އަލަށް އިންތިޚާބުވި ކައުންސިލުތަކާ ރައީސް ބައްދަލު ކުރައްވަން ފައްޓަވައިފި

fgf.jpg

ރައީސް، އިބްރާހީމް މުހައްމަދު ސޯލިހް

އަތޮޅުތަކުގެ ކައުންސިލުތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުންނާއި ބައްދަލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައިފި އެވެ.

ކައުންސިލުތަކަށް އަލަށް އިންތިހާބުވި މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް ސޯލިހް ފެއްޓެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ފުރަތަމަ ބައްދަލުކުރައްވާފައިވަނީ  މުލަކަތޮޅު ދިއްގަރު ކައުންސިލާއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް، ރައީސް ކުރިޔަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާމް ވަނީ ސަރުކާރުން އެ ރަށުގައި ކުރިއަށްގެންދާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށާ  އެ މަޝްރޫއު ކުރިޔަށް ދާގޮތާމެދު ހިތްހަމަޖެހޭކަން ކައުންސިލުގެ ފަރާތުން ފާހަގަކޮށްފައެވެ.

އިތުރަށް ބޭނުންވާ ކަންކަން ފާހަގަ ކުރައްވަމުން ނިޝާމް ވިދާޅުވީ އެރަށުގައި ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ހުރުމުގެ މުހިންމުކަމާ އަދި ބޭސް ލިބުމުގައި މިހާރު ރޭވިފައި ހުރި އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުންވެސް ރަށުގެ ތައުލީމާއި މަސްވެރިކަމާ ގުޅޭ ކަންކަމުގެ ތެރެއިން މުޅި ރައްޔިތުނަށް  ބޭނުންވެފައިވާ ކަންކަން ފާހަގަކޮށް ރައީސްގެ ސަމާލު ކަމަށް ގެންނެވިއެވެ.

މި ބައްދަލުވުމުގައި ދިއްގަރު ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުންނާއި އެ ދާއިރާގައި ސަރުކާރުން ކުރިޔަށްގެންދާ އެކިއެކި މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ރައީސް ވަނީ ކައުންސިލަރުންނާއި ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top