެ އާއްމު ހާލަތު އޮޅުވާލުމަކަށް ނުވާނެ ބާއެވެ؟ އެއީ ރަށުގެ އާއްމު ހާލަތަށް ފަސްއަޅައި ފޮރުވާލެވެނީއެއް ނޫންހެއްޔެވެ؟

މި ފަހަކުން ދެ ފަހަރެއްގެ މަތިން ރައީސް ، އޭދަފުއްޓަށް ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތައްޔާރުތަކެއް ކުރެވުނެވެ. އެކަމަށް ރަށެއްގެ ނިސްބަތުން ހަމަގައިމުވެސް ބޮޑެތި އަދަދުތަކުން ޚަރަދުތަކެއް ކުރެވުނެވެ. ރައްޔިތުންގެ ފައިސާއިން އެއްލައްކަ ރުފިޔާ ޚަރަދުކުރުމަށް ފާސް ކުރިއެވެ. ރައްޔިތުންގެ ބަޔަކު ކޮންމެ ދުވަހަކުހެން ސީދާ އެ ތައްޔާރީތައް ކުރުމަށް ދުވަސްތަކަކާއި ރޭތަކެއް ހޭދަކުރިއެވެ. އެހެންނަމަވެސް ދެފަހަރުވެސް އެހާ ބޮޑު ހަރަދު ތަކެއް ކުރުމަށް ފަހު، ފަހު ވަގުތު ފަހުގެ ތާރީޚަކަށް ދަތުރުފުޅު ބަދަލު ކުރުމުން އެކަމަށް ކުރި ބޮޑު ޚަރަދު ބޭކާރު ވެގެން ދިޔައީއެވެ. މަރުހަބާ ދެންނެވުމަށް ފޯރީގައި އަންބާ ކިޔަމުން އައި ރައްޔިތުން މާޔޫސް ވީއެވެ. އެއީ ކޮންމެ ފަރާތަކުން ކުރި ޚަރަދެއްނަމަވެސް މިއީ ވަރަށް ބޮޑު އިސްރާފަކަށް ނުވާނެ ގޮތެއް ނޯންނާނެއެވެ.

އަޅުގަނޑުމެންގެ އާއްމު ހާލަތު ގާތުން ބެއްލެވުމަށް ރައީސް ވަޑައިގަންނަވާއިރު ދައްކަން ޖެހޭނީ ރަށްއޮތް ގޮތެވެ. ރަށުގެ ބޭރު ތޮށި ވެއްޓިފައި އޮތްނަމަ ރައީސް ވަޑައިގަންނަވާތީއޭ ކިޔާފައި ރައްޔިތުން ނުކުމެ އެއީ ނުވާކަމަކަށް ހެދުމުގެ ގޮތުން  ތޮށިގަނޑު މަރާމާތު ކުރާކަށް ނުޖެހެއެވެ. އުމުރާނީ އަދި އިގްތިސާދީ ގޮތުން ރަށް އޮތް މަގާމާއި މަކާން އޭގެ ސައްހަ ގޮތުގައި ދެއްކުމަށް އެއްވެސް ތަނެއްގައި “ބާފޮތި” އަޅައިފިނަމަ ރައީސްގެ ދަތުރުފުޅުގެ މަގްސަދު އެ ގެއްލުނީ އެވެ.

އޭގެ މާނައަކީ ރައީސަށް މަރުހަބާ ދެންނެވުމަށް މުނާސަބު ކަންތައްތަކެއް ނުކުރާށެކޭ ނޫނެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވީތީ އަދާކުރަންޖެހޭ އިހްތިރާމާއި ޝަރަފް އެންމެ ތަންކޮޅެއްވެސް އުނިކުރުމެއްނެތި އަރުވަން ޖެހޭނެއެވެ. ބަލަން ޖެހޭނީވެސް އެއީ ރަށަށް އަންނަ ގައުމީ އީދެއްގެ ގޮތުގައެވެ. މަރްހަބާގެ ލަވަކިއުމާއި ޝުކުރުގެ ތަރާނާތައް އޮއްސަންވީއެވެ. މެހްމަން ދާރީ އަދާކުރުމުގައި ނަމޫނާ ދައްކަންވީއެވެ. ލަތީފު ޖިންސުގެ ކުދިންް މާފަތިތައް ހިފައިގެން މަރުހަބާގެ ލަވަތަކުގެ ހަމަތަކަށް ލެނބިލެނބިފައި ނަށަންވީއެވެ. ޒުވާން ބޮޑުބެރު ޖެހުންތެރިން އެކުދިންގެ އެފަންނުގެ ހުރި ކުޅަދާނަ ކަމެއް ދައްކަންވީއެވެ. ހަމައެއާއެކު ރަށުތެރެ ކުނިކެހުމާއި ސާފު ރީތި ރަށެއްކަން ދެއްކުމަށް ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރަންޖެހޭނެއެވެ.

އެކަމަކު ރައީސްގެ ދަތުރުފުޅުގެ އެޖެންޑާގައި ހަރުގެ އެޅުމާ ދަރުބާރުގެ އެޅުންފަދަ ރަށުގެ ހަގީގީ ކުލައާއި މަންޒަރު އަދި ގުދުރަތީ ވެށި ފޮރުވުމުގެ ބޭކާރު ޚަރަދުތައް ކުރުމުގެ ބަދަލުގައި އޮންނަން ޖެހޭނީ ކޮންމެ ފަރާތަކުން އެންގެވިކަމަށް ވިޔަސް ރައްޔިތުންނަށް ދަތިވާ ކަންކަމާއި އެވަގުތަކަށް ރަށަށް  ބޭނުންވާ އެންމެ މުހިއްމު ކަންތައްތަކުގެ ވާހަކަތަކެއް ނޫން ހެއްޔެވެ؟

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top