އިސްލާމީ ލަފްޒުތައް ބޭނުން ކުރަންވާނީ އޮންނަގޮތަށް: އިސްލާމިކް މިނިސްޓްރީ

120367_69467f9d-4_-1200x800.jpg

އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު – ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރްއީ މުޞްޠަލަޙުތައް (ލަފްޒުތައް) ބޭނުން ކުރަންވާނީ ޝަރުޢުގައި އެ މުޞްޠަލަޙަތެއް ބޭނުން ކުރަމުންދާ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު އެމިނިސްޓްރީން ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އިތުރަށް ބުނީ “މިސާލަކަށް: ޒިނޭ ވާނީ ޒިނޭއަށެވެ. ކައިވެނި ވާނީ ކައިވެންޏަށެވެ. ލިވާޠު ވާނީ ލިވާޠަށެވެ”

އަދި އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެފައި، މިފަދަ ޝަރުއީ މުޞްޠަލަޙުތަކުގެ ޝަރުއީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މިހެން ބުނެފައިމިވަނީ ޑީއެންއޭ އެވިޑެންސް އާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ލިޔުއްވާފައިވާ ލިޔުއްވުމަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ޕީޖީގެ އެ ލިޔުމުގައި ވަނީ ފުރަތަމަ ޤާނޫނުލްއުގޫބާތުގެ ދިވެހި ޑްރާފްޓު ލިޔުނުއިރު، “ޒިނޭ” މިބަސް ނެތް ކަމަށާއި އެ ބަސް ނެތީ، ކުށްތަކަށް ނަން ދެވިފައި ހުރި ގޮތަށް ގެނައި ބަދަލަކާއެކު ކަމަށެވެ. އޭރު ބޭނުން ކޮށްފައި އޮތީ “ޖިމާޢު” ވުމެވެ.

“ޤާނޫނުލްޢުޤޫބާތުގައި ކުށްތަކަށް ދީފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެންނެވި ބަދަލުތަކާއެކު “ޒިނޭ” މި ބަސް އަނބުރާ ގެނެސް، ޒިނޭގެ ދެވައްތަރެއްގެ ކުށް ބަޔާންކުރާގޮތަށް ޤާނޫނުލްޢުޤޫބާތު ފާސްވެގެން ދިޔައީއެވެ. މިސަބަބަށްޓަކައި، ޤާނޫނުލްޢުޤޫބާތު ކިޔަވައިދިންއިރު އަޅުގަނޑުމެން ކިޔައިދެމުން އައީ ‘ބަހަކީ ބަހެއް ނޫން’ ކަމަށާއި، ‘ބަހަކީ އެއަށް އަޅުގަނޑުމެން ދޭ މާނައެއް’ ކަމަށެވެ. އޭގެ ބޭނުމަކީ، ބަހުގެ ޤައިދުން ނެއްޓި، ފުޅާކޮށް، ނަތީޖާ ނެރެވޭ ގޮތަށް ވިސްނުން ބަދަލުކުރަން މަސައްކަތް ކުރުމެވެ” ޕީޖީ ވިދާޅުވިއެވެ.

އަދި ޝަރުޢީ ޒިނޭއާއި ޤާނޫނީ ޒިނޭގެ ތަފާތަކީ ސާބިތުކުރަން ހުށަހަޅާ ހެއްކާއި އަދަބު ކަމަށާއި ޝަރުޢީ ޒިނޭ ސާބިތު ކުރަން ހުށަހަޅަނީ އިސްލާމީ ޝަރީޢަތުގައި ބުނާ އިޢުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަހަށް ކަމަށްވާއިރު ޤާނޫނީ ޒިނޭ ސާބިތު ކުރަން، ޤާނޫނީ ގޮތުން ހުއްދަ ކޮންމެ ހެއްކެއް ހުށަހެޅޭ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝަރުޢީ ޒިނޭއަށް އޮތް އަދަބަކީ 100 އެތިފަހަރުން ޖަލްދު ކުރުމެވެ. ގާނޫނީ ޒިނޭއަކަށް އެ އަދަބެއް ނެތް ކަމަށާއި އޮތީ، ގާނޫނުލްއުގޫބާތުގައި އޮތް އަދަބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ޤާނޫނީ ޒިނޭއެއް ސާބިތުވެގެން ޖަލްދު ނުކުރެވޭނެކަމަށް ގާނޫނުލްއުގޫބާތު ގައި ލިޔެފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top