ކޮވިޑްގެ ފިޔަވަޅުތަކާ ޚިލާފުވާ ފަރާތްތައް އެއްލައްކައާއި ހަމައަށް ޖޫރިމަނާ!

coronavirus-testing.jpg

ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭ އަދަދު ބޮޑުކޮށްފި އެވެ.

ޖޫރިމަނާ ކުރެވޭ އަދަދު ބޮޑުކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އެކުލަވާލާ އާންމުކޮށްފައިވާ “އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު”ގައިވާ ގޮތުން އާންމު ފަރުދެއް ނަމަ، 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގާނޫނީ ސަޚްސެއް ނަމަ، 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ އެވެ.

އާންމު ފަރުދެއް ނަމަ ޖޫރިމަނާ ކުރެވޭ އަދަދުތައް:

  • އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާ
  • އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާ
  • އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާ
  • އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާ

ގާނޫނީ ޝަހުސެއް ނަމަ ޖޫރިމަނާ ކުރެވޭ އަދަދު

  • އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާ
  • އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާ
  • އެންގުމާ ހިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާ
  • އެންގުމާ ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާ
  • އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާ

މީގެ ކުރިން އެންގުމާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ އަކީ 1،000 ރުފިޔާ އެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އާ އުސޫލަށް އަމަލު ކުރާނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާންކުރުމަށް ފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރި ކޮށްފައިވާ މީހާ، ކަރަންޓީނުގެ އަމުރާ ނުވަތަ އެކަހެރިވުމުގެ އަމުރާ ހިލާފުވެއްޖެނަމަ ބޮޑު އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ. އޭގެ އިތުރުން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށާއި ތަންތަނަށް ވަދެ އަދި ނިކުތުމުގެ އިތުރުން ނުރައްކާތެރި ބައްޔެއް ހުރި ނުވަތަ ޝައްކު ކުރެވޭ މީހެއްގެ މައުލޫމާތު އެނގިހުރެ ސިއްރު ކުރާ ފަރާތްތައް ވެސް ބޮޑު އަދަދު ޖޫރިމަނާކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އުސޫލުގައި އިތުރަށް ބުނެފައިވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނެސްފި ނަމަވެސް އެ ފަރާތެއް ޖޫރިމަނާކުރާނެ ކަމަށެވެ.

އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ޕޮލިސް ސާވިސް އިން ކަމަށް ވެސް އުސޫލުގައި ހިމަނާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top