ކުޅުދުއްފުށި ސަޕޯޓަރުންގެ ބާރުގައި އޭދަފުށި ހިފަހައްޓައިފި

jjj.jpg

މިއަދު އޭދަފުއްޓާ ކުޅުދުއްފުށި ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: ކުޅުދުއްފުށި ލައިވް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗްގައި ޗެންޕިއަން އޭދަފުށި މޮޅުވިޔަނުދީ ހިފައްޓައި ކުޅުދުއްފުށިން މުބާރާތުގެ އުއްމީދު އާކޮށްފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ރަސްމީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ކުޅުދުއްފުށީގެ ހާހެއްހާ ސަޕޯޓަރުންގެ ހުއްޓުމެއްނެތް ސަޕޯޓްގެ ކުރިމަތީގައި އޭދަފުށީ ޓީމުން މެޗް ފެށީ ރޮކެޓް ސްޕީޑްގައެވެ. އެގޮތުން ފުރަތަމަ ހާފްގައި ފުލުފުލުން އުފެއްދި ހަމަލާތަކުގައި ކެޕްޓަން މަޖީދު ކުޅުދުއްފުށީ ގޯލަށް ލަނޑެއްވެސް ޖެހިއެވެ. ނަމަވެސް އެއީ އޮފްސައިޑް ލަނޑެކެވެ. އޭދަފުށީގެ ފޯވާޑް ލައިންގެ ދެ ހަތިޔާރު ކަމުގައިވާ ސައްޓުއާ، ފާއްޓޭ ބޭނުންކޮށްގެން މެޗްގެ ފުރަތަމަ ހާފްގައި ކުޅުދުއްފުށީ ގޯލަށް ފޮނުވާލި ހޫނު ހަމަލާތަކުގެ ހުރަހަކަށްވީ މެޗްގައި އާދަޔާހިލާފު މޮޅު ކުޅުމެއްދެއްކި ކުޅުދުއްފުށީ ކީޕަރެވެ.

ދެވަނަ ހާފްގައި އޭދަފުށީ ޓީމުން ކުރިޔަށް ޖެހިގެން ކުޅުނު ނަމަވެސް ބޯޅަ ގޯލް ދާގަނޑުގައި ތަތްކޮށްލެވޭ ގޮތެއް ނުވިއެވެ. އަދި ޓީމް ފެނުނީ ވަރުބަލިކޮށެވެ. ނަތީޖާއެއްގެ ގޮތުން ކައުންޓަރ އެޓޭކްތަކުގައި ކުޅުދުއްފުށިން ލަނޑު ނުޖެހީ ހަމަކިރިޔާއެވެ.

މެޗަށްފަހު އޭދަފުށީ ޓީމްގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ ދިމާވި ބޮޑު މައްސަލައަކީ ޓީމް އެކުގައި ޕްރެކްޓިސް ނުކުރެވުމުގެ މައްސަލަ ކަމަށެވެ. އަދި ދަނޑުގެ މައްސަލަވެސް އޭނާ ފާހަގަކުރިއެވެ.

“ރޭ އަޅުގަނޑުމެންގެ މުހިއްމު 5 ކުޅުންތެރިން ޓީމާ ގުޅުނީ. ކުރިންވެސް ބުނިހެން މުޅިޓީމް އެއްކޮށް ޕްރެކްޓިސް ނުކުރާ މައްސަލަ އެބައޮތް. ދެން އޭދަފުށީ ދަނޑަކީ ވެލިދަނޑެއް. މިތަނުގަ ވިނަ ދަނޑެއްވީމަ އުނދަގޫތައް އެބަހުރި. އެހެންނަމަވެސް ނަތީޖާއާމެދު ހިތްހަމަޖެހޭ”

ކުޅުދުއްފުށީ ޓީމުގެ ކޯޗު މުޙައްމަދު ދާއުދޫ ބުނީ އޭދަފުށި ހިފެހެއްޓުމަށް ޖެހި މަޅި ކާމިޔާބުވި ކަމަށެވެ. އަދި ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

“އަޅުގަނޑުމެން ރޭވީ ހަމަ ފަހަތަށް ޖެހިގެން އޭދަފުށި ހިފަހައްޓައިގެން ކުޅެން. ސަޕޯޓަރުންގެ ހިތްވަރުވެސް ގަދަވެގެން މިހެންވީ. ޗެންޕިއަނުންނާ ކުޅެ ޕޮއިންޓެއް ލިބުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް”

މި ގްރޫޕްގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ. މިލަންދޫ އާއި އއ. މާޅޮހެވެ. އޭދަފުށީގެ ދެވަނަ މެޗުގައި ޖުލައި 10 ވަނަ ދުވަހު ނިކުންނާނީ ށ. މިލަންދޫއާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top