ކޮވިޑް 19: އޭދަފުށީ އާއްމު ވިޔަފާރިތައް މައްޗަށް ދިޔައިރު، ހާޑްވެއަރތައް ދަށަށް

DSCN4593.jpg

އޭދަފުށީގެ ފިހާރައަކުން ބަޔަކު ވިޔަފާރިކުރަނީ --އީވީ ފައިލް ފޮޓޯ

ކޮވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ދިރިއުޅުމަށް ގެނައި ކުއްލި ބަދަލުތަކާއެކު އޭދަފުށީގެ އާއްމު ވިޔަފާރިތައް މިދިޔަ ހަފްތާއެއްހާ ދުވަހު އާދަޔާ ހިލާފަށް މަތިވިއިރު، ހާޑްވެއަރ ވިޔަފާރިއާ، ގެދޮރު އިމާރާތްކުރާ ވިޔަފާރިތައް މާބޮޑަށް ދަށް ވެއްޖެއެވެ.

ވިޔަފާރިތަކަށް އައި ބަދަލުތައް އީވީއަށް އެނގުނީ ކޮވިޑް 19 އާގުޅިގެން މިކަމަށްޓަކައި މިހަފްތާ ބަންދުގައި އޭދަފުށީގެ ބައެއް ވިޔަފާރިވެރިންނާ ވާހަކަ ދައްކާލުމުންނެވެ.

އޭދަފުށީގައި ފުޅާދާއިރާއެއްގައި އާއްމު މުދާ ވިއްކާ ފަސްމުގޫ ފިހާރައިގެ ހެޑް އިސްމާއީލް ޝަހީމް ބުނީ މިދިޔަ ހަފްތާއަކީ ބިޒީ ހަފްތާއެއްކަމަށާ، ކާބޯތަކެތި މިދިޔަ ހަފްތާގައި އާދަޔާ ހިލާފަށް ވިކުނު ކަމަށެވެ.

“ވަތްގަނޑުތައް ފުރާލިން ހަމަ. މީހުންތައް އޮބިނޯވެގެން ދިޔައީ. އެންމެ ބޮޑަށް ހިނގީ މަސްދަޅާ، ބިސްކޯދު ޑަބިޔަލާ، ނޫޑުލްސް ކަހަލަ ސާމާނު. ކާބޯތަކެއްޗަށް މިދުވަސްކޮޅު މާބޮޑަށް ޑިމާންޑް ބޮޑުކޮށް ދައްކަނީ. އެކަމަކު މިހާރު އެކަން ނިމިއްޖެ.”

އިސްމާއީލް ބުނީ ލަފާކުރެވޭ ގޮތުން މިހެންދިމާވީ، ކޮރޯނާ ވައިރަސް އާގުޅިގެން ފެތުރެމުންދާ ތޯތޯ ވާހަކަތައް އަޑުއަހައިގެން މާބޮޑަށް ހާސްވެ ގޭގޭގައި ތަކެތި ގުދަން ކުރަންޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ

އޭދަފުށީގައި ފުޅާ ދާއިރާއެއްގައި އާންމު މުދާ ވިއްކާ ހީނާ އައިޓަމްސް އިންވެސް ބުނީ ވިޔަފާރި މިދުވަސްކޮޅު ރަނގަޅުކަމަށެވެ. އެފިހާރައިންވެސް ބުނީ ބޮޑަށް ވިކެނީ ބިސްކޯދު ޑަބިޔާ، ނޫޑްލްސް، މަސްދަޅު، އަދި ފިޔާ، ބިސްކަހަލަ ސާމާނު ކަމަށެވެ.

“އާދަޔާ ހިލާފު ބާރުގަނޑެއް އެރީ. މީހުންތައް ހާސްވެގެން އުޅޭ ކަހަލަ ގޮތަކަށް މިފެންނަނީ. ކޭސްކޭހުން ގަންނަން އަންނަ މީހުން ގިނަ” ހީނާ އައިޓަމްސް އޮފިޝަލް ބުންޏެވެ.

އާއްމު މުދާ ވިއްކާ ފިހާރަތަކުގެ ވިޔަފާރި ރަނގަޅު ނަމަވެސް ހާޑްވެއަރ ތަކުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އޭދަފުށީގެ އެންމެ ދުވަސްވީ ހާޑްވެއަރ މޮބައިލް ހާޑްވެއަރގެ މެނޭޖަރ އަބްދުއްރަހްމާން ބުނީ ވިޔަފާރި ސުމެއްކަމަށާ، ރޯދައިގެ ކުރިން ރަނގަޅުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

“ގިނަމީހުން ފަށައިފަ ހުރި މަސައްކަތްތައްވެސް ހުއްޓާލައިފި. ރޯގާއާ ގުޅިގެން. މީހުން އޯޑަރުކޮށްގެން ގެނެސްފަ އެހެރީ ބައެއް މުދާވެސް. އެކަމަކު މިވަގުތު ސްޓޮކްވެފަ. ވަރަށް ބޮޑު ގެއްލުން މިދުވަސްކޮޅު. އަނެއްކާ އަތޮޅު ތެރެއިންވެސް މީހަކު ނާދޭ.” މޮބައިލް ރަހުމާން ބުންޏެވެ.

ރަހް\ުމާންގެ އިތުރުން އޭދަފުށީގައި ތެލާއި، ގެދޮރު އިމާރާތްކުރާ ސާމާނު ވިއްކާ ވައިޓް ވޯލްގެ މެނޭޖަރވެސް މިކަމަށް އެއްބަސްވެއެވެ. ވައިޓްވޯލް މެނޭޖަރ ޒާކިރު ހުސައިން ބުނީ ކުރިޔާ އަޅާ ބަލާއިރު ފަސްބައިކުޅަ އެއްބައިވެސް ވިޔަފާރި މިހާރު ނުވާކަމަށެވެ.

“ފަސްބައިކޮށްފަ އެއްބައި މިހާރު މިލިބެނީ. ދަށްވީ ފަސްބައިކޮށްފަ ހަތަރުބައި. އެބައި މިހާރު ނުލިބޭ. އޭދަފުށީ މިހާކު އެއްޗެއް ނުގަނޭ. އަތޮޅު ތެރެއިން އަންނަމީހަކު ކުރާ ވިޔަފާރިއެއް މި އޮންނަނީ. ފައިސާ ނެތިގެން ވެސް ނޫން. ނުގަންނަނީ ހަމަ” ޒާކިރު ބުންޏެވެ.

އާއްމުންގެ ވިޔަފާރިތައް މި ގޮތަށް އޮތްއިރު އޭދަފުށީގައި އެސްޓީއޯއިން ހިންގާ ފިހާރައަށް ވެސް މިދިޔަ ހަފްތާއަކީ ބާރުބޮޑު ހަފްތާ އެކެވެ. އެފިހާރައިންވެސް ގިނައިން ވިކިފައިވަނީ ކާޑުގެ ބާވަތްތަކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top