ކީ ސްޓޭޖް ދަރިވަރުންނާއި ފައުންޑޭޝަންގެ ދަރިވަރުން ހަފްތާއަކު ފަސް ދުވަހު ސްކޫލަށް ދާ ގޮތަށް ދެވަނަ ޓާމުގެ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސާކިއުލާއެއް ނެރެފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު މި ސާކިއުލާގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރެމުންދާ ރަށެއްގެ ސްކޫލްތަކުގެ ކްލާސްތަކުގައި އެކަކު އަނެކަކާއި ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށެވެ. ހަމައެއާއެކު އޮންލައިން ކްލާސްތަކާއި، ސްކޫލަށް ގޮސްގެން ކިޔަވާދެވޭނެ ގޮތެއް ނެތްނަމަ، ޓެލެކިލާސް މެދުވެރިކޮށް ކިޔަވާދެވޭނެ ގޮތް ހަމަޖައްސުމަށްވެސް އެ ސާކިއުލާގައި ވެއެވެ.
މީގެ އިތުރުން، ސްކޫލްތަކުގައި ކިޔަވާ ދޭ ދަރިވަރުންގެ އަދަދަށް ބަލައި ސްކޫލްތައް ވަނީ ތިން ކެޓެގަރީއަކަށް ބަހާފައެވެ. އެގޮތުން އެއް ދަންފަޅިއަކަށް ކިޔަވައިދެވޭ ސްކޫލްތަކުން ގައިދުރުކަން ބަހައްޓައިގެން ހަފްތާއަކު ފަސް ދުވަހު ކިޔަވައި ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަަމަށް ބުނެފައި ވެއެވެ.
ދެ ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލްތަކުންވެސް ގައިދުރުކަން ބަހައްޓައިގެން ހަފްތާއަކު ފަސް ދުވަހު ކިޔަވައި ދޭނެ ކަމަށް ބުނެފައި ވެއެވެ.
ތިންވަނަ ކެޓަގަރީގައި ބުނެފައި ވަނީ، ދެ ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލްތަކުން ގައިދުރުކަން ބަހައްޓައިގެން ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ހާޒިރު ވެވިދާނެ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށް ދެ ހަފުތާއިން ޖުމްލަ ފަސް ދުވަހު ސްކޫލަށް ހާޒިރު ވެވެން ޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ސްކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ އިތުރުން ސީދާ ސްކޫލަށް ގޮސްގެން ކިޔަވާދެވޭނެ ކަމަށް ބުނެފައި ވެއެވެ.
މި ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ދަރިވަރުން ސްކޫލަށް ވައްދާނީ ހުން ބެލުމަށްފަހުގައި ކަމަށެވެ. އަދި ސްކޫލު އަލުން ހުޅުވުން ބަހާލާފައިވަނީ ތިން ފިޔަވައްސަކަށެވެ. ފުރަތަމަ ކެޓަގަރީގައި، ކޮވިޑާ ގުޅިގެން ލޮކްޑައުން ކޮށްފައިވާ ރަށްރަށުގެ ސްކޫލުތައް ބަންދުވާއިރު، ދެ ވަނަ ކެޓަގަރީގައި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ، ކީސްޓޭޖް އެކަކުން ފަހަކަށް ހަފްތާއަކު ފަސް ދުވަހު، 4-5 ގަޑިއިރަށް އަދި ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވާ ދެވޭނީ ހަފްތާއަކު ފަސް ދުވަހު ދެ ގަޑިއިރަށް ކަމަށް ބުނެފައި ވެއެވެ. މީގެ ތެރެއިން އެއްގަޑިއިރު، އަތް ދޮވުމަށާއި، ޓެމްޕަރޭޗަރ ބެލުމަށާއި، ސްކޫލަށް ވަނުމަށާއި، ނުކުތުމަށާއި، ކުޅިވަރުތަކަށް ހާއްސަ ކުރަން ވާނެ ކަމަށް ބުނެފައި ވެއެވެ.